މުނިފޫހިފިލުވުން

ސޯނަމް އާއި އާނަންދް މުމްބާއީގެ މަޝްހޫރު ރިދަމް ހައުސް ގަނެފި

ފިލްމީ ތަރި ސޯނަމް ކަޕޫރު އަދި އޭނާގެ ފިރިމީހާ އާނަންދް އަހުޖާ މުމްބާއީގައި ހުރި މަޝްހޫރު މިޔުޒިކް ފިހާރައެއް ކަމުގައިވާ ރިދަމް ހައުސް ގަނެފިއެވެ.

އެ މައުލޫމާތު ހިއްސާކުރި ބްލޫމްބާގް ނޫހުގައި ވާ ގޮތުގައި މި ދެމަފިރިންގެ ކުންފުނި ބާނޭ ގްރޫޕުން ވަނީ 3،600 އަކަފޫޓުގެ ރިދަމް ހައުސް 478.4 މިލިއަން ރުޕީސްއަށް (ގާތްގަނޑަކަށް 47.8 ކްރޯޑު ރުޕީސް) އަށް ގަނެފައެވެ.

މި މިޔުޒިކް ފިހާރައަކީ އެތަން ކުރީން ހިންގި ފަރާތްކަމުގައިވާ ފަޔަސްޓާރ ޑައިމަންޑް އިންޓަނޭޝަނަލް ޕްރައިވެޓްގެ ވެރިފަރާތް، ނިރަވް މޯދީ ބިިލިއަން ޑޮލަރުގެ ބޭންކު ލޯނުތަކަށް ޑިފޯލްޓްވުމާ ގުޅިގެން 2018 ގައި ބަންދުކޮށްފައިވާ ފިހާރައެކެވެ.

ބާނޭ ކުންފުންޏަކީ ޝާހީ އެކްސްޕޯޓްސް ޕްރައިވެޓްގެ ބައެކެވެ. މިއީ އާނަންދްގެ ބައްޕަ ހަރީޝް އަހުޖާގެ މިލްކިއްޔާތުގައިވާ އަދި އިންޑިއާގެ އެންމެ ބޮޑެތި އަންނައުނު އުފައްދާ ކުންފުނިތަކުގެ ތެރެއިން އެއް ކުންފުންޏެވެ. މި ކުންފުނިން ޔުނިކްލޯ، ޑެކަތްލޮން އަދި އެޗް އެންޑް އެމް ފަދަ ބައިނަލްއަގްވާމީ ބްރޭންޑްތަކަށް އަންނައުނު ސަޕްލައިކުރެއެވެ.

1940 ގައި ހުޅުވި ރިދަމް ހައުސްގައި އެއްޒަމާނެއްގައި ޕަންޑިތް ރަވީ ޝަންކަރު، ޖެތުރޯ ޓަލްގެ އިއާން އެންޑަރސަން އަދި ގިނަ އަދަދެއްގެ ބޮލީވުޑް ތަރިން މިޔުޒިކް ކުޅެފައިވެއެވެ.

މީގެ ހަފުތާތަކެއް ކުރިން، ސޯނަމްގެ ބަފައިބެ ހަރީޝް އަހުޖާ ވަނީ ލަންޑަނުގެ ނޮޓިން ހިލް ސަރަހައްދުން 231.47 ކްރޯޑު ރުޕީސްގެ ޕްރޮޕަޓީއެއް ގަނެފައެވެ. ބްލޫމްބާގް އިން ބުނާ ގޮތުގައި ސޯނަމް އާއި އާނަންދް ވަނީ މި ޕްރޮޕަޓީ އަލުން ތަރައްގީކުރުމަށްފަހު އޭގެ ބައެއް އެމީހުންގެ ދިރިއުޅުމަށް ބޭނުންކުރުމަށް ރާވައިފައެވެ. މި ޕްރޮޕަޓީގައި 20،000 އަކަފޫޓުގެ ޖާގަ ހިމެނެއެވެ. މި ޕްރޮޕަޓީގެ އަނެއް ބައި ފްލެޓްތަކަކަށް ބަދަލުކުރާގޮތަށް ވަނީ ހަމަޖައްސާފައެވެ.