ފިލްމުތައް އަލުން ދެއްކުމުގެ ޓްރެންޑާ އެއްގޮތަށް، "އަޖަބް ޕްރޭމް ކީ ގަޒަބް ކަހާނީ" ގެ ފަރާތުން އެ ފިލްމު އަލުން ބޮޑެތި ސްކްރީންތަކުގައި ދައްކާނެކަން އިއުލާނުކޮށްފިއެވެ. ކެޓްރީނާ ކައިފް އަދި ރަންބީރު ކަޕޫރު ލީޑް ރޯލް އަދާކުރި މި ފިލްމު ނެރުނީ 2009 ވަނަ އަހަރުއެވެ. އެ އަހަރުގެ އެންމެ ބޮޑެތި ހިޓްތަކުގެ ތެރެއިން އެއް ފިލްމަށް އެ ފިލްމު ވެގެން ދިޔައެވެ.
މިކަން އިއުލާނުކުރަމުން، ފިލްމުގެ ފަރާތުން ހިއްސާކޮށްފައިވާ ޕޯސްޓުގައިވަނީ "ޕްރޭމް އަދި ޖެނީ ސިނަމާތަކަށް އަނބުރާ އަންނައިރު، ލޯބި އަދި ރަހުމަތްތެރިކަން ފާހަގަކުރާށެވެ.
މި ފިލްމަކީ ޕްރޭމް (ރަންބީރު ކަޕޫރު) ނަމަކަށް ކިޔާ އުފާވެރި އަދި ކަންކަމާ މާބޮޑަށް ނުވިސްނާ މީހެއްގެ ވާހަކައެވެ. އޭނާ އޭނާގެ ރައްޓެހީންނާއެކު "ހެޕީ ކްލަބް" ހިންގައި، މީސްމީހުންނަށް ތަފާތު ގޮތްގޮތުން އެހީތެރިވާން މަސައްކަތްކުރަމުން ދަނިކޮށް ކްރިސްޓިއަން އަންހެން ކުއްޖެއް ކަމުގައިވާ ޖެނީ (ކެޓްރީނާ ކައިފް) ދެކެ ލޯބިވެވެއެވެ. ނަމަވެސް ޖެނީގެ ކޮލެޖްގައި އުޅޭ ރައްޓެއްސަކު ދެކެ އޭނާއަށް ވަނީ ލޯބިވެވިފައެވެ. ޕްރޭމްގެ އަމިއްލަ ލޯބި ހޯދުމުގެ ބަދަލުގައި ނިންމަނީ ޖެނީ އާއި ރާހުލް ގުޅުވައިދޭށެވެ. އަދި އާދައިގެ މަތީން، މިކަމުގެ ސަބަބުން އެކި ކަހަލަ ހަލަބޮލިކަން އުފެދެއެވެ.