މަގުބޫލު ބަތަލާ، އާލިއާ ބަޓް އޭޑީއެޗްޑީ (އެޓެންޝަން ޑެފިސިޓް ހައިޕާ އެކްޓިވިޓީ ޑިސްއޯޑަރ) ހުންނަކަން އާންމުކޮށްފިއެވެ.
އެކަން އާންމުކުރަމުން، ދިން އިންޓަވިއުގައި އާލިއާ ބުނީ ކުޑައިރުން ފެށިގެންވެސް އެކި ކަންކަމާ އުޅޭއިރު އެއަށް އެހާ ބޮޑަށް ފޯކަސް ނުކުރެވޭ ކަމަށެވެ. އެއްވެސް ކަމަަކަށް މާގިނައިރު ޝައުގުވެރިކަން ނުބެހެއްޓޭ ކަމަށްވެސް އޭނާ ބުންޏެވެ. މި ޑިސްއޯޑާގައި އޭނާއަށް އެންމެ ބޮޑު ހިތްހަމަޖެހުމެއް ގެނެސްދޭ ދެ ކަމެއްވެސް އޭނާ ހިއްސާކުރިއެވެ.
"ކުޑައިރުންފެށިގެން ކަންކަމުގައި ޒޯންއައުޓް ވާނެ. ކުލާހުގަ ހުންނައިރުވެސް ނުވަތަ މީހަކާ ވާހަކަ ދައްކާއިރުވެސް ހަމަ ހުރެފަ އެހެން ކަމަކަށް ގެއްލިދާނެ. ވަރަށް ފަހުން ނަފުސާނީ ޓެސްޓެއް މި ހެދީ. އެއިން އެނގުނީ އޭޑީއެޗްޑީ ހުންނަކަން. އެއިންވެސް ސްޕެކްޓްރަމް ވަރަށް ހައިކޮށް ހުރީ" ލަލަންޓޮޕްއަށް ދިން އިންޓަވިއުގައި އާލިއާ ބުންޏެވެ.
އޭޑީއެޗްޑީ ހުންނަކަން އެނގުމުން އާލިއާއަށް ސިހުން ލިބުނުކަމުގައިވިޔަސް މިއީ އޭނާގެ ރައްޓެހީންނަށް މާ ކުރިން އެނގޭ ކަމެއްކަމުގައިވެއެވެ. އާލިއާ ބުނިގޮތުގައި ރައްޓެހިން ކައިރީ އެވާހަކަ ހިއްސާކުރުމުން އެކަން މާކުރީންވެސް އެނގޭކަމަށް އެމީހުން ވަނީ ބުނެފައެވެ. އެއީ އެހާ ބޮޑު ސިއްރެއް ނޫންކަމަށާއި އޭނާގެ ޕާސަނަލިޓީން އެކަން ދެނެގަނެވޭ ކަމަށް ރައްޓެހިން ބުނެފައިވާކަމަށް އާލިއާ ބުންޏެވެ. އެކަމަކު އޭނާއަށް އެކަން ނޭނގޭކަމަށްވެސް އާލިއާ ބުންޏެވެ.
އާލިއާ ބުނިގޮތުގައި އޭނާއަށް އެކަން އެންމެ ބޮޑަށް ފާހަގަވަނީ ކެމެރާގެ ކުރިމަތީ ހުންނައިރު އެވެ. "ދެން އަހަންނަށް ރިއަލައިޒްވީ ކެމެރާ ކުރިމަތީ އެހާބޮޑަށް ޕީސް ފީލްވަނީ ކީއްވެކަން. ކެމެރާ ކުރިމަތީގަވިއްޔާ އެ މޯމަންޓެއްގެ ޕްރެޒެންޓްގަ ހުރެވޭ. އެއީ އެ ފިލްމެއްގެ ކެރެކްޓަރުގެ ގޮތުންކަމެއް ނޫނީ އެހެން ގޮތަކުން ކަމެއްނޭނގެ. އެކަމަކު އެއީ އެންމެ ފަސޭހައިން ފޯކަސް ކުރެވޭ އެއްތަން. ދެން އޮފްކޯސް ރާހާ. އޭނާއާއި އެކު ހުންނައިރު އެއީ ވެސް ވަރަށް ޕީސްފުލް ވަގުތެއް. މިއީ މެންޓަލީ އެންމެ ބޮޑަށް ޕްރެޒެންޓްވެގެން ހުންނަ ދެކަންތައް" އާލިއާ ބުންޏެވެ.
"ކޮންމެ ކަމެއްވެސް އަވަހަށް ކޮށްލަން ބޭނުންވޭ! ކަންކަމުގަ އެހާ ގިނަ ވަގުތު އިންވެސްޓް ކުރަން ބޭނުމެއް ނުވޭ. ކުރަންޖެހޭ ކަމެއް ވީހާވެސް އަވަހަށް ކޮށް ނިމެން ޖެހޭނެ. ކައިވެނި ކުރަން އޮތްދުވަހުވެސް މޭކަޕް އާޓިސް ޕުނީތު ބުނި މިފަހަރު އޭނާއަށް ދެގަޑިއިރު މޭކަޕް ކުރަން ދޭންވާނޭ. އަހަރެން ބުނިން އެހެނެއް ނުވާނޭ. އަވަހަށް ނިންމާލަދޭށޭ. ބޭނުމޭ ޗިލްކޮށްލަން" މެގަޒިންއަކަށް ދިން އިންޓަވިއުއެއްގައި އާލިއާ ބުންޏެވެ.
އާލިއާގެ ފިލްމު ޖިގްރާ މިހާރު ތިއޭޓަރުތަކުގައި އަޅުވާފައިވާއިރު އެ ފިލްމަށް އެހާބޮޑު ކާމިޔާބީއެއް އަދި ނުލިބެއެވެ.