ކްރިތީ ސެނޯންގެ އަންނަން އޮތް ފިލްމު 'ޑޯ ޕައްޓީ' ގައި، އޭނާ ފުރަތަމަ ފަހަރަށް ދެ ދައުރެއް އަދާކުރާނެ އެވެ. އެއް ފަރާތުން ފެންނާނީ މަޑުމައިތިރި އަދި ސާދާ ސައުމްޔާގެ ގޮތުގައެވެ. އަނެއް ފަރާތުން ސައުމްޔާގެ ސެކްސީ، މަޖާކުރަން ލޯބިވާ، ބޮއިފްރެންޑް ވަގަށް ނަގާ އެއްބަނޑު އެއްބަފާ ދޮންދަރި ޝައިލީގެ ގޮތުގައެވެ. ކާޖޯލް އޭނާއާއެކު ފުލުހެއްގެ ދައުރުން މި ފިލްމުގައި ފެނިގެންދެއެވެ. ޓީވީ ތަރި ޝަހީރު ޝެއިޚް މި ރޮމޭންޓިކް ތްރިއްލާއިން ބޮލީވުޑަށް ތައާރަފުވާނެއެވެ.
ފާއިތުވި ހަފުތާގައި، 'ޑޯ ޕައްޓީ'ގެ އާ ލަވައެއް ކަމުގައިވާ 'އަކިޔާން ދޭ ކޯލް' ނެރުނެވެ. މި ލަވައިގައި ކްރިތީ ލައިގެން ހުންނަނީ ރަތްކުލައިވެ ލެޓެކްސް ކެޓްސޫޓެކެވެ. އޭނާ ލައިގެން ހުންނަ ހެދުމުގެ ސަބަބުން އެކަނިވެސް ލަވައިގެ ހޫނުކަން އިތުރުވެއެވެ. އޭނާ ލަވައިގައި ރީތިކޮށް ފެނުނު ނަމަވެސް، މިހާރު އޭނާއަށް ތުހުމަތު ކުރެވެނީ އައިޝްވަރިޔާ ރާއީ ބައްޗަންގެ ސްޓައިލް ކޮޕީކުރިކަމަށެވެ.
އިންޓަނެޓް ބޭނުންކުރާ ގިނަ މީހުންނަށް ކްރިތީގެ ހުކް-ސްޓެޕްއާއި އައިޝްވަރިޔާގެ އައިކޮނިކް މޫވްމަންޓްތަކާ ދެމެދު ވަރަށް ގިނަ އެއްގޮތް ކަންތައްތަކެއް ފެނިފައިވެއެވެ. މިއީ ދޫމް 2 (2006) ގެ ޗާޓްބަސްޓާ ހިޓް ލަަވަ 'ކްރޭޒީ ކިޔާ ރޭ' ގައި ސުންހެރީގެ ގޮތުގައި އައިޝްވަރިޔާ ކުޅުނު ލަވައެވެ.
އެ ލަވައިގެ ކްރޭޒީ ކޮރިއޯގްރަފީއާއި އައިޝްވަރިޔާގެ ސްޓައިލިޝް ހެދުންތައް އަދިވެސް ގިނަ ބައެއްގެ ހަނދާނުގައި އެބަހުއްޓެވެ. މިއަދާ ހަމައަށްވެސް، އެއީ އެ އެކްޓަރުގެ ހައިރާން ކުރުވަނިވި ފިލްމޯގްރަފީގެ އެންމެ ކޫލް މިޔުޒިކް ވީޑިއޯތަކުގެ ތެރެއިން އެއް މިޔުޒިކެވެ. ރިތިކް ރޯޝަންއާއެކު އޭނާގެ ކެމިސްޓްރީއަކީ އެންމެ ފުރިހަމަ ޗެރީ އޮން ޓޮޕް ފަދައެވެ. އެހެންނަމަވެސް، އިންޓަނެޓް ބޭނުންކުރާ މީހުނަށް ކްރިތީގެ ވާޝަނާ މާ ގަޔައެއް ނުވިއެވެ. އޭނާއަށާއި، ކޮރިއޯގްރަފީއަށާއި އަދި ލަވައަށްވެސް ވަރަށް ބޮޑަށް ފާޑުކިޔުން ވަނީ އަމާޒުކޮށްފައެވެ.
ފާޑުކިޔުންތައް ހުރި ނަމަވެސް މި ފިލްމު ހުކުރު ދުވަހު ނެޓްފްލިކްސްގައި ރިލީސްކުރަން ހަމަޖައްސާފައިވާއިރު ކްރިތީގެ ދެ ކެރެކްޓަރަކާ ކާޖޮލް ފުލުހެއްގެގޮތުގައި މައްސަލަ ހައްލު ކުރާނެ ގޮތަކީ ކޮބައިތޯ ބަލަން ގިނަ ބައެއްގެ ޝައުގުވެރިކަން އެބަހުއްޓެވެ.