މުނިފޫހިފިލުވުން

ސިންގަމް އަގެއިން ގައި ސަލްމާންގެ ހާއްސަ ފެނިލުމެއް

ރޯހިތު ޝެޓީގެ ކޮޕް ޔުނިވާސް ފިލްމު ސިންގަމް އަގެއިން ގައި މަގުބޫލު އެކްޓަރު ސަލްމާން ޚާންގެ ހާއްސަ ފެނިލުމެއް ފެނިގެންދާނެ ކަން އާންމުކޮށްފިއެވެ.

އެކަން ރޯހިތު ޝެޓީ ފިލްމްސް އިން ނެރުނު ނޫސް ބަޔާނަކުން ކަށަވަރުކޮށްދީފައިވާއިރު މިއީ ސަލްމާނަށް ސަލާމަތީ ނުރައްކާ ތަކަކާ ކުރިލާން ޖެހިފައިވާ ދަނޑިވަޅެކެވެ. ނަމަވެސް ސަލާމަތީ ނުރައްކާތަކާ ދެކޮޅަށްވެސް، މަސައްކަތްތައް މެދުނުކަނޑައި ކުރިއަށް ގެންދާން ސަލްމާން ބޭނުންވެއެވެ.

ފިލްމުގައި ސަލްމާން ފެނިގެންދާނީ އޭނާގެ މަގުބޫލު ފުލުހުންނަށް ހާއްސަ ފިލްމު ޑަބަންގް ގައި ކުޅެފައިވާ ރޯލު ކަމަށްވާ ޗުލްބުލް ޕާންޑޭގެ ރޯލުންނެވެ.

ދާދި ފަހުންވަނީ، ގިނަ ބަޔަކު އިންތިޒާރުކުރަމުން އަންނަ މި ފިލްމުގެ ޓްރެއިލާ ރިލީސް ކޮށްފައެވެ. ފިލްމުގައި އަޖޭ ދޭވްގަން، ކަރީނާ ކަޕޫރު ޚާން، ދީޕިކާ ޕަޑްކޯން، އަކްޝޭ ކުމާރު، ޓައިގަރ ޝްރޮފް، އަދި ރަންވީރު ސިންގް ފަދަ ތަރީން ހިމެނެއެވެ. ގާތްގަނޑަކަށް 5 މިނެޓު ދިގު، ތަރީން ގިނަ މި ޓްރެއިލާގައި އެކްޝަން މަންޒަރުތަކާއި މަޝްހޫރު ޑައިލޮގްތައް ހިމަނާފައިވެއެވެ.

“ސިންގަމް އަގެއިން" އަކީ ރޯހިތު ޝެޓީގެ ސިލްސިލާ ފިލްމުތަކުގެ ތެރެއިން ނެރޭ ތިންވަނަ ބައެވެ. މީގެ ފުރަތަމަ ފިލްމު "ސިންގަމް" ނެރުނީ 2011 ވަނަ އަހަރުއެވެ. މި ފިލްމުގައި ލީޑްރޯލުން ފެނިފައި ވަނީ ކާޖަލް އަގަރްވާލް އަދި ޕްރަކާޝް ރާޖް އެވެ. އޭގެ ފަހުން 2014 ގައި "ސިންގަމް ރިޓާންސް" ނެރުނެވެ. މި ދެ ފިލްމަކީވެސް ބޮކްސް އޮފީހުގައި ވަރަށް ކާމިޔާބު ފިލްމުތަކެއްގެ ގޮތުގައި ފާހަގަކުރެވިފައިވާ ފިލްމުތަކެވެ.

ފިލްމު ރިލީސްކުރުމަށް ނިންމާފައިވަނީ އަންނަމަހު އެކެއްގައެވެ.