މުނިފޫހިފިލުވުން

19 އަހަރަށް ފަހު މަހޭޝް ބަޓް އަލުން ފިލްމު ޑައިރެކްޓް ކުރަން ފަށަނީ

މުހައްމަދު އައުޒަމް

ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު މަހޭޝް ބަޓް ދިގު މުއްދަތަކަށް ފަހު އަނެއްކާވެސް ފިލްމު ޑައިރެކްޓު ކުރަން ނިންމައިފިއެވެ. މަހޭޝްގެ މިފަހަރުގެ ފެށުމުގެ ގޮތުން ފުރަތަމަވެސް ޑައިރެކްޓް ކުރަނީ 1991 ވަނަ އަހަރު މަޝްހޫރުވެގެން ދިޔަ އަދި އެތަކެއް އެވޯޑްތަކެއް ހޯދި ފިލްމު "ދަޑަކް"ގެ ދެވަނަ ފިލްމު "ދަޑަކް 2" އެވެ.

"ދަޑަކް 2" ގެ ލީޑްރޯލުން ފެނިގެންދާނީ ސަންޖޭ ދަތާއި ޕޫޖާ ބަޓް އަދި އަދިތިޔާ ރޯއީގެ އިތުރުން އާލިއާ ބަޓްއެވެ. ޕޫޖާ ބަޓް އަދި ސަންޖޭ ދަތު ވަނީ 1991 ގައި ނުކުތް "ދަޑަކް" ގެ ފުރަތަމަ ފިލްމުގައި ވެސް ބައިވެރިވެފައެވެ. "ދަޑަކް" ގެ ފުރަތަމަ ފިލްމުގެ ވާހަކަ ބިނާކުރެވިފައި ވަނީ ޓެކްސީ ޑުރައިވަރަކު ހަށިވިއްކުމުގެ ޝިކާރައަކަށް ވެފައިވާ އަންހެން ކުއްޖަކު ދެކެ ލޯބިވެ އެކުއްޖާ އެކަމުން ސަލާމަތް ކުރަން ކުރާ މަސައްކަތެވެ.

"ދަޑަކް 2" ރިލީސް ކުރުމަށް ހަމަޖެހިފައިވަނީ 2020 ވަނަ އަހަރުއެވެ. 29 އަހަރަށް ފަހު " ދަޑަކް "ގެ ދެވަނަ ބައި ނުކުންނައިރު މިއީ މަހޭޝް ބަޓް ޑައިރެކްޓް ކުރާ ފުރަތަމަ ފިލްމަކުން އޭނާގެ އަންހެން ދަރި އާލިއާ ބަޓް ފެނިގެންދާނެ ފުރަތަމަ ފަހަރެވެ. އެ ފިލްމާ ގުޅޭގޮތުން ވާހަކަ ދައްކަމުން މަހޭޝް ވަނީ އޭނާގެ އެނބުރި އައުން ވަރަށް އަސަރުގަދަވާނެ ކަމަށް ބުނެފައެވެ. އެގޮތުން މި ފިލްމުން ލޯބިން އުޅެމުންދާ އާއިލާއެއް ރޫޅި އެކަމުގެ ހިތާމަކޮށް ހިތްދަތި ދިރިއުޅުން ފެނިގެންދާނެ ކަމަށް އޭނާ ފާހަގަކުރިއެވެ.

މަހޭޝްގެ 70 ވަނަ އުފަންދުވަހު އާލިއާ ބަޓް ވަނީ އޭނާގެ އިންސްޓަގްރާމުގައި "ދަޑަކް 2" މަހޭޝް ޑައިރެކްޓު ކުރުމަކީ އާލިއާގެ ހުވަފެނެއް ހަގީގަތަކަށްވާނެ ވަރުގެ ކަމެއްކަމަށް ބުނެފައެވެ. އަދި އުންމީދު ނުކުރާ ކިތަންމެ ކަމެއް ވެއްޖެ ކަމަށް އާލިއާ ވަނީ ފާހަގަ ކޮށްފައެވެ. އެ ޕޯސްޓުގައި އާލިއާ ވަނީ ބައްޕައަށް ވަރަށް ތައުރީފު ކޮށްފައެވެ.