ނިއު ޕޯޓް

ސްޓްރާޑާއިން ބަދަލެއް ބޭނުންނަމަ ކޯޓު މެދުވެރިވެގެން ނޫން ގޮތަކަށް ކުރިއަށް ދިޔުމަކީ އިންސާފުވެރިގޮތެއް ނޫން: އޭސީސީ

ޝަހީދާ އަބްދުﷲ ސައީދު

ޗާޓައިމް އިމާރާތް ނެގި މައްސަލައިގައި ސްޓްރާޑާއިން އެއްވެސް ބަދަލެއް ބޭނުންވާނަމަ، ޝަރުއީ ކޯޓެއް މެދުވެރިވެގެން ނޫންގޮތަކަށް ކުރިއަށް ގެންދިއުމަކީ އެންމެ އިންސާފުވެރި ގޮތް ނޫން ކަމަށް އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފިއެވެ.

ޗާޓައިމް އިމާރާތް ނަގަންޖެހުމާ ގުޅިގެން އެކަމުގެ ބަދަލުގެ ގޮތުގައި ސްޓްރާޑާއިން ހުށަހަޅާފައިވާ ކަންތައްތަކަށް ބިނާކޮށް ބްރިޖް ވިއުއިން ޕްލެޓްފޯމް ތަރައްގީކުރުމަށް ވެފައިވާ އެއްބަސްވުމަށް 18 އޭޕްރީލް 2017 ގައި ވަނީ ދެވަނަ އިސްލާހެއް ގެނެސްފައެވެ.

އޭގެ އިތުރުން އެއްވެސް ބަދަލެއް ބޭނުންވާނަމަ، ޝަރުއީ ކޯޓެއް މެދުވެރިވެގެން ނޫންގޮތަކަށް ކުރިއަށް ގެންދިއުމަކީ އެންމެ އިންސާފުވެރި ގޮތްކަމަށް ގަބޫލު ނުކުރެވޭ ކަމަށް އޭސީސީން ބުނެފައިވެއެވެ.

އޭސީސީން މިހެން ބުނެފައިވަނީ ޗާޓައިމް ނެގުމާ ގުޅިގެން ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 14,493,427.00 ރުފިޔާ ދިނުމަށް ނިންމުމާއި ގުޅިގެންނެވެ.

އެހެންކަމުން ޗާޓައިމް އިމާރާތުގެ ބަދަލުގެ ގޮތުގައި ދޭން ނިންމާފައިވާ 14,493,427.00 ރުފިޔާއަކީ ބަދަލުގެ ގޮތުގައި ދޭންޖެހޭނެ ފައިސާއެއްކަމަށް ނުބެލެވޭތީ އެކަން ހައުސިން މިނިސްޓްރީއަށް 20 ފެބުރުވަރީ 2019ގައި އަންގާފައި ވާނެ ކަމަށްވެސް އޭސީސީން ބުންޏެވެ.

ބްރިޖް ވިއުއިން ޕްލެޓްފޯމް ތަރައްގީކުރުމަށް ވެފައިވާ އެއްބަސްވުމުގެ ދަށުން ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑުން ހަދާފައިވާ ޗާޓައިމް ހިންގި އިމާރާތް ނަގާފައިވަނީ އެކަމުގެ ބަދަލުގައި ސްޓްރާޑާއިން އިތުރު ހުށަހެޅުންތަކެއް ހުށަހަޅައި އެކަމަށް ދެ ފަރާތުން އެއްބަސްވެގެންކަމަށް އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސި) އިން ބުނެފިއެވެ.

އޭސީސީން ބުނީ ބްރިޖް ވިއުއިން ޕްލެޓްފޯމް ތަރައްގީކުރުމަށް ވެފައިވާ އެއްބަސްވުމުގެ ދަށުން ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްފައިވާ ބިމުގައި ހަދާފައިވާ ޗާޓައިމް އިމާރާތް އެތަނުން ނަގާފައިވަނީ ހައުސިން މިނިސްޓްރީން އަންގައިގެންކަމަށް ވީނަމަވެސް، ޗާޓައިމް ހިންގި އިމާރާތް ހެދުމުގެ ހުއްދަ ދީފައިވަނީ ޕްލެޓްފޯމްގެ ހިދުމަތް ލިބިގަންނަ މީހުންނާއި ޕްލޭ އޭރިޔާ ބޭނުންކުރާ ކުދިންނަށް ފިނިބުއިން ވިއްކުމަށް ތަނެއް ހެދުމުގެ މަގުސަދުގައިކަން ލިޔުންތަކުން އެނގޭއިރު، ފްރެންޗައިޒެއް ގެނެސް ބޮޑު އިންވެސްޓްމެންޓެއް ކޮށްފައިވަނީ ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑްގެ އަމިއްލަ ރިސްކުގައި ކަމަށެވެ.

އެއްވެސް ހާލެއްގައި އިމާރާތަށް ބަދަލެއް ދޭން ޖެހިއްޖެނަމަވެސް، އިމާރާތް ހެދުމަށް ދިޔަ ހަރަދު ފިޔަވައި އެހެން ހަރަދެއް ދޭން ޖެހޭނެ ކަމަށް ގަބޫލުނުކުރެވޭތީއާއި އަދި އިމާރާތުގެ ބަދަލުގެ ގޮތުގައި ދޭނެ އަދަދު ކަނޑައަޅާފައިވަނީ އިމާރާތުގެ އަގުމަގުކޮށް ވެލުއޭޝަނެއް ހަދައިގެން ނޫންކަމަށް އޭސީސީން ބުނެފައިވެއެވެ.

ބަދަލުގެ ގޮތުގައި ދޭނެ އަދަދު ކަނޑައަޅާފައިވަނީ، އެއްބަސްވުމުގެ މުއްދަތު ހަމަވާ ތާރީހާ ހަމައަށް ރެވެނިއުގެ ގޮތުގައި ލިބޭނެކަމަށް ލަފާކުރާ އަދަދުން ސާފު ފައިދާގެ ގޮތުގައި ލިބޭނެކަމަށް އަންދާޒާކުރާ އަދަދުތަކަށް ބަލައިގެންކަމަށްވާއިރު، މިއީ ގެއްލުމުގެ ބަދަލު ހޯދުމުގައި އާންމުކޮށް އަމަލުކުރާ އުސޫލެއް ނޫން ކަމަށްވެސް އޭސީސީން ބުންޏެވެ.

އަދި ޗާޓައިމް ހިންގި އިމާރާތް ނެގުމާ ގުޅޭގޮތުން ކޮށްފައިވާ މުއާމަލާތްތަކުގެ ތެރެއިން، އެއްބަސްވުމުގެ 10.4 ވަނަ މާއްދާއަށް ބަދަލުގެނެސް، މަސައްކަތް ހަވާލުކުރާ ފަރާތުން ހުށަހަޅާފައިވާ ރިވައިސްޑް ޕްރޮޕޯސަލްގައިވާ މަސައްކަތް ކުރަމަށް ކޮށްފައިވާ އިންވެސްޓްމަންޓަށް ބެލުމަށްފަހު އަދުލުވެރި ބަދަލެއް ދިނުމަށް އެއްބަސްވެފައިވަނީ ޗާޓައިމް ހިންގި އިމާރާތް ނަގަންޖެހުމާ ގުޅިގެން ސްޓްރާޑާއަށް އިތުރަށް ފައިދާއެއް ހޯދައިދިނުމުގެ މަގުސަދުގައިކަމަށް ވެސް ބުނެފައިވެއެވެ.

އޭސީސީން ބުނީ ޗާޓައިމް ހިންގި އިމާރާތް ނެގުމުގެ މަސައްކަތަކަކީ ބްރިޖް ވިއުއިން ޕްލެޓްފޯމް ތަރައްގީކުރުމަށް ވެފައިވާ އެއްބަސްވުން ބާތިލްކުރުން ނޫންކަމާއި ޗާޓައިމް އިންވެސްޓްމަންޓަކީ ސްޓްރާޑާއިން ހުށަހަޅާފައިވާ ރިވައިސްޑް ޕްރޮޕޯސަލްގައިވާ މަސައްކަތެއް ނޫންކަމަށްވާތީ އެއްބަސްވުމުގެ 10.4 ވަނަ މާއްދާއަށް ގެނެސްފައިވާ ބަދަލުގެ ދަށުންވެސް ޗާޓައިމް އިމާރާތުގެ ބަދަލުގެ ގޮތުގައި ދޭނެ ފައިސާގެ އަދަދު މިހާރު ހިސާބު ހަދާފައިވާގޮތަށް ހިސާބު ކުރެވޭނެކަމަށް ގަބޫލުނުކުރެވޭ ކަމަށެވެ.

މީގެއިތުރުން އޭސީސީން ބުނީ ބްރިޖް ވިއުއިން ޕްލެޓްފޯމު ތަރައްގީކުރުމުގެ އެއްބަސްވުމުގެ ދަށުން ކުރަންޖެހޭ ގިނަ ކަންތައްތަކެއް ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ކޮށްފައިނުވާއިރު އެކަމާ ގުޅޭގޮތުން އެކަށީގެންވާ ފިޔަވަޅެއް ނާޅައި، އަދި އެއްބަސްވުމުގެ ދަށުން ކުލީގެ ގޮތުގައި ދައްކަންޖެހޭ ފައިސާ އެއްބަސްވުމުގައިވާގޮތުގެމަތިން ދައްކަމުންނުދާތީ އެއްބަސްވުން ބާތިލްކުރުމުގެ އިހުތިޔާރުގެ އޮވެ، އެއްވެސް ފިޔަވަޅެއް ނާޅައި، ޗާޓައިމްގެ ބަދަލުގައިކަމަށްބުނެ، ބްރިޖް ވިއުއިން ޕްލެޓްފޯމް ތަރައްގީކުރުމަށް ވެފައިވާ އެއްބަސްވުމަށް ބަދަލު ގެނެސްފައިވަނީ ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑަށް ނާޖާއިޒު މަންފާއެއް ހޯދައިދިނުމަށްކަމަށް ގަބޫލުކުރެވޭ ކަމަށެވެ.

އެހެންކަމުން ޗާޓައިމް ހިންގި އިމާރާތް ނަގަން ޖެހުމުންކަމަށް ބުނެ އެފަރާތަށް ދޭން ނުޖެހޭ ފައިސާއެއް ދިނުމަށް މަސައްކަތްކޮށްފައިވާކަމަށް ބެލެވޭތީ އެމައްސަލަ އޭސީސީން އިތުރަށް ތަަހުގީގުކުރަމުން އަންނަ ކަމަށް ވެސް އޭސީސީން ބުނެއެވެ.