މުނިފޫހިފިލުވުން

ބިންނީ އެންޑް ފެމިލީގެ ސީކުއިލެއް ނެރުމަށް ނިންމައިފި

ބޮލީވުޑްގެ ތަރި ވަރުން ދަވާންގެ ކޮއްކޮ އަންޖަނީ ދަވާން ބޮލީވުޑަށް ތައާރަފުވީ 27 ސެޕްޓެމްބަރު 2024 ގައި ރިލީޒްކުރި "ބިންނީ އެންޑް ފެމިލީ" ފިލްމުންނެވެ. ޕަންކަޖް ކަޕޫރު ވެސް ތަމްސީލުކުރާ، ސަންޖޭ ތުރިޕާތީ ޑައިރެކްޓްކުރި އެ ފިލްމަކީ އާއިލީ ޑްރާމާ އެކެވެ.

އެ ފިލްމަށް އާންމުންނާއި އިންޑަސްޓްރީގެ ގިނަބައެއްގެ ފަރާތުން ބޮޑު ތަރުހީބެއް ވަނީ ލިބިފައެވެ. މި ލޯތްބާއި ތަރުހީބު ފެނުމާއެކު، ފިލްމުގެ ޕްރޮޑިއުސަރުން ވަނީ "ބިންނީ އެންޑް ފެމިލީ 2" ގެ ނަމުގައި ސީކުއަލްއެއް އަންނާނެކަން އިއުލާންކޮށްފައެވެ.

ފިލްމު އުފެއްދި ފަރާތުން ހިއްސާކޮށްފައިވާ ޕޯސްޓުގައި ބުނެފައިވަނީ ކުރިން ފިލްމުގެ ސީކުއިލަކަށް ތައްޔާރުވެފައި ނުވިނަމަވެސް ހުރިހާ އުމުރުފުރައެއްގެ މީހުންވެސް މި ފިލްމަށް ދިން ލޯތްބާއި ޝައުގުވެރިކަމުގެ ސަބަބުން އެކަން ކުރަން ނިންމީ ކަމުގައެވެ.

"ބިންނީ އެންޑް ފެމިލީ" އަކީ ޖީލުތަކުގެ ދެމެދުގައި ހުރި ތަފާތުތަކުގެ މައްސަލައަށް އަލިއަޅުވާލާފައިވާ އާއިލީ މުނިފޫހިފިލުވުމުގެ ފިލްމެކެވެ. އަންޖަނީ ދަވާންގެ އިތުރުން، މި ފިލްމުގައި ޕަންކާޖް ކަޕޫރު، ހިމާނީ ޝިވްޕުރީ، ރާޖޭޝް ކުމާރު، ނަމާން ތުރިޕާތީ އަދި ޗާރު ޝަންކަރު މުހިންމުރޯލުތަކުން ފެނިގެންދެއެވެ. މި ފިލްމު އުފައްދާފައިވަނީ މަހާވީރު ޖައިން ފިލްމްސް އާއި ވޭވްބްރޭންޑް ޕްރޮޑަކްޝަންސްއިންނެވެ. މި ފިލްމު ހުށަހަޅާފައިވަނީ އެކްތާ އާރު ކަޕޫރުގެ ބާލާޖީ ޓެލެފިލްމްސް އިން، ޝަޝަންކް ކައިލާން އަދި މްރިގްދީޕް ސިންގް ލަމްބާ އާ އެކުގައެވެ.