ރިޕޯޓް

ޓެކްސް ބޮޑުކުރުން މަޖުބޫރު، ހަރަދުތައް އިތުރަށް ކުޑަކުރުންވެސް މަޖުބޫރު!

އަނެއްކާވެސް ދައްކަން މި ޖެހެނީ އެއް ވާހަކައެކެވެ؛ ދުނިޔޭގެ އެންމެ އަގުބޮޑު ރިސޯޓްތައް އޮތް ގައުމެވެ. ފަތުރުވެރީން އަންނަ އަދަދު ވަނީ އިތުރެވެ. އެކަމަކު މާލީ ހާލަތު އޮތީ އަނދަވަޅެއްގަ އެވެ. ޑޮލަރުގެ ތާށިކަމަށް ނިމުމެއް ނާދެއެވެ. ބޯމަތީގައި އޮތް ބޮޑެތި ދަރަނިތަކުން ޖަހަނީ ބަނގުރޫޓުވުމުގެ ބިރުވެރި ރަނގަބީލެވެ. އެހެންވީމާ ބޭންކަށް ޑޮލަރު ވައްދަން މަޖުބޫރު ކުރުމުން މަހުޖަނުން ރަތަށް އެރިޔަސް މި ވާހަކަ ދައްކަން ޖެހެނީއެވެ.

ދެން އުފެދެނީ ސުވާލެކެވެ؛ ރާއްޖޭގައި 181 އަށްވުރެ ގިނަ ރިސޯޓް އެބަ އޮތެވެ. ހޮޓާތަކާއި ގެސްޓްހައުސްތައް އެއްކޮށްލީމާ ޓޫރިޒަމް ފެސިލިޓީތަކުގެ އަދަދު ހާހަކަށްވުރެ އިތުރެވެ. ބައެއް ރިސޯޓްތަކުގެ މުޅި އަހަރުގެ ފައިދާ އެތައް ސަތޭކަ މިލިއަނަކަށް އަރަ އެވެ. މަހުޖަނުން ތިބެނީ ހިނިތުންވެފައެވެ. އެކަމަކު ދައުލަތަށް ޓޫރިޒަމް ޓެކުހުން އަހަރަކު ލިބޭ އާމްދަނީ އަކީ އެންމެ 8.7 ބިލިއަން ރުފިޔާ އެވެ. ނުވަތަ 572 މިލިއަން ޑޮލަރެވެ. އޭގެ ތެރެއަށް ގްރީން ޓެކްސް ލައިފިނަމަ 9.7 ބިލިއަން ނުވަތަ 637 މިލިއަން ޑޮލަރެވެ.

މިއީ ގަބޫލު ކުރެވޭ ވަރުގެ އަދަދެއް ހެއްޔެވެ؟

އަހަރެއް ފަހުން އަނެއްކާވެސް ޓީޖީއެސްޓީ ބޮޑުކުރުން

ފަތުރުވެރިކަމުގެ ސިނާއަތުގެ މުދަލާއި ހިދުމަތުން ނަގާ ޓީޖީއެސްޓީއަކީ ރައީސް މައުމޫން އަބްދުލްގަޔޫމުގެ 2020ގެ ތަސައްވުރުގައި ނަގަން ނިންމާފައި އޮތް ޓެކުހެކެވެ. ގިނަ ބަޔަކާ ދެކޮޅަށް އެ ޓެކްސް ނަގަން ފެށީ 2011 ވަނަ އަހަރު ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގަ އެވެ. ފުރަތަމަ ޓީޖީއެސްޓީގެ ގޮތުގައި ނެގީ 3.5 ޕަސެންޓެވެ. އެ ފަހުން އައި ހުރިހާ ވެރިކަމެއްގައިވެސް މި ޓެކުހާ އޮޅުލުން އޮވެއެވެ.

އެގޮތުން ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، 2014 ވަނަ އަހަރު ގާނޫނަށް ގެނައި އިސްލާހުގެ ދަށުން ޓީޖީއެސްޓީ 12 ޕަސެންޓަށް ބޮޑު ކުރި އެވެ. އެއީ 8.5 ޕަސެންޓުގެ ބޮޑުވުމެކެވެ. އޭގެ 8 އަހަރު ފަހުން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި 2023 ވަނަ އަހަރު އެ ޓެކްސް ބޮޑުކުރި އެވެ. އެ ފަހަރު ބޮޑުކުރީ 12 ޕަސެންޓުން 16 ޕަސެންޓަށެވެ.

އެ ބަދަލު ގެނައިތާ އަހަރެއް ފަހުން މި ސަރުކާރުން މިހާރު ވަނީ ޓީޖީއެސްޓީ 16 ޕަސެންޓުން 17 ޕަސެންޓަށް ބޮޑުކުރަން ނިންމައިފަ އެވެ. އެ ބަދަލު ގެންނާނީ 1 ޖޫން 2025 އިން ފެށިގެންނެވެ. ސަރުކާރުން ބުނާ ގޮތުން އެ ބަދަލާއެކު ދައުލަތުގެ ބަޖެޓަށް އަހަރަކު 200 މިލިއަން ރުފިޔާގެ ކުރިއެރުމެއް ލިބޭނެ އެވެ.

ގްރީން ޓެކްސް 100 ޕަސެންޓަށް ބޮޑުކޮށް، އެއާޕޯޓު ޓެކްސްތަކަށް ބޮޑު ބަދަލެއް

2016 ވަނަ އަހަރު ތައާރަފު ކުރި ގްރީން ޓެކުހުގެ ގޮތުގައި މިހާރުވެސް ނަގަނީ ރިސޯޓުތަކާއި ސަފާރީ އަދި ހޮޓާތަކުގައި ޗުއްޓީ ހޭދަކުރާ މީހުންގެ އަތުން ހަ ޑޮލަރެވެ. ގެސްޓްހައުސްތަކުގައި ޗުއްޓީ ހޭދަކުރާ މީހުންގެ އަތުން ތިން ޑޮލަރެވެ.

ސަރުކާރުން ހުށަހަޅާފައިވަނީ އަންނަ ޖެނުއަރީ މަހުން ފެށިގެން ގްރީން ޓެކްސް 100 ޕަސެންޓަށް ބޮޑުކުރުމަށެވެ. އެ ބަދަލާއެކު ރިސޯޓުތަކުން ޓޫރިސްޓެއްގެ ބޮލަކަށް ނަގާނީ 12 ޑޮލަރެވެ. ގެސްޓްހައުސްތަކުން ނަގާނީ ހަ ޑޮލަރެވެ. ފިނޭންސް މިނިސްޓްރީން އަންދާޒާކުރާ ގޮތުގައި ގްރީން ޓެކްސް ބޮޑުކޮށްގެން އަހަރެއްގެ ތެރޭގައި 964 މިލިއަން ރުފިޔާ ލިބޭނެ އެވެ.

ޓީޖީއެސްޓީއާއި ގްރީން ޓެކްސްގެ އިތުރުން ސަރުކާރުން ވަނީ އެއާޕޯޓު ޑިވެލޮޕްމެންޓް ފީ އާއި ޑިޕާޗާ ޓެކުހަށްވެސް ބޮޑެތި ބަދަލުތަކެއް ގެންނަން ގާނޫނަށް އިސްލާހު ހުށަހަޅައިފަ އެވެ.

އެ ގެންނަ ބަދަލާއެކު އިކޮނޮމީ ކްލާހުގައި ދަތުރުކުރާ ބިދޭސީންގެ އަތުން ނަގަމުން އަންނަ 30 ޑޮލަރުގެ ބަދަލުގައި ނަގާނީ 50 ޑޮލަރެވެ. އެއީ 65 ޕަސެންޓު އިތުރުވުމެކެވެ. ބިޒްނަސް ކްލާހުގައި ދަތުރުކުރާ ދިވެހީންނާއި ބިދޭސީންގެ އަތުން ނަގަމުން އަންނަ 60 ޑޮލަރުގެ ބަދަލުގައި ނަގާނީ 120 ޑޮލަރެވެ. އެއީ 100 ޕަސެންޓުގެ އިތުރުވުމެކެވެ. ފަސްޓް ކްލާހުގައި ދަތުރުކުރާ އެންމެންގެ އަތުން ނަގާނީ 240 ޑޮލަރެވެ. މިހާރު ނަގަމުން އަންނަނީ 90 ޑޮލަރެވެ. އެއީ 165 ޕަސެންޓުގެ އިތުރުވުމެކެވެ. އޭގެ އިތުރުން ޕްރައިވެޓް ޖެޓުގައި ދަތުރު ކުރާ މީހުންގެ އަތުން މިހާރު ނަގަމުން އަންނަ 120 ޑޮލަރުގެ ބަދަލުގައި 480 ޑޮލަރު ނަގާނެ އެވެ. އެއީ ކުރީން ނަގަމުން އައި އަދަދަށް ވުރެ 300 ޕަސެންޓުގެ އިތުރުވުމެކެވެ.

މި އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން އަމަލުކުރަން ހުށަހަޅާފައިވާ މި ބަދަލާ އެކު ޖުމުލަ އާމްދަނީއަށް 1.5 ބިލިއަން ރުފިޔާ އިތުރުވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ލަފާކުރެ އެވެ. ޖުމުލަކޮށް ބުނާ ނަމަ މި ހުށަހެޅި ޓެކުހުގެ އިސްލާހުތަކާއެކު ދައުލަތުގެ އާމްދަނީއަށް 2.7 ބިލިއަން ރުފިޔާ އިތުރު ކުރެވޭނެ އެވެ.

މަޖުބޫރު އަދި މުހިންމު, މާލީ އިދާރާތަކުންވެސް ތާއީދު!

ޓީޖީއެސްޓީ އެހާ އަވަހަށް ބޮޑުކޮށް ގްރީން ޓެކްސް 100 ޕަސެންޓް ބޮޑުކުރަން ނިންމަން ޖެހުނީ ކީއްވެ ހެއްޔެވެ. މިއީ އުފެދޭނެ ސުވާލެކެވެ. އޭގެ އެންމެ ބޮޑު ސަބަބަކީ އަންނަ އަހަރާއި 2026 ވަނަ އަހަރު ދައުލަތުން ދައްކަންޖެހޭ ބޮޑު ދަރަނި އަދާކުރުމެވެ. ބަނގުރޫޓު ނުވެ, ސަލާމަތްކުރުމެވެ. ބޭރުގެ ދަރަނިތައް ޑޮލަރުން ދައްކަންޖެހޭއިރު ބޭރު ފައިސާ ހޯދުމެވެ.

މެދުރާސްތާ ދަރަނީގެ ސްޓްރެޓަޖީގެ ބަޔާނާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގައި މި ސަރުކާރުގެ ފުރަތަމަ ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ވިދާޅުވި ގޮތުގައި 2025 ވަނަ އަހަރު ދަރަނީގެ ގޮތުގައި އެއްފަހަރާ 100 މިލިއަން ޑޮލަރު ދައްކަންޖެހެ އެވެ. އެހެނިހެން ދަރަނިތަކާއެކު ޖުމުލަ 500 މިލިއަން ޑޮލަރު ދައްކަންޖެހެ އެވެ.

އޭގެ އިތުރުން 2026 ވަނަ އަހަރު އެއްފަހަރާ 500 މިލިއަން ޑޮލަރު ދައްކަންޖެހޭ އިރު, އެ އަހަރު ދައްކަން ޖެހޭ ދަރަނީގެ ޖުމުލަ އެއް ބިލިއަން ޑޮލަރަށް އަރާނެ ކަމަށްވެސް ޝަފީގު ވިދާޅުވި އެވެ.

"ދެހާސް ސައްބީސް ވަނަ އަހަރު ދައްކަން ޖެހޭ ބޮޑެތި ދަރަނިތައް އެބަހުރި. އެއީ ޑޮލަރުން ދައްކަން ޖެހޭ ދަރަނިތަކެއް. އެއަށް ބޭނުންވާ ބަފާ ސޮވަރިން ޑިވެލޮޕްމަންޓް ފަންޑަށް ބިލްޑް ކުރެވޭ ގޮތަށް އެ އަމާޒުގައި މަސައްކަތް ކުރުމަކީ ދިވެހި ރައްޔިތުން ވެސް ބޭނުންވާނެ ގޮތް،" ޝަފީގު އޭރު ވިދާޅުވި އެވެ.

މިއީ ހަމައެކަނި ސަރުކާރުގެ ވާހަކައެއް ނޫނެވެ. ދުނިޔޭގެ މާލީ އިދާރާތައް ކަމަށްވާ އައިއެމްއެފާއި ވޯލްޑް ބޭންކުންވެސް ލަފާ ދެނީ ޓެކްސް ނިޒާމު ރިވިއުކުރުމަށެވެ. އައިއެމްއެފް އިން މި އަހަރުގެ މެއި މަހުގެ ތެރޭގައި ނެރުނު "އާޓިކަލް ފޯ" ރިޕޯޓުގައިވާ ގޮތުން ރާއްޖެއިން މެދުރާސްތާގައި ދައުލަތުގެ ރެވެނިއު ސްޓްރެޓެޖީ އިތުރަށް ހަރުދަނާ ކުރަންޖެހެއެވެ.

އާންމު ރައްޔިތު މީހާއަށް އަސަރެއް ނުކުރާނެ

ސަރުކާރުން ބުނާ ގޮތުން މި ބަދަލުތަކުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންނެވި ގޮތަށް، ރައްޔިތުން ގަންނަ މުދަލަކަށް ހޯދާ ހިދުމަތެއްގެ އަގަކަށް އެއްވެސް ބަދަލެއް ނާންނާނެ އެވެ.

އެގޮތުން ޖީއެސްޓީ ރޭޓަށް އެއްވެސް ބަދަލެއް ގެންނާކަށް ހުށަހަޅާފައެއް ނުވެ އެވެ. ޖީއެސްޓީގެ ގޮތުގައި ނަގާނީ މިހާރުވެސް ނަގަމުން އަންނަ ރޭޓު ކަމަށްވާ 8 ޕަސެންޓެވެ. އޭގެ އިތުރުން އެއާޕޯޓު ޓެކްސްތަކަށް ގެންނަ ބަދަލާ އެކު، އިކޮނޮމީ ކްލާހުގައި ދަތުރުކުރާ ދިވެހީންގެ އަތުން ކަނޑައަޅާފައިވާ އަގަކަށް ބަދަލެއް ނުގެންނާނެ އެވެ. އެހެންވެ، އިކޮނޮމީ ކްލާހުގައި ދަތުރުކުރާ މީހުންގެ އަތުން މިހާރު ވެސް ނަގާނީ ކޮންމެ ފަސިންޖަރަކަށް ޑިޕާޗާ ޓެކުހަށް 12 ޑޮލަރާއި އެއާޕޯޓު ޑިވެލޮޕްމެންޓް ފީގެ ގޮތުގައި 12 ޑޮލަރެވެ.

ޓޫރިޒަމްގެ ޓެކްސްތައް ބޮޑުކުރުން، އަސަރެއް ކުރާނެތަ؟

ރަނގަޅު ވާހަކައެކެވެ. ޓެކްސް ބޮޑު ނުކޮށް ދަރަނި ދެއްކާކަށް ނެތެވެ. ބޭރު ފައިސާ ލިބޭކަށް ނެތެވެ. އެކަމަކު ޓެކްސް, ހާއްސަކޮށް ޓޫރިޒަމާ ސީދާ ގުޅުންހުރި ޓެކްސްތައް ބޮޑުކުރަން ބަހުސް ފަށާއިރު, މި ޓެކްސްތަކުގެ ސަބަބުން ގައުމުގެ ލޭނާރު ކަމަށްވާ ޓޫރިޒަމަށް ކޮށްފާނެ އަސަރެއް ބަލައިލުންވެސް ރަނގަޅެވެ. ހާއްސަކޮށް ރާއްޖެ ވާދަކުރާ މަންޒިލްތައް ގިނަވަމުންދާއިރު މި ބަހުސް ކޮށްލަންޖެހެއެވެ.

މިހާރުގެ ހާލަތަށް ބަލާއިރު ޓީޖީއެސްޓީ 16 ޕަސެންޓުގައި އޮތްއިރު, މިއީ ރާއްޖެއާ ވާދަވެރި އެހެން މާކެޓުތަކަށް ބަލާއިރު ދަށް އަދަދެއް ނޫނެވެ. އެގޮތުން ސްރީ ލަންކާ އަދި ސަމާއޯގައި އުޅެނީ 15 ޕަސެންޓުގައެވެ. ރާއްޖެއާ އެންމެ ވާދަވެރިކޮށް މިހާރު އުޅޭ ސައުދީ އަރަބިއާގައި ޓެކްސް ރޭޓަކީވެސް އެއީއެވެ. ބަހާމާސްގައި ޓޫރިސްޓް ޓެކްސް ރޭޓް 12 ޕަސެންޓުގައި ބާލީގައި ޓެކްސް ރޭޓަކީ 10 ޑޮލަރެވެ. މި ރޭޓު ތަކަށް ބަލާއިރު ރާއްޖެއިން 17 ޕަސެންޓަށް ޖައްސާލިޔަސް އަދި އެއީ އެހާ ބޮޑު އިތުރުވުމެއް ކަމަކަށް ނު ބެލެވެއެވެ. އެއީ މިދިޔަ އަހަރެއްހާ ދުވަހު ވެސް ރާއްޖޭގައި ޓީޖީއެސްޓީ އަދަދު ހުރީ 16ގައި ކަމަށް ވުމާއިވެސް އެކުގައެވެ.

ޓެކްސް ރޭޓުތައް މިގޮތުގައި ހުރި އިރު, ޓީޖީއެސްޓީ އެންމެ ޕަސެންޓަށް މައްޗަށް ޖައްސައިގެން ފަތުރުވެރީން އަންނަ އަދަދަށް އަސަރު ކުރާނެ ކަމަކަށް ނުބެލެވެއެވެ. ސަބަބަކީ މިދިޔަ އަހަރުން ފެށިގެން ޓީޖީއެސްޓީ 16 ޕަސެންޓަށް ބޮޑުކުރުމުންވެސް ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު މަދު ނުވުމެވެ. އޭރުން ފެށިގެންވެސް ރާއްޖެއަކީ އެންމެ އަގުބޮޑު ޓެކްސް އޮތް އެއް ގައުމެވެ.

ދެން އޮތީ ގްރީން ޓެކުހާއި އެއާޕޯޓް ޗާޖުތައް ބޮޑުކުރުމެވެ. މިކަމުގެ އެންމެ ބޮޑު އަސަރެއް ކުރާނެ ކަމަށް ބެލެވެނީ ރިސޯޓްތަކަށްވުރެ ބޮޑަށް ގެސްޓްހައުސްތަކަށެވެ. އެއީ ޓީޖީއެސްޓީ އާއި ގްރީން ޓެކްސް ބޮޑުކޮށްގެން މިހާރު ގެސްޓްހައުސްގެ ކޮޓަރިތައް ވިއްކާ އަގަށް އެ ކޮޓަރި ނުވިކުމުގެ ބިރުވެސް އޮތީމެވެ. ނަމަވެސް ގެސްޓްހައުސްތަކުން އެއަށް ވަކި އެއްޗެއް ބުނާކަށް އަދި ބޭނުމެއް ނުވެ އެވެ.

ފިނޭންސް މިނިސްޓްރީގައި ދިގު މުއްދަތަކަށް މަސައްކަތް ކުރެއްވި އަދި އިސް މަގާމުތަކެއް ފުރުއްވި ތަޖުރިބާކާރަކު 'ވަން' އަށް ވިދާޅުވި ގޮތުގައި ރާއްޖޭގެ ޓޫރިޒަމް މާކެޓަށް ބަދަލުތަކެއް އަންނަމުންދާކަން މީރާ އާއި އިންޑަސްޓްރީގެ ރިޕޯޓުތަކުންވެސް ފެނެއެވެ. އެގޮތުން އެވްރެޖް ޑެއިލީ ރޭޓާއި ފަތުރުވެރީން ރާއްޖޭގައި ހޭދަކުރާ ދުވަހުގެ އަދަދުވެސް ދަށަށް ގޮސްފައިވާއިރު ލިބޭ އާމްދަނީވެސް ދަށަށް ދާން ފަށާފައިވާ ކަމަށް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގައި ރިސޯޓްތަކަށް އޮންނަ ޑިމާންޑަށްވުރެ ގެސްޓްހައުސްތަކަށް އޮންނަ ޑިމާންޑް އަންނަނީ އިތުރުވަމުންނެވެ. އެގޮތުން މީގެ ކުރިން ގެސްހައުސްތަކުގެ ޝެއާ 10 ޕަސެންޓުގައި ހުރި ނަމަވެސް އެ އަދަދު 18 ޕަސެންޓަށް އިތުރުވެފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

"ރާއްޖެ އަންނަ ފަތުރުވެރީންގެ ގްރޯތު ޕޮޓެންޝިއަލް ނެތެކޭ ނުބުނާނަން. އެކަމަކު އަގުތައް މަތިވީމަ ޑިމާންޑަށް އަސަރު ކުރާނެ." އޭނާ ވިދާޅުވި އެވެ.

ސަރުކާރުގެ އިސް މަގާމެއް ފުރުއްވަމުން ގެންދަވާ ފައިނޭންސް ދާއިރާގެ ތަޖުރިބާކާރަކު ވިދާޅުވި ގޮތުގައި ސަރުކާރުން ހުށަހަޅާފައިވާ ގޮތުން، ގެސްޓްހައުސް އަކަށް އަންނަ އާދައިގެ ޓޫރިސްޓެއްގެ ބޮލަށް ދެން އިތުރުވާނީ ގާތްގަނޑަކަށް 100 ވަރަކަށް ޑޮލަރެވެ. އެއީ ދުނިޔޭގެ އެންމެ ރީތި އަދި އެންމެ ލަގްޒަރީ ޕްރޮޑަކްޓް ދޭ ގައުމާ އަޅައިބަލާއިރު ބޮޑު އަދަދެއް ނޫން ކަމަށް އޭނާ ދެކިވަޑައިގަންނަވައެވެ.

ހަރަދު ކުޑަކުރަންޖެހޭ; ނޫނީ މިއީ ފޫނެއް ފަޔަށް ފެންފުރުން

ރައްޔިތުންގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން ރާއްޖޭގެ އެންމެ ބޮޑު އެއް މަހުޖަނު, މަޝްހޫރު ވިޔަފާރިވެރިޔާ އަދި މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު ރުޅިގަދަވިޔަސް, އެ ވިދާޅުވީ ތެދެކެވެ. ގަބޫލުކުރަން ޖެހޭ ހަގީގަތެކެވެ.

އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގައި ނަގަމުން އަންނަ ޓެކުހުގެ މިންވަރު ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ސިންގަޕޫރާއި ދުބާއީއަށްވުރެވެސް ބޮޑެވެ. އެއީ ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ ވަރަށްވުރެވެސް އިތުރު އަދަދެއް ކަމަށާއި އެގޮތުން ބޮލަކަށް އެންމެ ގިނައިން ޓެކްސް ނަގާ ގައުމުގެ ގޮތުން ނަމަ ދެކުނު އިރުމަތީ އޭޝިއާގެ ގައުމުތަކުގެ ތެރެއިން ރާއްޖެއަކީ އެންމެ މުއްސަނދި ގައުމު ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ފަސް ބިލިއަން ޑޮލަރު ޓެކުހުން ލިބޭ ކަމަށްވާނަމަ އޭގެ ތެރެއިން ދެ ބިލިއަން ޑޮލަރު މި އަޅާލަނީ ކަނޑަށް. އެހެންވީމާ މި ޓެކްސް އިތުރަށް 10 ގުނަ ނުވަތަ 100 ގުނަ ނުވަތަ 1,000 ގުނަ ޖެއްސިޔަސް ރާހަތެއް ނުކުރާނެ. އަޅުގަނޑުމެން ކުރަންވީ އެންމެ މުހިންމު ކަމަކީ ހަރަދުތައް ކުޑަކުރުން," ސިޔާމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޓެކްސް ނެގުމަކީ އޭނާ ދެކޮޅު ކަމެއް ނޫނެވެ. ނަމަވެސް އޭނާ ގޮވާލެއްވީ އެ ނަގާ ޓެކުހުން ވައްކަމާއި ފޭރުން ހުއްޓާލުމަށެވެ. އެފަދަ ކަންކަން ހިންގާ ބޭކާރު ކުންފުނިތައްވެސް އުވާލުމަށެވެ. ހަރަދު ކުޑަކުރުމަށެވެ.

މި ރިޕޯޓަށް މައުލޫމާތު ދެއްވި ފިނޭންސް މިނިސްޓްރީގެ ތަޖުރިބާކާރު ވެސް ވިދާޅުވީ ރާއްޖެއިން ފަތުރުވެރިކަމުގެ އިންޑަސްޓްރީއަށް ބަރޯސާވެފައި އޮތް މިންވަރު ކުޑަކުރަންޖެހެ އެވެ. ނޫން ނަމަ ކޮވިޑު ފަދަ ހާލަތެއް ދެން ކުރިމަތިވެއްޖެ ނަމަ ކުރާނެ އަސަރު މާބޮޑުވާނެ އެވެ. އޭގެ ބަދަލުގައި އޭނާ ހިޔާލު ދެއްވީ ޓެކްސް ނެގުމުގައި ހަމަހަމަ ކަމެއް ގެނައުމަށެވެ. އެހެން ދާއިރާތަކުންވެސް ޓެކްސް ބޮޑުކުރުމަށެވެ. އެންމެން މިކަމުގައި ޒިންމާ ނެގުމަށެވެ.

"ޑެފިސިޓް ކުރަންޖެހޭ, ހަރަދުތައް ކުޑަކުރަންވެސް އެބަޖެހޭ. އިތުރަށް ކުރަންޔާ ފޫނަށް ފެޔަށް ފެންފުރުން މިއީ," އޭނާ ވިދާޅުވި އެވެ.

މިއީ އެންމެންވެސް އިއްތިފާގުވާ ކަމެކެވެ. ޓެކްސް ތަކަށް ބަދަލު ގެނައުމަކީވެސް މައްސަލައެއް ނޫނެވެ. އެކަމާ ގިނަ މީހުން އެއްބަހެވެ. އެކަމަކު ހަމަ އެއާއި އެކު، މިޅި ދައުލަތުގެ ހަރަދުތައްވެސް އެތައް ތަނަކުން ކުޑަވާން ޖެހެ އެވެ. ފަހުން ރައީސް ޑރ. މުއިއްޒު ގެންދަވަނީ އެ ފަދަ ބަދަލުތަކުގެ އަމަލީ މަސައްކަތްވެސް ފައްޓަވާފަ އެވެ. މަޖިލީހުގެ ސައިޒު ކުޑަކުރެއްވުމާއި ލާމަރުކަޒީ ނިޒާމުގައި ހިމެނޭ، އިންތިހާބީ މީހުންގެ އަދަދު ބޮޑު ތަނުން މަދު ކުރުމުގެ ގާނޫނީ މަސައްކަތް ކުރިޔަށް ގެންދާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. ހަމަ އެހެންމެ ސިޔާސީ މަގާމުތަކުގެ ތެރެއިން 228 ވަރަށް އަވަހަށް މަދުކުރައްވާނެ ކަމަށް ދާދި ފަހުން ރައީސް ވަނީ އިއުލާނު ކުރައްވާފަ އެވެ. އާންމުން ދެކެނީ ސިޔާސީ މަގާމު ތަކާއި ބޭކާރު ހަރަދުތައް ކުރުން ސަރުކާރުން އަދުވެސް މަދުކުރާން ޖެހޭނެ ކަމަށެވެ. މި ހާލަތުގައި ހަމަ އެކަނި ޓެކުހަށް ބަރޯސާ ނުވެ، ޖުމުލަ ޚަރަދު ކުޑަކުރުމެއްގެ ތެރެއަށް ވަންނާނެ ޖެހޭނެ ކަމަށެވެ.