އަދާލަތު ޕާޓީ އާއި ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ) 50 ހާސް ރުފިޔާއިން ޖޫރިމަނާކޮށްފި އެވެ. އެ ދެޕާޓީ އިލެކްޝަންސް ކޮމިޝަނުން ޖޫރިމަނާ ކުރީ ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނާ މުއްދަތުގައި އޮޑިޓް ރިޕޯޓު ހުށަހަޅާފައި ނުވާތީ އެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ، އަދާލަތާއި ޑީއާރްޕީގެ އިތުރުން ޕީޕީއެމްވެސް ޖޫރިމަނާކޮށްފައިވާ ކަމަށެވެ.
ސިޔާސީ ޕާޓީތަކުގެ ގާނޫނުގައިވާ ގޮތާ ހިލާފަށް ސިޔާސީކަންތައްތައް ބަލަހައްޓާފައިވާކަމަށް ޕީޕީއެމްގެ އޮޑިޓް ރިޕޯޓްގައި އޮޑިޓަރު ފާހަގަކޮށްފައިވާތީ އެޕާޓީ 20،000 ރުފިޔާއިން ޖޫރިމަނާ ކުރުމަށް، އަދި އެ ޕާޓީގެ ފައިސާގެ ކަންތައްތައް ބަލަހައްޓާފަރާތް 5،000 ރުފިޔާއިން ޖޫރިމަނާ ކުރުމަށް ނިންމާފައިވާ ކަމަަށެވެ.
ހަ ސިޔާސީ ޕާޓީއަކުން އޮޑިޓް ރިޕޯޓް ހުށައަޅަންޖެހޭއިރު މުއްދަތު ހަމަވިރު ރިޕޯޓް ހުށައަޅާފައިވަނީ މޯލްޑިވިއަން ޑިމޮކްރެޓީކް ޕާޓީ (އެމްޑީޕީ) އާއި ޖުމްހޫރީ ޕާޓީ (ޖޭޕީ) އާއި މޯލްޑިވްސް އެލަޔަންސް ޑިވޮލޮޕްމަންޓް (އެމްޑީއޭ) އާއި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އެވެ.
ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ވާގޮތުން ކޮންމެ އަހަރެއް ނިމޭތާ 90 ދުވަހުގެ ތެރޭގައި އެ ސިޔާސީ ޕާޓީގެ އޮޑިޓް ރިޕޯޓް ހުށައަޅަންޖެހޭނެއެވެ. ސީޔާސީ ޕާޓީތަކުގެ ގާނޫނުގައިވާ ގޮތުން ކަނޑައަޅާފައިވާ މުއްދަތުގައި އޮޑިޓް ރިޕޯޓް ހުށަނާޅާ ޕާޓީތައް 20،000 ރުފިޔާއާއި 50،000 ރުފިޔާއާއި ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެއެވެ. އަދި ކޮންމެ ޕަޓީއަކުންވެސް އެޕާޓީއެއްގެ ފައިސާ ކަންކަން ބަލަހައްޓަން ކަނޑައަޅާފައިވާ ފަރާތެއް 5،000 ރުފިޔާއާއި 10،000 ރުފިޔާާއި ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމުގެ ބާރުވެސް ސީޔާސީ ޕާޓީތަކުގެ ގާނޫނުން ވަނީ އިލްކެޝަންސް ކޮމިޝަނަށް ދީފައެވެ.