ވިޔަފާރި

ސެންޗޫރިއަން ޕަބްލިކް ލިމިޓެޑް ކުންފުނިން ހިއްސާއަކަށް 3.50 ރުފިޔާ ބަހަން ފާސްކޮށްފި

އަލީ އިހްސާން

ސެންޗޫރިއަން ޕަބްލިކް ލިމިޓެޑް ކުންފުނިން ހިއްސާއަކަށް 3.50 ރުފިޔާ ބަހަން ފާސްކޮށްފިއެވެ.

ސެންޗޫރިއަން ޕަބްލިކް ލިމިޓެޑުން ވަނީ، 2018 ވަނަ އަހަރުގެ އެކުންފުނީގެ ތިންވަނަ އަހަރީ އާންމު ޖަލްސާ މިދިޔަ ބުރާސްފަތި ދުވަހު ޗަންފާ ސެންޓްރަލް ހޮޓެލްގައި ބާއްވައިފަ އެވެ.

އެ ޖަލްސާގައި ކުންފުނީގެ ވިޔަފާރީއަށް ބަލައި، ހިއްސާދާރުންގެ މެދުގައި ހިއްސާގެ ފައިދާ ބެހުމަށް ވޯޓަށް އަހާފައިވެ އެވެ. އެގޮތުން ހިއްސާދާރުންގެ މެދުގައި ނެގި ވޯޓުން ކުންފުނިން ފައިދާގެ ގޮތުގައި ބަހަން ނިންމާފައިވަނީ 2018 ވަނަ އަހަރު ކުންފުންޏަށް ލިބިފައިވާ ފައިދާގެ ތެރެއިން 50% އަށްވާ 2,793,646.50 (ދެމިލިއަން ހަތްލައްކަ ނުވަދިހަ ހަ ސަތޭކަ ސާޅީސް ހަރުފިޔާ ފަންސާސް ލާރި) ކަމަށް އެ ކުންފުނީން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

އެ ޖަލްސާގައި ވާހަކަ ދައްކަވަމުން ކުންފުނީގެ ޗެއަރމަން ކެޕްޓަން އަހްމަދު މައުމޫން ވިދާޅުވީ، މިދިޔަ އަހަރުގެ ހިއްސާގެ ފައިދާ ބަހަން ނިންމާފައިވަނީ، 15 މެއި 2019 ގެ ނިޔަލަށް ކުންފުނީގެ ހިއްސާދާރުންގެ ގޮތުގައި ރަޖިސްޓްރީ ކުރެވިފައިވާ މީހުންނަށް ކަމަށެވެ. ޖަލްސާގައި ކުންފުނީގެ 2019 ވަނަ އަހަރުގެ އޮޑިޓަރުންގެ ގޮތުގައި ކުންފުނި އޮޑިޓް ކުރުމަށް ހަމަޖައްސައިފައިވަނީ ކުރީ އަހަރުވެސް ކުންފުނީގެ އޮޑިޓް ފާމްގެ ގޮތުގައި މަސައްކަތްކުރި ކޭ.ޕީ.އެމް.ޖީ އެވެ.