ބޮލީވުޑް

ކޭންސް 2019: އައިޝްވަރިޔާ ދަރިފުޅު އަރާދްޔާއާ އެކު ރެޑް ކާޕެޓަށް

ކޭންސް 2019 ކުރިއަށް ދާއިރު ބޮލީވުޑްގެ ގިނަ ތަރިންތަކެއް އަންނަނީ ބައިވެރިވަމުންނެވެ.

މިފަހަރުގެ ކޭންސަށް ހިންދީ އެއްވެސް ފިލްމެއް ގެންގޮސްފައި ނުވާއިރު ކުރު އެއް ހިންދީ ފިލްމު ނޮމިނޭޓްވެ ތިންވަނަ ވަނީ ލިބިފައެވެ. ބާރަ ދުވަހުގެ މުއްދަތަކަށް ދެމިގެންދާ މި ފެސްޓިވަލުގައި އެކި ދުވަހު އެކި ފިލްމު އެޅުވުމާއި އެކި އިވްނެޓްތައް ކުރިއަށް ދެއެވެ.

ބޮލީވުޑްތަރި ޕްރިޔަންކާ ޗޯޕްރާ އޭނާގެ ފިރިމީހާ ނިކް ޖޯނާސް އާއެކު ވަނީ ކޭންސް 2019 ގައި ހަތަރު ދުވަހު ބައިވެރިވެ ފުރައިގެން ގޮސްފައެވެ.

ބޮލީވުޑް ތަރި ދީޕިކާ ޕަޑުކޯންވެސް ވަނީ ކޭންސް 2019 ގައި ބައިވެރިވުމަށް ފަހު މިހާރު މުމްބާއީއަށް ގޮސްފައެވެ.

މީގެ އިތުރުން ކަންގްނާ ރާނުތް އާއި ހިނާ ޚާން އަދިވެސް އެހެން ތަރިންތައް ވަނީ ކޭންސް 2019 ގައި ބައިވެރިވެފައެވެ.

އިއްޔެގެ ވަގުތެއްގައި ކޭންސްގެ ރެޑް ކާޕެޓް ފަޅުފިލުވައިލަދިން ބޮލީވުޑް ބަތަލާއަކީ އައިޝްވަރިޔާ ރާއީ (އައިޝް) އެވެ.

އައިޝް ކޭންސް 2019 ގެ ފުރަތަމަ ރެޑް ކާޕެޓްގެ އެޕިއަރެންސަށް ދިޔައީ ވިދާ ގޯލްޑަން ގައުނެއްގައެވެ. ހެދުން އިންސްޕަޔާ ވެފައިވަނީ ގޯލްޑް ފިޝްއިންނެވެ.

އައިޝް ރަނުން ވިދާލާފައިވާއިރު އޭނާގެ އަންހެން ދަރިފުޅު އަރާދްޔާ ހުރީ ރީނދޫ ކުލައިގެ ލޯބި ހެދުމެއްގައެވެ.

ފެޝަން ކްރިޓިކްސްއަށް މިފަހަރު އައިޝް ލާފައިވާ ރަން ހެދުން މާކަމުދާގޮތެއް ނުވިއެވެ. އެންމެންވެސް ބުނި ގޮތުގައި އެއަށްވުރެ ހައި އެކްސްޕެކްޓޭޝަނެއް އައިޝް އަށް އޮތް ކަމެވެ.

އައިޝްގެ ފުރަތަމަ ލުކް ރީތި ނުވި ކަމުގައިވިއަސް އޭނާއާއި ދަރިފުޅު އަރާދްޔާ ވަނީ ރެޑް ކާޕެޓްގައި އުފާވެރި ވަގުތު ކޮޅެއް ހޭދަކޮށްފައެވެ.

އައިޝް އެންމެ އަވަހަށް ދެން ފެންނާނީ ނެގެޓިވް ރޯލަކުންނެވެ. އެއީ ޓެމިލް ވާހަކައެއްގެ މައްޗަށް ހަދާ ފިލްމެކެވެ.