ނިއު ޕޯޓް

ސްޓްރާޑާއިން ދައުލަތަށް ތިން މިލިއަނަށްވުރެ ގިނަ ރުފިޔާ ދައްކަންޖެހޭ: އޭސީސީ

ޝަހީދާ އަބްދުﷲ ސައީދު

ބްރިޖް ވިއުއިން ޕްލެޓްފޯމް ތަރައްގީކުރުމަށް ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްފައިވާ ބިމުގެ ކުލީގެ ގޮތުގައި 1,439,363.00ރ. އަދި ސީ.އެސް.އާރު.ގެ ގޮތުގައި ދައްކަން އެއްބަސްވެފައިވާ ދެ މިލިއަން ރުފިޔާއާ އެކު ޖުމުލަ ތިން މިލިއަނަށް ވުރެ ގިނަ ފައިސާ އެ ކުންފުނީން ސަރުކާރަށް ދައްކަން ޖެހޭ ކަމަށް އެސީސީން ބުނެފި އެވެ.

އޭސީސީން މިހެން ބުނީ ބްރިޖް ސަރަހައްދުގައި އިމާރާތްކޮށްފައިވާ ޗާޓައިމް ކެފޭ އެތަނުން ނެގުމަށްޓަކައި ބަދަލުގެ ގޮތުގައި ފައިސާދިނުމަށް ހުށަހެޅުމާ ގުޅިގެން އެ މައްސަލަ އޭސީސީން ބެލުމަށްފަހު އެކޮމިޝަނުން އާންމުކުރި ބަޔާނުގަ އެވެ.

އޭސީސީން ބުނީ ޕްލެޓްފޯމް ތަރައްގީކުރުމަށް ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްފައިވާ ބިމު ކުލި އެއްބަސްވުމާ އެއްގޮތަށް ދައްކަމުން ނުދާކަމަށެވެ. އެގޮތުން 29 އޮކްޓޫބަރު 2018 ގެ ނިޔަލަށް ކުއްޔާއި ޖޫރިމަނާގެ ގޮތުގައި 1,439,363.00 ރުފިޔާ ނުދައްކައި އޮތްކަމަށް މީރާއިން އެކޮމިޝަނަށް މައުލޫމާތު ދީފައިވާކަމަށެވެ.

ބްރިޖް ވިއުއިން ޕްލެޓްފޯމް ތަރައްގީކުރުމަށް ވެފައިވާ އެއްބަސްވުމަށް 13 އޭޕްރީލް 2017 ގައި ގެނެސްފައިވާ ފުރަތަމަ އިސްލާހުގެ ދަށުން ސީ.އެސް.އާރު.ގެ ގޮތުގައި ދައްކަން އެއްބަސްވެފައިވާ ދެ މިލިއަން ރުފިޔާވެސް 29 އޮކްޓޫބަރ 2018 އާ ހަމައަށް ދައްކާފައި ނުވާކަމަށެވެ. ބްރިޖް ވިއުއިން ޕްލެޓްފޯމެއް ފުޑް އައުޓްލެޓަކާއެކު ތަރައްގީކުރުމުގެ މަސައްކަތް، ސްޑްރާޑާ ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށް، މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 22 ސެޕްޓެމްބަރ 2016 ގައެވެ.

އޭސީސީން ބުނިގޮތުގައި މި އެއްބަސްވުމުގެ މުއްދަތަކީ ތަން އިމާރާތްކުރުމަށް ދޭ ހަ މަސްދުވަހުގެ ގްރޭސްޕީއަޑްގެ އިތުރުން ތިން އަހަރުދުވަހެވެ. މި އެއްބަސްވުމުގެ ދަށުން ކުރުމަށް ކަނޑައަޅާފައިވާ މަސައްކަތްތަކަކީ ބްރިޖް ވިއުއިން ޕްލެޓްފޯމް ހެދުމާއި ފުޑް އައުޓްލެޓް އޭރިޔާ ތަރައްގީކުރުމާއި ޕްލެޓްފޯމުގެ އިރުން ޕާކިންގއޭރިޔާއެއް ތަރައްގީކުރުމެވެ. މީގެއިތުރުން މި ޕްރޮޖެކްޓްގެ ދަށުން ސަރުކާރަށް ލިބިގެންދާނެ ފައިދާތަކުގެ ތެރޭގައި އިޝްތިހާރުކުރުމަށް ލެޑްވޯލްތަކެއް ހަރުކުރުން ސްޑްރާޑާގެ ޕްރޮޕޯސަލްގައި ހިމަނާފައިވެއެވެ.

ނަމަވެސް މިއެއްބަސްވުމުގެ ދަށުން ކުރަން ކަނޑައަޅާފައިވާ ކަންތައްތަކުގެ ތެރޭގައި “ޗާޓައިމް”ގެ ގޮތުގައި އިމާރާތްކޮށްފައި ހުރި ތަން ތަރައްގީކުރުން ހިމެނިފައެއް ނުވެއެވެ. އެކަމަކު ސްޓްރާޑާގެ ފަރާތުން ހައުސިން މިނިސްޓްރީއަށް ފޮނުވި ސިޓީއަކާ ގުޅިގެން، ބްރިޖް ވިއުއިން ޕްލެޓްފޯމް ތަރައްގީކުރަން ދޫކޮށްފައިވާ ބިމުގެ އެންމެ އުތުރުފަރާތުގައިވާ ޕާކިންގ ޒޯނު ހުޅަނގަށް ޖައްސައި އެ ސަރަޙައްދު ފިނިބުއިން ވިއްކާތަނެއްގެ ގޮތުގައި ބޭނުންކުރުމުގެ ހުއްދަ ވަނީ ދީފައެވެ.

އަދި ސްޓްރާޑާއަށް ދީފައިވާ ބިން ތަރައްގީކުރުމަށް އިތުރު ހުށަހެޅުންތަކެއްވެސް ސްޓްރާޑާގެ ފަރާތުން ހުށަހަޅާފައިވެއެވެ. އެގޮތުން ބްރިޖް ވިއުއިން ޕްލެޓްފޯމުގެ ދެކުނުން އޮތް ބިމުގައި ޒަމާނީ ފުޓްބޯޅަ ޕިޗެއް ތަރައްގީކޮށް ސަރުކާރާ ހަވާލުކުރުމާއި 240 ސައިކަލާއި 12 ކާރު ޕާކުކުރެވޭ ޕާކިންގ އޭރިޔާއެއް ތަރައްގީކުރުމާއި ރަނގަޅު ފެންވަރުގެ ސިނަމާއެއް ތަރައްގީކޮށް ހިންގުމާއި މަގުމަތީގައި ގަސް އިންދައިދިނުމާއި ކުޑަކުދިން ކުޅޭ އިންޑޯ ޕްލޭ އޭރިޔާއެއް ތަރައްގީކުރުމެވެ. މިކަންތައްތައް ކުރުމުގެ ބަދަލެއްގެ ގޮތުން އެއްބަސްވުން އިތުރު ފަސް އަހަރަށް އިތުރުކުރުމަށް ހުށަހަޅާފައިވެއެވެ. އަދި މީގެއިތުރުން ސަރުކާރުން ބޭނުން ޚިދުމަތެއް ދިނުމަށްޓަކައި ސީ.އެސް.އާރު.ގެ ގޮތުގައި ދެ މިލިއަން ރުފިޔާ ދިނުމަށްވެސް ހުށަހަޅާފައިވެއެވެ.

އޭސީސީން ބުނީ ބްރިޖް ވިއުއިން ޕްލެޓްފޯމް ތަރައްގީކުރުމުގެ މަސައްކަތަކީ ވަގުތީގޮތުން ކުރާ މަސައްކަތެއްކަން ލިޔުންތަކުން އެނގޭއިރު، އެއްބަސްވުމަށް ގެނައި ބަދަލުތަކުގެ ސަބަބުން އެއްބަސްވުމުގެ މައިގަނޑު މަގްސަދު ގެއްލިފައިވާ ކަމަށާއި އަދި ޕްލެޓްފޯމް ތަރައްގީކުރުމަށް ވެފައިވާ އެއްބަސްވުމަށް ގެނެވޭ ފުރަތަމަ އިސްލާހުގައި 13 އޭޕްރީލް 2017 ގައި ސޮއިކުރިއިރު، އެއްބަސްވުމުގެ ދަށުން ކުރުމަށް އެއްބަސްވެފައިވާ ބައެއް ކަންތައްތައް ފުރިހަމަކޮށްފައި ނުވާކަމަށެވެ.

ހައުސިން މިނިސްޓްރީން ސްޓްރާޑާއަށް 18 މާޗް 2018ގައި ފޮނުވާފައިވާ ސިޓީގައި، މާލެއާއި ހުޅުލެއާއި ދެމެދު ގާއިމުކުރެވޭ ބްރިޖް ގުޅައިލެވޭ މަގުތައް ފުޅާކުރުމުގެގޮތުން ހިތިގަސްމަގު ފުޅާކުރުމަށްޓަކައި މަގަށް ނެގުމަށް ހަމަޖެހިފައިވާ ބައިގައި ބްރިޖް ވިއުއިން ޕްލެޓްފޯމް ތަރައްގީކުރުމަށް ވެފައިވާ އެއްބަސްވުމުގެ ދަށުން ދޫކޮށްފައިވާ ބިމުގައި ޗާޓައިމް ހިމެނޭތީ އެތަން އެހެން ސަރަޙައްދަކަށް ބަދަލުކުރަން ބޭނުންވާތީ އެކަން ކުރިއަށް ގެންގޮސްދިނުމަށް އެދިފައިވެއެވެ.

ނަވާރަ މާޗް 2018 ގައި ހައުސިން މިނިސްޓްރީއަށް، ސްޓްރާޑާއިން ފޮނުވާފައިވާ ސިޓީގައި، ބްރިޖް ވިއުއިން ޕްލެޓްފޯމް ތަރައްގީކުރުމަށް ވެފައިވާ އެއްބަސްވުމުގެ ދަށުން ތަރައްގީކުރުމަށް ހަމަޖެހިފައިވާ ލައުންޖާއި ސިނަމާ ތަރައްގީކުރުމުގެ ބަދަލުގައި އެތަން ތަރައްގީކުރުމަށް ދީފައިވާ ބިމުގައި ދެބުރިއާއި ޓެރަހެއް ހިމެނޭ އިމާރާތެއް ކޮށް އިވެންޓް ކޮމްޕްލެސް އިމާރާތެއް ހަދައި އިމާރާތުގެ ގްރައުންޑް ފްލޯގައި ޕާކިންގއާއި ޗާޓައިމް ކެފޭ ހެދުމަށް ހުށަހެޅުމާ ގުޅިގެން، އެކަން އެގޮތަށް ކުރިއަށް ގެންދިއުމަށް ހައުސިން މިނިސްޓްރީން ހުއްދަދީ އެއްބަސްވުމަށް އިސްލާހު ގެނެސްފައިވާ ކަމަށް އޭސީސީން ބުނެއެވެ.

އަދި އެއްބަސްވުމަށް ބަދަލު ގެނެސް 18 އޭޕްރީލް 2018 ގައި ސޮއިކުރިއިރު، އެއްބަސްވުމުގެ ދަށުން ދައްކަން ޖެހޭ ބިމުގެ ކުލީގެ ފައިސާ އެއްބަސްވެފައިވާ ގޮތަށް ދައްކަމުން ނުދާ ކަމަށާއި، އެއްބަސްވުމުގައި ސޮއި ކުރިއިރު ބިމުކުލި ދައްކާފައިވަނީ 2017 ވަނަ އަހަރުގެ އޮކްޓޫބަރުމަހާ ހަމައަށް ކަމަށް ވެސް އޭސީސީން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.