އަހްމަދު އަދީބު އަބްދުލްގަފޫރު

ލޯންޗްކޮޅު ގޮއްވާލި މައްސަލައިގައި އަދީބުގެ މައްޗަށް ކުރި ހުކުމް ބާތިލުކޮށް އަލުން ބަލަން އަމުރުކޮށްފި

ރިޔާސީ ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލައިގައި ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމް ބާތިލުކޮށް، އަލުން އެމައްސަލަ ބެލުމަށް ހައި ކޯޓުން މިއަދު އަމުރުކޮށްފިއެވެ.

ހައިކޯޓުން ކުރި ހުކުމުގައި ވަނީ ކުރިމިނަލް ކޯޓަށް މައްސަލަ އަލުން ބަލަން ވެސް އަންގައިފައެވެ. އަދި އަދީބު 15 ދުވަހަށް ޖަލުގައި ބަންދުކުރުމަށާއި އެ 15 ދުވަހުގެ ތެރޭގައި ބަންދާމެދު އިތުރަށް ގޮތެއް ކަނޑައަޅަން ޕްރޮސިކިއުޓާ ޖެނަރަލްގެ ފަރާތުން ކުރިމިނަލް ކޯޓަށް ހުށަހަޅަން ވެސް އެންގިއެވެ.

ހައިކޯޓުގެ ހުކުމުގައި ވަނީ ސުޕްރީމް ކޯޓުން 1 ފެބްރުއަރީ 2018 ގައި ނެރުނު އަމުރު އެކީގައި ބާތިލުކޮށްފައި ނެތްކަމާއި، އެ އަމުރުގައި ހިމެނިފައިވާ ބައިތަކުގެ ތެރެއިން ބާތިލު ކޮށްފައިވަނީ، އެއަމުރުގެ 5 ވަނަ ނަންބަރުގައި ބަޔާން ކުރެވިފައިވާ ފަރާތްތަކާބެހޭ މައްސަލަތައް އަލުން ބެލޭނެ އިންތިޒާމް ހަމަޖެއްސުމަށްޓަކައި އެފަރާތްތައް ވަގުތުން ދޫކޮށް މިނިވަންކުރުމަށް ކަނޑައަޅާފައިވާ ބައި އެކަނިކަމަށެވެ.

އެހެންކަމުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އަމުރުގެ 5 ވަނަ ނަންބަރުން ބާތިލުކުރި ބައި ފިޔަވައި ދެން އެނަންބަރުގައި ހުރި ބައިތަކުގެ ސައްހަކަން އެގޮތުގައި ދެމިގެންދާނެ ކަމަށް ހައިކޯޓުގެ ހުކުމުގައި ވެއެވެ.

ސުޕްރީމް ކޯޓުގެ އަމުރުގައި ވަކި ވަކި ގަޟިއްޔާތަކަށް ހަވާލާދިނުމުގެ ބަދަލުގައި، މައިގަނޑު ގޮތެއްގައި ހަވާލާދެއްވާފައިވަނީ ޓެރަރިޒަމްގެ ދައުވާ ރައްދުވި ފަރާތްތަކެއްގެ ނަން ކަން ފާހަގަކޮށްފައިވެއެވެ.

އެގޮތުން އަދީބުގެ ނަން އެ އަމުރުގައި ހިމެނިފައިވާއިރު، އަދީބުގެ މައްޗަށް އުފުލައިފައިވާ ޓެރަރިޒަމްގެ ދައުވާއާ ގުޅިގެން ހިންގާފައިވާ ޝަރީއަތަކީ ދައުވާ އުފުލާ ފަރާތަށާއި ފަނޑިޔާރުގެއަށް ނުފޫޒު ފޯރުވައިގެން ހިންގާފައިވާ ޝަރީއަތެއް ކަމަށް ވުމުގެ އިހުތިމާލު އޮތްކަމަށް ހައިކޯޓުގެ ހުކުމުގައި ވެއެވެ.

ކުރިމިނަލް ކޯޓުގެ ހުކުމް ހައިކޯޓުން ބާތިލް ކުރި މައިގަނޑު ސަބަބަކީ އެކެއް ފެބުރުއަރީގައި ސުޕްރީމް ކޯޓުން ނެރެފައިވާ އަމުރެވެ.

އެގޮތުން ހައިކޯޓުގެ ހުކުމްގައި ފާހަގަކުރީ އެކެއް ފެބުރުއަރީގެ އަމުރުގައި ބައެއް މައްސަލަތައް ހާއްސަކޮށް ސިޔާސީ ފަރާތަކަށް ކުރި ޓެރަރިޒަމްގެ ދައުވާތަކަކީ ސިޔާސީ ނުފޫޒުގައި ގާނޫނު އަސާސީއާ ހިލާފަށް އުފުލާފައިވާ ދައުވާތަކެއްކަން ފާހަގަކޮށްފައިވާ ކަމަށެވެ.

ސުޕްރީމް ކޯޓުން އަމުރުގެ ބޮޑު ބައެއް ބާތިލްކުރިއިރު ވެސް އެ ބައި ބާތިލްކޮށްފައިނުވާކަން ހުކުމުގައި ފާހަގަކުރި އެވެ. އަމުރުގެ އެ ބައިން ވެސް ބާތިލް ކުރީ ސިޔާސީ ނުވަ މީހުން ވަގުތުން ދޫކޮށްލުމަށް އެންގި ބައިކަން ހުކުމްގައި ފާހަގަކުރި އެވެ.

ލޯންޗްކޮޅު ގޮއްވާލި ކަމަށްބުނާ މައްސަލައިގައި އަދީބުގެ މައްޗަށް އިއްވާފައިވަނީ 15 އަހަރުގެ ޖަލު ހުކުމެކެވެ. މިއީ އަދީބުގެ މައްޗަށް އިއްވި ޖަލު ހުކުމްތަކުގެ ތެރެއިން އެންމެ ބޮޑު އެއް ހުކުމެވެ.