ބޮލީވުޑްގެ ތަރީންގެ ދަރީންނާ ދެކެ ފޭނުން ވަރަށް ބޮޑަށް ލޯބިވެ، އެމީހުންނަށް ޝައުގުވެރިކަން ދިނުން އިތުރުވެފައިވެއެވެ. ތަރީންގެ ދަރީންނަށް ފިލްމުތަކުގައި މަސައްކަތްކުރުމުގެ ފުރުސަތު ލިބެނީ އެމީހުންގެ އާއިލާތަކުގެ ސަބަބުންނެވެ. އަދި މަޝްހޫރުކަންވެސް ލިބެނީ އެ ގުޅުންތަކުގެ ސަބަބުންނެވެ.
އެހެނަސް، އިންޑިއާގެ އެންމެ މުއްސަނދި ސްޓާ ކިޑް އަކީ ކިތަންމެ މަގުބޫލު އެކްޓަރެއް އަދި ޑައިރެކްޓަރެއްގެ ދަރިއެއް ކަމުގައިވީނަމަވެސް އޭނާ އަކީ އޭނާގެ ޕާފޯމަންސްތަކުން މީހުންގެ ހިތްތައް ހޯދުމަށް ވަރަށް ބުރަކޮށް މަސައްކަތްކޮށްފައިވާ ތަރިއެކެވެ.
މި ދައްކަނީ ބޮލީވުޑްގެ އެކްޓަރު ރިތިކް ރޯޝަންގެ ވާހަކައެވެ. އޭނާއަކީ އިންޑިއާގެ އެންމެ މުއްސަނދި ސްޓާކިޑެވެ. ރިޕޯޓުތަކުގައިވާ ގޮތުން، ރިތިކްގެ ސާފު މުދަލުގެ އަގަކީ 3,100 ކްރޯޑު ރުޕީސް (370 މިލިއަން އެމެރިކާ ޑޮލަރެވެ. މިއީ ސައިފް އަލީ ޚާން (1,200 ކްރޯޑު ރުޕީސް)، އަބީޝެކް ބައްޗަން، ރަންބީރު ކަޕޫރު (400 ކްރޯޑު ރުޕީސް)، އަދި އާލިއާ ބަޓް (550 ކްރޯޑު ރުޕީސް) ފަދަ އެހެން އެކްޓަރުންނަށް ވުރެ މަތީ އަދަދެކެވެ.
މީގެ އިތުރުން، ރިތިކްގެ ސާފު މުދަލުގެ އަގު ދެކުނު އިންޑިއާގެ ތަރީންކަމުގައިވާ ރާމް ޗަރަން (1,340 ކްރޯޑު ރުޕީސް)، ޖޫނިއަރ އެން.ޓީ.އާރު (500 ކްރޯޑު ރުޕީސް)، އަދި ޕްރަބާސް (300 ކްރޯޑު ރުޕީސް) ގެ ސާފު މުދަލުގެ އަގަށްވުރެ ވެސް މަތިވެފައި ވެއެވެ. އާމިރު ޚާން (1,800 ކްރޯޑު ރުޕީސް)، ރަޖްނީކާންތު (400 ކްރޯޑު ރުޕީސް)، އަދި ސަލްމާން ޚާން (2,900 ކްރޯޑު ރުޕީސް) އަށްވުރެވެސް ތިރިކްގެ މިލްކިއްޔާތު ބޮޑެވެ.
ރިތިކް ފިލްމުތަކުން ވަރަށް ބޮޑު އާމްދަނީއެއް ހޯދައެވެ. އޭނާ ވަނީ އެކި ވިޔަފާރިތަކުގައި ވެސް އިންވެސްޓްކޮށްފައެވެ. ރިޕޯޓުތަކުގައިވާ ގޮތުން ޕްރޮޖެކްޓަކަށް 85 ކްރޯޑު ރުޕީސް އޭނާ ނަގައެވެ. އޭނާގެ ސާފު މުދަލުގެ އަގުގެ ބޮޑު ބައެއް އަންނަނީ އަމިއްލަ ސްޕޯޓްސްވެއާ ބްރޭންޑް، އެޗް.އާރު.އެކްސް އިންނެވެ. ދަ ފައިނޭންޝަލް އެކްސްޕްރެސްގެ ރިޕޯޓެއްގައިވާ ގޮތުން، ރިތިކްގެ ކުންފުނީގެ އަގަކީ 1,000 ކްރޯޑު ރުޕީސް އެވެ. އޭނާއަކީ އެންމެ ކާމިޔާބު ވިޔަފާރިވެރީންގެ ތެރެއިން އެކެއްކަމުގައިވެސް ވެއެވެ.
ރިތިކް އެންމެ ފަހުން ފެނިފައިވަނީ ފިލްމު "ފައިޓަރ" އިންނެވެ. އެ ފިލްމުގައި އޭނާ ވަނީ ދީޕިކާ ޕަދުކޯން އަދި އަނިލް ކަޕޫރުއާއެކު މަސައްކަތްކޮށްފައެވެ.