ބުރާސްފަތި ދުވަހުން ފެށިގެން ހިއްސާގެ ފައިދާ ދޫކުރަން ހަމަޖައްސާފައިވާ ކަމަށް އެސްޓީއޯއިން ބުނެފިއެވެ.
އެސްޓީއޯއިން ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ، 16 މޭ 2019 ވީ ބުރާސްފަތި ދުވަހު އެކުންފުނީގެ 2018 ވަނަ އަހަރުގެ އަހަރީ އާއްމު ޖަލްސާގައި 2018 ވަނަ އަހަރުގެ ކުންފުނީގެ ފައިދާއިން ހިއްސާއަކަށް 58 ރުފިޔާ ބެހުމަށް ފާސްކޮށްފައިވާތީ، 23 މޭ 2019 ވާ ބުރާސްފަތި ދުވަހުން ފެށިގެން އެ ފައިސާ އެސްޓީއޯގެ މައިއޮފީހުން ދޫކުރަން ފެށާނެ ކަމަށެވެ.
ހިއްސާގެ ފައިދާ ނަގަން ހިއްސާދާރުން އަންނައިރު، އައިޑީކާޑު ނުވަތަ ސެޓްފިކެޓް ގެންނަން ވާނެ ކަމަށާއި، ބަދަލުގައި އެހެން ފަރާތެއް ފޮނުވާނަމަ، އެފަރާތުގެ އައިޑީކާޑުގެ ކޮޕީއާއެކު ހިއްސާދާރުގެ އައިޑީކާޑު ހުށައަޅަންވާނެ ކަމަށް އެސްޓީއޯއިން ބުނެއެވެ. އަދި ހިއްސާގެ ފައިދާ ބޭންކަށް ޖަމާކުރުމަށް މިހާރު ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކުގެ އެކައުންޓަށް 23 މޭ 2019 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ފައިސާ ޖަމާކޮށްދެވޭނެ ކަމަށް ވެސް އެސްޓީއޯއިން ބުނެއެވެ.
މީގެ އިތުރުން ހިއްސާގެ ފައިދާ ބޭންކް އެކައުންޓަށް އަލަށް ޖަމާކުރަން ބޭނުންވާ ފަރާތްތަކުން "ބޭންކް އެކައުންޓަށް ޖަމާކުރުމަށް އެދޭ ފޯމް" ފުރުމަށްފަހު ހުށައަޅަން ޖެހޭނެކަމަށް އެސްޓީއޯއިން ބުނެ އެވެ.