ބޮލީވުޑް

ދުވަސްކޮޅަކަށްފަހު ރަންބީރު އާއި ދީޕިކާ އެއް ފިލްމަކުން

"ޔޭ ޖަވާނީ ހޭ ދިވާނީ"ގައި ރަންބީރު ކަޕޫރު އަދި ދީޕިކާ ޕަޑުކޯންގެ އޮން ސްކްރީން ކެމިސްޓްރީ ވަނީ އެންމެނަށް ކަމުގޮސްފައެވެ. އޭރު އެ ދެބައިވެރިން އުޅުނީ ރައްޓެހިވެގެން ކަމުގެ އަޑުތައް ވަނީ ފެތުރިފައެވެ.

ފިލްމް "ތަމާޝާ" ކުޅުނު އިރު ދެބައިވެރިން ވަކިވެފައިވާކަމަށް ވެސް އަޑު ފެތުރުނެވެ. އަދި އޭގެ ފަހުން މި ދެތަރިންވެސް އެކީގައި ފިލްމެއް ކުޅެފައެއް ނުވެއެވެ. ނަމަވެސް މިހާރު އަޑުތައް ފެތުރޭ ގޮތުގައި ލަވް ރާޖަންގެ އާ ފިލްމްގައި އަޖޭ ދޭވްގަން އާ އެކީ ރަންބީރު ބަތަލުންގެ ބައިން ފެނިގެންދާއިރު އެ ފިލްމްގެ ބަތަލާގެ ބައިގައި ފެނިގެންދާނީ ދީޕިކާއެވެ.

ކަރަން ޖޯހަރުގެ ކޮފީ ވިތް ކަރަން ޝޯގައި ވެސް ދީފިކާގެ އާ ފިލްމްގައި ރަންބީރު އާ އެކީ ފެނިގެން ދާނެ ކަމުގެ އިޝާރާތެއް އޭނާ ވަނީ ކޮށްފައެވެ. އަދި އެ ފިލްމް ރިލީސްކުރަން ހަމަޖެހިފައި ވަނީ 2020ގެ ފަހުކޮޅެވެ. ފިލްމްގައި އަޖޭ އާ އެކީ ފެނިގެން ދާނެ ބަތަލާ އަދި ފައިނަލެއް ނުވެ އެވެ.

މި ދުވަސްކޮޅު ދީޕިކާ އަންނަނީ އޭނާގެ ކައިވެންޏަށް ތައްޔާރުވަމުންނެވެ. ނޮވެމްބަރު 14 އަދި 15 ގައި ދީޕިކާ އަދި ރަންވީރު ގެ ކައިވެނީގެ ހަފުލާ އޮންނަކަން ވަނީ އެދެބައިވެރިން އިއުލާންކޮށްފައެވެ. އަދި ހަބަރުތައް ބުނާ ގޮތުގައި އެ ކައިވެނި އޮންނާނީ އިޓަލީގެ ބަަދަލުގައި މުމްބާއީގައެވެ.