ގޫގުލް އިން ހުއާވޭ ސަސްޕެންޑް ކޮށްފިއެވެ.
ޗައިނާގެ އެންމެ ވަރުގަދަ އެއް ޓެލެކޮމް ކުންފުނި ހުއާވޭ އަށް އެންޑްރޮއިޑްގެ އޮޕަރޭޓިންގ ސިސްޓަމްގެ އަޕްޑޭޓް ވެސް ނުލިބޭގޮތަށް ސަސްޕެންޑް ކޮށްފައި މިވަނީ އެމެރިކާގެ ރައީސް ޓްރަމްޕްގެ ސަރުކާރުގެ އެންގުމަށް ބޯލެނބުމުގެ ގޮތުން ކަމަށް ގޫގުލް އިން ބުނެއެވެ.
ޓްރަމްޕުގެ ހާއްސަ ގަރާރެއްގެ ދަށުން ހުއާވޭ ބުލޮކް ކުރަން ނިންމާފައި ވަނީ ޖާސޫސުކުރުމުގެ ބިރުއޮތުމުގެ ސަބަބުން ކަމަށް މައުލޫމާތު ލިބެއެވެ. އެމެރިކާއިން ވަނީ ހުއާވޭގެ 5ޖީ ގެ ސަބަބުން އެމެރިކާގެ އިންޓެލިޖެންސް ގެ މައުލޫމާތު ލީކުވުމުގެ ފުރުސަތު އޮތް ކަމަށް ބުނެފައެވެ.
ގޫގުލް އިން ވަނީ ހުއާވޭގެ ދެން ނިކުންނަ ފޯނުތަކުގައި ގޫގުލްގެ ގިނަ އެޕްތަކުގެ ހިދުމަތް ނުލިބޭނެ ކަމަށް ބުނެފައެވެ. އޭގެތެރޭގައި ގޫގުލް ޕްލޭސްޓޯރް އަދި މެޕްސް އާއި ޖީމެއިލް އަށް ނުވަދެވިދާނެ ކަމަށް ވަނީ ބުނެފައެވެ.
އެމެރިކާގެ މި ނިންމުމާ ގުޅިގެން ޗިޕް އުފައްދާ ކުންފުނިތަކުން ހުއާވޭއަށް ޗިޕް ސަޕްލައި ނުކުރާނެ ކަމަށް ބުނެފައިވެއެވެ. އިންޓެލް، ކުއަލްކޮމް އަދި ޒިލިންސް ފަދަ ކުންފުނިތަކުން ވަނީ ޗިޕް ފޯރުކޮށް ނުދޭނެކަމަށް ބުނެފައެވެ.
ހުއާވޭ އިން އަދި މިހާތަނަށް މިކަމާގުޅިގެން އެއްވެސް ބަޔާނެއް ނެރެފައި ނުވާއިރު އެކުންފުނިން ޕްލޭން ބީއެއް ގެންގުޅޭ ކަމަށް މީގެ ކުރިން ވަނީ ބުނެފައެވެ. އެގޮތުން އަމިއްލަ އޮޕަރޭޓިންގ ސިސްޓަމެއް ތައްޔާރުކުރަމުން އަންނަ ކަމަށް ހުއާވޭއިން ވަނީ ބުނެފައެވެ.