ފަސް އަހަރު ތެރޭގައި ޓައިގާ ޝްރޮފް ވަނީ ބޮލީވުޑްގެ އެންމެ އުހުގައި ފިޔަޖަހާ އެކްޝަން ތަރިންގެ ތެރޭގައި ހިމެނިގެން ގޮސްފައެވެ.
ޓައިގާ ފެނިގެންދާ ކޮންމެ ފިލްމެއްގައިވެސް އޭނާގެ ހުނަރުތައް އަންނަނީ ބެލުންތެރިންގެ ހިތާ ކުޅެލަމުންނެވެ.
މިވަގުތު ޓައިގާ ކުޅުމަށް ހަމަޖެހިފައިވާ ތިން ފިލްމެއް ވާއިރު އޭގެ ތެރޭގައި ބާގީ ތިނެއް ހިމެނެއެވެ. އެއާއެކު ސިލްވެސްޓާ ސްޓަލޯން ގެ "ރާމްބޯ" ވެސް ހިމެނެއެވެ. ޓައިގާ އަންނަނީ ފިލްމުގެ ޑައިރެކްޓަރުން ކަމުގައިވާ އަހުމަދު ޚާން އަދި ސިދްއާތް އާނަންދް އާއެކު ފިލްމުގައި އޭނާ ހަދަން ޖެހޭ ސްޓަންޓްތަކުގެ ފަރިތަކުރުންތައް ފަށާފައެވެ. ފިލްމުގައި އޭނާ ފެނިގެންދާ ގޮތުގެ ފަސްޓް ލުކްގެ ޕޯސްޓަރުވެސް ވަނީ ނެރެފައެވެ.
ފަހުގެ ރިޕޯޓްތައް ބުނާ ގޮތުގައި ރާމްބޯގެ ރީމޭކުގައި ކުރިން ނުފެންނަ އެވޭޓަރެއްގެ ރޯލުން ޓައިގާ ފެނިގެންދާނެއެވެ. ޓައިގާ އަކީ ކުޑައިރުން ފެށިގެންވެސް ސިލްވެސްޓާގެ ފޭނެއް ކަމަށާއި ރާމްބޯގެ ރީމޭކެއް ހެދުމަށް ލިބުމުން ވަގުތުން އެއަށް ޓައިގާ އެއްބަސްވިކަމަށްވެއެވެ.
ޓައިގާގެ މަގްސަދަކީ ހޮލީވުޑްގެ މި ފިލްމުގެ ރީމޭކުން އޭނާއަށް ހޮލީވުޑުން ފުރުސަތު ހޯދުމެވެ.