ރިޔާސީ ލޯންޗު ކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލާގައި ޖަލަށް ހުކުމްކުރި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ދެ ބޮޑީގާޑުންގެ މައްޗަށް އިއްވި ދިހަ އަހަރުގެ ހުކުމް ވެސް ހައިކޯޓުން ބާތިލުކޮށްފިއެވެ.
ހަސަން ރިކާޒުއާއި އަހުމަދު އާމިރުގެ މައްޗަށް އިއްވި ހުކުމް ހައިކޯޓުން ބާތިލުކޮށްފައިވަނީ އެދެމީހުންގެ ފަރާތުން އެމައްސަލަ އިސްތިއުނާފު ކުރުމުންނެވެ.
ހައިކޯޓުގެ ހުކުމުގައިވަނީ ދަށު ކޯޓުން އެ މައްސަލަ ނިންމާފައިވަނީ ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ ހެކީންނާއި ސުވާލުކުރުމުގެ ފުރުސަތާއި ދިފާއީ ހެކި ހާޒިރުކޮށް ސުވާލުކުރުމުގެ ފުރުސަތާއި ގާނޫނުގައި ބުނާ މިންގަނޑަށް ހެކި ވަޒަންކުރުމަކާ ނުލައި މައްސަލަ ނިންމާފައިވާތީ، އެމައްސަލަ ނިންމުމުގައި ހެއްކާއި ގަރީނާގެ ސައްހަކަން ސާފުނުކޮށް މައްސަލަ ނިންމާފައިވާތީއެވެ.
ސިޔާސީ އެކި އެކި ސަބަބުތަކަށްޓަކައި ގާނޫނުއަސާސީއާއި، ދިވެހިރާއްޖެ ބައިވެރިވެފައިވާ އިންސާނީ ހައްގުތަކާއިބެހޭ ބައިނަލް އަގްވާމީ މުއާހަދާތަކާ ކަނޑައެޅިގެން ޚިލާފަށް ހިންގާފައިވާ ޖިނާއީ ތަހުގީގުތަކުގެ މައްޗަށް ބިނާކޮށް ދައުވާ އުފުލާ ފަރާތަށާއި ފަނޑިޔާރުގެއަށް ނުފޫޒު ފޯރުވައިގެން އިޖުރާއާތުތަކާ ޚިލާފަށް ހުކުމް ކޮށްފައިވާ މައްސަލައެއްކަމަށް ވެސް ހުކުމުގައި ވެއެވެ.
އެހެންކަމުން ހަސަން ރިކާޒްގެ މައްސަލަވެސް އަލުން ބެލުމަށް ހުކުމުގައިވެއެވެ. އަދި ކުރިމިނަލް ކޯޓުގެ މައްސަލަ ބައްލަވާ ފަނޑިޔާރުން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމާހަމައަށް ރިމާންޑް ޖަލެއްގައި ހަސަން ރިކާޒް ބަންދުގައި ބެހެއްޓުމަށާއި، އެ 15 ދުވަހުގެ ތެރޭގައި ހަސަން ރިކާޒްގެ ބަންދާމެދު ގޮތެއް ކަނޑައެޅުމަށް ކްރިމިނަލް ކޯޓުގައި މައްސަލަ ބައްލަވާ ގާޒީއަށް ޕީޖީ ހުށަހަޅަންވާނެ ކަމަށް ވެސް ހުކުމުގައި ވެއެވެ.
އަދި މީގެއިތުރުން އަދީބުގެ ބޮޑީގާޑެއް ކަމަށްވާ އަހުމަދު އާމިރުގެ ފަރާތުންވެސް އެމައްސަލަ އިސްތިއުނާފު ކުރުމުން މިއަދު ވަނީ ހައިކޯޓުން އޭނާގެ މައްޗަށް އިއްވި ދިހަ އަހަރުގެ ހުކުމް ބާތިލުކޮށް އަލުން އެމައްސަލަ ވެސް ބެލުމަށް ދަށުކޯޓަށް ހުށަހަޅަން ޕީޖީއަށް އަންގައި އަމުރުކޮށްފައެވެ.
އާމިރުގެ މައްޗަށް ދަށު ކޯޓުން އިއްވި ހުކުމް ބާތިލުކޮށް ހައިކޯޓުން މިއަދު ފާހަގަކުރި ކަންކަމުގެ ތެރޭގައި އާމިރުގެ މައްޗަށް ހިންގި ޝަރީއަތް ހިންގާފައިވަނީ ފަނޑިޔާރުގެއަށް ނުފޫޒު ފޯރުވައިގެން ގާނޫނީ އިޖުރާއާތުތަކާ ޚިލާފަށްކަން ފާހަގަކޮށްފައިވެއެވެ.
އަދީބުގެ އޭރުގެ ދެ ބޮޑީގާޑުން ކަމަށްވާ ހަސަން ރިކާޒާއި އަހުމަދު އާމިރު 10 އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމްކުރީ 2016 ގައެވެ.