ބޮލީވުޑްގެ މަގުބޫލު ޑައިރެކްޓަރު އަދި ޕްރޮޑިއުސަރު ކަރަން ޖޯހަރުގެ އަމިއްލަ ޕްރޮޑަކްޝަން ކުންފުނި ދަރްމާ ޕްރޮޑަކްޝަނުގެ ވާހަކަތައް އެކި ކަހަލަ ކަންކަމާ ގުޅިގެން މީޑިއާގެ ފަލަ ސުރުހީގައި މިދިޔަ ހަފުތާގައި ވަނީ އާންމުވެފައެވެ.
އިންޑަސްޓްރީގައި އުޅޭ އެކި ފަރާތްތަކަށް އެންމެ ބޮޑު ސިހުމެއް ލިބިގެންގޮސްފައިވަނީ އާރްޕީ ސަންޖީވް ގޮއެންކާ ގްރޫޕުގެ އުފެއްދުމެއް ކަމަށްވާ ސަރޭގާމާ އިންޑިއާއިން ކަރަންގެ ދަރްމާ ޕްރޮޑަކްޝަނުގެ ބޮޑު ހިއްސާއެއް ގަތުމުގެ މަސައްކަތް ކުރަމުން އަންނަ ވާހަކައެވެ. ނަމަވެސް މިއީ އަދި ރަސްމީކޮށް ނިމިފައިވާ ކަމެއްނޫންކަން ވަނީ ހާމަވެފައެވެ. މީގެ ދެދުވަސްކުރިން އިކޮނޮމިކް ޓައިމްސްގައި ވަނީ ދަރްމާ ޕްރޮޑަކްޝަން ކުންފުނީގެ ބޮޑު ހިއްސާއެއް އހެން ބަޔަކު ގަތުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ބުނެފައެވެ.
އެ އާޓިކަލުގައި ވާ ގޮތުގައި އެ ކުންފުނީގެ ހިއްސާ ގަތުމުގެ މަސައްކަތް ކުރަމުން އަންނަނީ މުކޭޝް އަމްބާނީގެ ރިލައަންސް އިންޑަސްޓްރީ ލިމިޓެޑް (އާރްއައިއެލް)އިންނެވެ. ނަމަވެސް އެއީ ކިހާވަރެއްގެ ހިއްސާއެއްކަމެއް އަދި އެނގެންނެތް ކަމަށް ބަޔާންކޮށްފައިވެއެވެ.
ދަރްމާ ކުންފުނީގެ ހިއްސާ ވިއްކުމުގެ މަސައްކަތް ކަރަން ކުރަމުން އަންނަތާ ދުވަސްތަކެއް ވެފައިވާކަމަށްވެސް އާޓިކަލުގައި ވެއެވެ. އެކަމަކު އެކަން ނުނިމި ވަނީ އެކި ފަރާތްތަކާއެކު ވެވުނު އެއްބަސްވުންތަކަށް އެކި ކަހަލަ ހިތްހަމަނުޖެހުން އައިސް ބާތިލުވުމުގެ ސަބަބުން ކަމުގައިވެއެވެ.
ދަރްމާ ޕްރޮޑަކްޝަނަކީ ކަރަންގެ 90.7 ޕަސެންޓް ހިއްސާ އޮންނަ ކުންފުންޏެކެވެ. އެ ކުންފުނީގެ ދެން އޮންނަނީ އޭނާގެ މަންމަ ހިރޫ ޖޯހަރުގެ 9.24 ޕަސެންޓް ހިއްސާއެވެ.
ރިލައަންސް ކުންފުނިން ދަރްމާގެ ހިއްސާ ގަނެފިނަމަ އެ ވާނީ މުނިފޫހިފިލުމުވުގެ އިންޑަސްޓްރީއަށް އަންނަ ބޮޑު ކުރިއެރުމަކަށް ކަމަށް ގިނަބަޔަކު ދެކެވެ. މިހާތަނަށް ރިލައަންސް ކުންފުނިން ވަނީ ޖިއޯ ސްޓޫޑިއޯ، ވިއަކަމް18 ސްޓޫޑިއޯ އަދި ކޮލޮސިއަމް މީޑިއާވެސް ގަނެފައެވެ. މީގެ އިތުރުން އެކްތާ ކަޕޫރުގެ ބާލާޖީ ޓެލެފިލްސްގައިވެސް ރިލައަންސްގެ 25 ޕަސެންޓް ހިއްސާ އޮވެއެވެ.
ދަރްމާ ޕްރޮޑަކްޝަނުން މިހަފުތާގައި ވަނީ ފިލްމު ޖިޖްރާ ރިލީސްކޮށްފައެވެ. އެފިލްމުގައި ލީޑް ރޯލުން ފެނިގެންދަނީ އާލިއާ ބަޓް އަދި ވެދާންގް ރައިނާ އެވެ. ކަރަން އަކީ ދަރްމެޓިކް އެންޓަޓެއިންމަންޓް ކިޔާ ކުންފުންޏެއްގެވެސް ވެރިއެކެވެ. އެ ކުންފުނިން އަންނަނީ އޯޓީޓީ ޕްލެޓްފޯމުތަކަށް އެކި ކޮންޓެންޓް އުފައްދަމުންނެވެ. އެންމެ ފަހުން ނެރެފައިވާ ސީރީޒަކީ އަނަންޔާ ޕާންޑޭ ފެނިގެންދާ 'ކޯލް މީ ބައި' އެވެ. އެއީ އެމޮޒޯން ޕްރައިމުން ފެނިގެންދާ ސީރީޒެކެވެ. އެ ކުންފުނިން އުދައްފާ މަގުބޫލު ނެޓްފިލްކްސް ސީރީޒް 'ފެބިއުލަސް ލައިވްސް އޮފް ބޮލީވުޑް ވައިވްސް' ގެ ތިންވަނަ ސީރީޒް ނެރުމަށް ވަނީ ހަމަޖެހިފައެވެ. މިފަހަރުގެ ސީރީޒަށް ކިޔާ ނަމަކީ 'ފެބިއުލަސް ލައިވްސް ވޭސަސް ބޮލީވުޑް ވައިވްސް' އެވެ.