ބޮލީވުޑްގެ ސުޕަ ސްޓާރު ސަލްމާން ހާން، ގޭންގްސްޓަރު ލޯރެންސް ބިޝްނޯއީގެ ގޭންގުން މަރުގެ އިންޒާރު ލިބުމާ ގުޅިގެން އޭނާގެ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފިއެވެ.
ހަމައެއާއެކު ސަލްމާންގެ ގާތް ރައްޓެއްސެއް ކަމުގައިވާ ސިޔާސީ ލީޑަރު ބާބާ ސިއްދީގީ ދާދިފަހުން މަރާލުމާ ގުޅިގެން، ސަލްމާން ވަނީ އިތުރު ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް އަޅައިފައެވެ. މީގެ ތެރޭގައި ދުބާއީ އިން ގާތްގަނޑަކަށް ދެ ކްރޯޑު ރުޕީސްގެ އަގުހުރި ބުލެޓްޕްރޫފް ނިސާން ޕެޓްރޯލް އެސްޔޫވީއެއް އިމްޕޯޓްކުރުން ހިމެނެއެވެ.
ނިސާން ޕެޓްރޯލް މަޝްހޫރުވެފައިވަނީ އޭގެ އެންމެ މަތީ ފެންވަރުގެ ސަލާމަތީ ފީޗާތަކަށެވެ. މީގެ ތެރޭގައި ހިމެނެނީ ކައިރިން ބަޑި ޖެހުމުންވެސް ނުފެޅޭ ބިއްލޫރި، ބޮން އިންޒާރު ދޭ ނިޒާމުތައް، އަދި މުޅިން ޕްރައިވެސީ ކަށަވަރުކުރުމަށް ޓިންޓްކޮށްފައިވާ ކުޑަދޮރުތަކެވެ. މިހާރު އިންޑިއާގައި ލިބެން ނެތް މި ވެހިކަލްއަކީ ސަލްމާން ދުބާއިން އިމްޕޯޓްކުރި ދެވަނަ ބުލެޓްޕްރޫފް ވެހިކަލެވެ. މިކަމުން ދައްކުވައިދެނީ އޭނާއަށް ކުރިމަތިވެފައިވާ އިންޒާރުތަކުގެ ނުރައްކާތެރިކަމެވެ.
ބްލެކްބަކް ޝިކާރަކުރުމުގެ މައްސަލައިން ފެށިގެން ސަލްމާން ވަނީ ބިޝްނޯއީގެ މަރާލަން ބޭނުންވާ މީހުންގެ ލިސްޓުގައެވެ. ބްލެކްބަކްއަކީ ބިޝްނޯއީ މުޖުތަމައުން ގަދަރުކުރާ ޖަނަވާރެކެވެ. މި ގޭންގުން ވަނީ މައާފަށް އެދުމަށް ސަލްމާނަށް ގޮވާލައިފައެވެ. އަދި ފަހުން އިތުރު އިންޒާރެއް ދީ، ސަލްމާން އަތުން ފަސް ކްރޯޑު ރުޕީސް ހޯދުމަށް ޑިމާންޑްކޮށްފައިވެއެވެ.
ބިޝްނޯއީ ޖަލުގައި ހުރި ނަމަވެސް، އިންޒާރުތައް ދަނީ ކުރިއަށެވެ. މިކަމާ ގުޅިގެން ސަލްމާން ވަނީ އޭނާގެ ސަލާމަތީ ކަންކަން އިތުރަށް ވަރުގަދަކޮށްފައެވެ. މީގެ ތެރޭގައި އިތުރު 8 އިން 10 އަށް ހަތިޔާރު ގެންގުޅޭ އޮފިސަރުން ގެންގުޅުމާއި، އޭނާގެ ގެ ކަމުގައިވާ ގެލެކްސީ އެޕާޓްމަންޓްސްގައި ހާއްސަ ކޮމާންޑް ސެންޓަރެއް ގާއިމުކުރުން ހިމެނެއެވެ.