ދިވެހީންގެ މުޅި ޖީލެއް އެ ވަބާގައި ޖެހިގެން ހަލާކުވަމުންދާ، ވޭޕްގެ ވަބާއިން ސަލާމަތް ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ވަނީ ވަރަށް ވެސް ތާރީހީ އަދި މުހިންމު ނިންމެވުމެއް ނިންމަވައިފައެވެ. ރައީސް މިވަނީ އަންނަ މަހުން ފެށިގެން ރާއްޖެއަށް ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި އެ ތަކެތީގެ ވަކިވަކި ބައިތައް ރާއްޖެއަށް އެތެރުކުރުން މަނާ ކުރަން ނިންމަވައިފައެވެ. އޭގެ އިތުރުން ވޭޕްކުރުމަށް ބޭނުންކުރާ ތަކެތި ބޭނުންކުރުމާއި ގެންގުޅުމާއި އުފެއްދުމާއި ވިއްކުމާއި ރާއްޖޭގައި އިޝްތިހާރު ކުރުމާއި ހިލޭ ބެހުން ޑިސެމްބަރު 15، 2024 އިން ފެށިގެން މަނާކުރުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމަށް ކަމާބެހޭ ފަރާތްތަކަށް ރައީސް މިހާރު ވަނީ އަންގަވައިފައެވެ.
ރައީސްގެ މި ތާރީހީ ނިންމެވުން ނިންމެވި ސަބަބުތައް ވެސް އެމަނިކުފާނު ވަނީ ތިލަކޮށްދެއްވައިފައެވެ. އޭގެ ތެރެއިން އެންމެ މުހިންމު އެއް ސަބަބަކީ ވޭޕްގެ ސަބަބުން ޒުވާނުންނާއި ކުޑަކުދީން ސިއްހީ ނުރައްކަލަކަށް ހުށަހެޅުމުން ދިއުމެވެ. ރައީސް ވިދާޅުވި ގޮތުގައި އެކަން އެގޮތަށް ވެފައިވަނީ އެއްވެސް ސަރުކާރަކުން ވޭޕްގެ މައްސަލަ ރެގިއުލޭޓް ކުރެވިފައި ނުވުމުގެ ސަބަބުންނެވެ. މި ނިންމުމާ އެކު އެ މައްސަލައަށް ހައްލެއް ލިބިގެން ދިއުމަކީ ރައީސްގެ އުންމީދެވެ.
ވޭޕް މަނާކުރުމުގެ އެންމެ މުހިންމު އަނެއް ސަބަބެއް ކަމަށް ރައީސް ފާހަގަ ކުރައްވާފައިވަނީ މަސްތުވުމެވެ. އެ މަނިކުފާނު ވިދާޅުވި ގޮތުގައި ވޭޕްގެ ޑިވައިސްތައް ބޭނުންކޮށްގެން މަސްތުވާތަކެތި ބޭނުންކުރާ މިންވަރު ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. އޭގެ އިތުރުން މަސްތުވާތަކެތި ފެތުރުމުގައި ބޭނުންކުރާ އާ އުކުޅުތަކުގެ ސަބަބުން އެކަން ހުއްޓުވުން ގޮންޖެހުމަކަށް ވެފައިވާތީ، އެތަކެތީގެ ވަބާގައި ޖެހި އޯވަޑޯޒް ވެގެން މަރުވާ ޒުވާނުންގެ އަދަދު އިތުރުވުމަކީ ވެސް ވަރަށް ބޮޑު ކަންބޮޑުވުމަކަށްވާތީ، ވޭޕް މަނާ ކުރަން ނިންމެވީ ކަމަށެވެ.
ރައީސްގެ އެންމެ ބޮޑު އަމާޒަކީ ދުންފަތާ ދުރުހެލި ޖީލެއް ބިނާ ކުރުމެވެ. މިއީ ދުންފަތާ ދުރު، ދުޅަހެޔޮ މުޖުތަމައެއް ބިނާކޮށް ޒުވާން ޖީލު ސަލާމަތް ކުރުމަށް އެޅުއްވި ފުރަތަމަ ފިޔަވަޅު ކަމަށްވެސް ރައީސް ފާހަގަ ކުރެއްވިއެވެ.
ވޭޕްގެ ވަބާގައި ޖެހި ކުޑަކުދީންނާއި ޒުވާނުން ހަލާކުވަމުންދާ މައްސަލައިގެ ކަންބޮޑުވުން ދިޔައީ ހުރިހާ ފަރާތްތަކަކުން ވެސް ފާޅުކުރަމުންނެވެ. އެގޮތުން ޑޮކްޓަރުންގެ ޖަމިއްޔާތަކާއި ކުޅިވަރު އެސޯސިއޭޝަންތަކާއި ސިއްހީ ދާއިރާގެ ތަޖުރިބާކާރުންގެ ޖަމިއްޔާތަކުން ވަނީ މީގެ ކުރިން ވަރަށް ބޮޑަށް އެކަމަށް ގޮވާލައިފައެވެ، ހާއްސަކޮށް ދަރިވަރުން ސްކޫލުތަކުގައި ވޭޕްކުރާ މިންވަރު އިތުރުވެފައިވާތީ ސުކޫލުތަކުގެ ވެރީން ވެސް ވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.
ސްކޫލް ތަކުގައި ދަރިވަރުން ފާޚާނާ ތަކުގައާއި ކުލާސްތަކުގައިވެސް ވޭޕް ބޭނުންކުރުން އާންމުވެފައިވާކަން މި ފަހުން ވަނީ އެނގިފައެވެ. ވޭޕުގެ ގޮތުގައި، މަސްތުވާ ބާވަތްތައްވެސް އެއްކޮށްގެން ބޭނުން ކުރުމާއި އެކު، ސްކޫލްތަކުގެ ތެރޭގައި ބިތްޖެހިފައި ތިބޭ ދަރިވަރުން ވެސް ވަނީ ފެންނާން ފަށާފައެވެ. ހާލަތު އޮތީ ގޯހުން ގޯހަށް ގޮސްފައެވެ. ޕްރައިމަރީ ގުރޭޑުތަކުން ފެށިގެން ސެކަންޑަރީގައިވެސް ކަން އޮތީ މިހެންނެވެ. މިއީ މާދަމާ ގައުމާއި ހަވާލުވާން އޮތް ޖީލުގެ ވާހަކައެވެ.
ރައީސްގެ މި ނިންމެވުމުގެ ސަބަބުން ގިނަ ބަޔަކު ވަނީ މަރުހަބާ ކިޔައި، ރައީސްގެ ނިންމެވުމަށް ތައީދު ކޮށްފައެވެ. ގިނަ ފަރާތްތަކަކުން ދެކޭ ގޮތުގައި މިއީ ރައީސް ނިންމެވި ވަރަށް ވެސް "ގަޓް" ނިންމެވުމެކެވެ. މިކަމުގެ ސަބަބުން ޒުވާން ޖީލުތައް މި ނުބައިކަމުން ސަލާމަތް ކުރެވޭނެއެވެ.
ރައީސްގެ ނިންމެވުމަށް މަރުހަބާ ދަންނަވައި އެޓާނީ ޖެނެރަލް އަހުމަދު އުޝާމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ރައީސްގެ އެ ނިންމެވުމަކީ ރާއްޖޭގެ ޅަދަރީންނާއި ޒުވާނުންނާއި ގައުމުގެ ހުރިހާ ރައްޔިތުންގެ ހައްގުގައި ނިންމެވި މުހިންމު ނިންމެވުމެއް ކަމަށެވެ.
"ރައީސްގެ ނިންމެވުން ތަންފީޒުކުރުމަށްޓަކައި ގާނޫނުތަކަށް ގެންނަން ޖެހޭ އިސްލާހުތައް މި ހަފުތާގެ ތެރޭގައި މަޖިލީހަށް ފޮނުވުމަށް ކުރަންޖެހޭ މަސައްކަތް މިދަނީ ކުރަމުން. އެގޮތުން ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ގާނޫނާއި ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓް ގާނޫނަށް އިސްލާހު ގެނައުމަށް މަޖިލީހަށް ހުށަހެޅުމަށް ވާނީ ނިންމާފައި،" އުޝާމް ވިދާޅުވިއެވެ.
އުޝާމްގެ އިތުރުން ހޯމް މިނިސްޓަރު އަލީ އިހުސާން ވެސް ވަނީ ރައީސްގެ ނިންމެވުމަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވައިފައެވެ. އޭނާ ވިދާޅުވި ގޮތުގައި ވޭޕަކީ ދިވެހި ދަރީން މަސްތުގެ މަގަށް ފަސޭހަކަމާ އެކު އަނބުރާލާ އެއް ކަންތައް ކަމަށާއި ވޭޕް މަނާ ކުރުމަށް ރައީސް ނިންމެވި ނިންމެވުމަކީ ގައުމު ތާއަބަދަށް ޝުކުރުވެރިވާނެ ބޮޑު ނިންމެވުމެއް ކަމަށެވެ.
އޭޑީކޭ ހޮސްޕިޓަލުގެ މެނޭޖިން ޑިރެކްޓަރު އަހްމަދު އައްފާލް "އެކްސް" ގައި ވިދާޅުވެފައިވަނީ އެ ނިންމެވުމުގެ ސަބަބުން ރާއްޖޭގެ ސިއްހީ ހާލަތަށް ވަރަށް ބޮޑު ކުރިއެރުމެއް އަންނާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބުދުއްރަހީމް އަބުދުﷲ ވެސް ވަނީ ރައީސްގެ ނިންމެވުމަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވައިފައެވެ. އެ މަނިކުފާނު ވިދާޅުވި ގޮތުގައި ރައީސްގެ އެ ނިންމެވުމަކީ ގައުމުގެ މާދަމާގެ މުސްތަގުބަލަށް ޓަކައި ނިންމެވި ވަރަށް ބޭނުންތެރި ނިންމެވުމެއް ކަމަށެވެ.
މީގެ އިތުރުންވެސް އާންމުންގެ ގިނަ ބަޔަކާއި ސިއްހީ ދާއިރާގެ އިތުރުން ސްކޫލުތަކުގެ އިސް ވެރީންނާއި ބެލެނިވެރިން ވަނީ ރައީސްގެ ނިންމެވުމަށް މަރުހަބާ ކިޔައި، ޝުކުރު އަދާކޮށްފައެވެ. އޭގެ ތެރޭގައި ވޭޕް ބޭނުންކުރާ މީހުންވެސް މަދެއް ނޫނެވެ.
ރައީސް ވެސް ފާހަގަ ކުރެއްވި ގޮތުގައި ވޭޕް މަނާ ކުރަން ނިންމެވި ނިންމެވުމަކީ ދުންފަތާ ދުރު، ދުޅަހެޔޮ މުޖުތަމައެއް ބިނާކޮށް ޒުވާން ޖީލު ސަލާމަތް ކުރުމަށް އެޅުއްވި ފިޔަވަޅެކެވެ. މިއީ އެކަމުގެ ފުރަތަމަ ފިޔަވަޅެވެ. ނަމަވެސް ވޭޕް އެކަނިން މަނާ ކުރުމުން ފުދޭނެ ހެއްޔެވެ؟ އެއަށްވުރެ ގެއްލުން ބޮޑު ތަކެތި އެއްވެސް ހުރަހެއް ނެތި ދަނީ ބޭނުންކުރަމުންނެވެ.
ގިނަ ބަޔަކު ފާހަގަ ކުރި ގޮތުގައި ސިނގިރޭޓަކީ އެންމެ ފުރަތަމަ މަނާކުރަންޖެހޭ ބާވަތެކެވެ. ވޭޕްގެ މާ ކުރިން ރާއްޖޭގައި ސިނގިރޭޓް ބޭނުން ކުރަން ފެށިފައިވެއެވެ. އަދި މިއީ ވޭޕަށް ވުރެ ވެސް ނުރައްކާތެރި ބާވަތެކެވެ. މީގެ ގެއްލުން ވެސް މާ ބޮޑެވެ.
"ވޭޕް ބޭން ކުރަން ނިންމި ނިންމުން ވަރަށް ވެސް ރަނގަޅު. އެކަމަކު ވޭޕަށްވުރެ ބޮޑަށް ސިނގިރޭޓް މަނާކުރުން މާ މުހިންމު. އެއީ މާ ގެއްލުން ބޮޑު އެއްޗެއް. އެތައް ޖީލެއް ހަލާކުވެގެން އެދަނީ ސިނގިރޭޓާ ހެދި. އެތައް ބަޔަކު މަރުވެގެން އެދަނީ. ވޭޕަށްވުރެ ކުރިން ސިނގިރޭޓް ބޭން ކުރެވެން ޖެހޭނެ،" މީހަކު ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓެއްގައިވެއެވެ.
ސިއްހީ މާހިރުން ވެސް ވޭޕް މަނާ ކުރުމުން މަރުހަބާ ކިޔާފައިވާ އިރު، އެ ފަރާތްތަކުގެ ވެސް އޮތް ކަންބޮޑުވުމަކީ ވޭޕަށް ވުރެ ކުރިން ސިނގިރޭޓް މަނާ ނުކުރުމެވެ. އެއީ ސިނގިރޭޓުން ލިބޭ ގެއްލުން ބޮޑުވެފައި މަރުވާ މީހުން ވެސް ގިނަ ވުމެވެ.
"ތަފާސްހިސާބުތަކަށް ބަލައިލުމުން ވެސް އެނގޭނެ ކޮންމެ އަހަރަކު ސިނގިރޭޓްގެ ސަބަބުން ކެންސަރު ޖެހިގެން މަރުވާ މީހުންގެ އަދަދު. ވަރަށް ވެސް ގިނަ ދެއްތޯ. އަޅުގަނޑު ނުބުނަން ވޭޕް މަނާ ކުރުން ގޯހެކޭ. ވޭޕް މަނާ ކުރަން ނިންމި ނިންމުމަކީ ވަރަށް ވެސް މުހިންމު ނިންމުމެށް. ވަރަށް ވެސް ތާއީދު. އެކަމަކު ސިނގިރޭޓް ބޭން ކުރުން މާ މުހިންމު ނޫންތޯ އަޅުގަނޑުގެ ސުވާލަކީ،" ސިއްހީ ދާއިރާގެ ތަޖުރިބާކާރަކު "ވަން" އަށް ވިދާޅުވިއެވެ.
ވޭޕާ އެކު ސިނގިރޭޓް ވެސް ބޭން ކުރުމަށް އެތައް ބަޔަކު އަންނަނީ ގޮވާލަމުންނެވެ. ހާއްސަކޮށް ދުންފަތް ހިމެނޭ ހުރިހާ ބާވަތްތަކަކީ ޒުވާން ޖީލު ސަލާމަތް ކުރުމަށް މަނާ ކުރުން މުހިންމު ކަމެކެވެ. އެއީ ގެއްލުން އިންތިހާއަށް ބޮޑުވުމެވެ.
މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަން (އެމްއެމްއޭ) އިން ބުނެފައިވާ ގޮތުގައި ދުނިޔެ އާއި ރާއްޖޭގައި ވެސް ސިއްހީ ދާއިރާގައި އެންމެ ބޮޑަށް ކުރިމަތިލާންޖެހިފައިވާ ގޮންޖެހުމަކީ ގައިން ގަޔަށް ނާރާ ބަލިތަކެވެ. ދުންފަތުގެ ބާވަތްތައް ބޭނުންކުރުމަކީ އެފަދަ ބަލިތަކަށް މަގުފަހިވާ ކަންކަމުގެ ތެރެއިން އިސް ރޯލެއް އަދާކުރާ ކަމެއް ކަމަށް އެތައް ދިރާސާއަކުން އެނގިފައިވެއެވެ.
އެ ޖަމިއްޔާއިން ބުނިގޮތުގައި ދުންފަތަކީ އެތައް ހާސް ވިހަ ކެމިކަލް މާއްދާ އަދި 250 ވިހަ އެކުލެވޭ އެއްޗެކެވެ. އޭގެ ތެރެއިން 70 މާއްދާއިން ކެންސަރަށް މަގުފަހިވާކަން ދިރާސާތަކުން ދައްކާއިރު، ދުންފަތުގެ ނުސީދާ ދުމަށް ހުށަހެޅުމުން ކުޑަކުދީންނަށް ނޭވާ ހިއްލުމާއި ފުއްޕާމޭގައި ޖަރާސީމު އަށަގަތުމާއި ލޭގެ ކެންސަރު ޖެހުން ފަދަ ސިއްހީ މައްސަލަތައް ދިމާވެއެވެ.
ޑަބްލިއުއެޗްއޯއާ ހަވާލާދީ މެޑިކަލް އެސޯސިއޭޝަނުން ބުނެފައިވަނީ ފުއްޕާމޭގެ ކެންސަރު ބަލީގެ 85 ޕަސެންޓް ސަބަބަކީ ދުންފަތުގެ ސީދާ ދުމެވެ. އަހަރަކު 8 މިލިއަން މީހުން ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ސަބަބުން އެކި ބަލިތަކުގައި މަރުވަމުންދާ އިރު، އޭގެ ތެރެއިން 1.3 މިލިއަން މީހުންނަކީ ދުންފަތުގެ ނުސީދާ ދުމުން މަރުވާ މީހުންނެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިޔުއެޗްއޯ އިން 2018 ވަނަ އަހަރު ނެރެފައިވާ ތަފާސް ހިސާބުގައިވާ ގޮތުން ރާއްޖޭގައި މަރުވާ މީހުންގެ ތެރެއިން 17 ޕަސެންޓް މީހުންގެ މަރުގެ އަސްލަކީ ކެންސަރު ބައްޔެވެ. ސަރުކާރުގެ މައި ހޮސްޕިޓާ، އައިޖީއެމްއެޗުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 2020 ވަނަ އަހަރު އެވްރެޖުކޮށް ކޮންމެ މަހަކު 53 މީހުން މުޅިން އަލަށް ކެންސަރު ބަލި ޖެހިގެން އެ ހޮސްޕިޓަލުގައި ރަޖިސްޓްރީ ކުރެއެވެ. އެއީ އަހަރަކަށް ބަލާނަމަ 636 ކޭހެވެ. މީގެ ތެރޭގައި ގިނަ އަދަދަކަށް ދންފަތާ ގުޅުން ހުރި ކެންސަރުގެ ބާވަތްތައް ހިމެނެއެވެ. މި ހިސާބުތަކުން ވެސް ދުންފަތުގެ ނުރައްކާ އޮތް މިންވަރު އެނގެއެވެ.
ސިނގިރޭޓް ހުއްޓުވުމަށް އެދެވޭ ހައްލެއް ނުގެނެވި، ސިނގިރޭޓް ބޭނުން ކުރާ މިންވަރު ވެސް ދުވަހެއް ދުވަހަކަށް ދަނީ އިތުރުވަމުންނެވެ. ވޭޕާ އަޅައި ބަލާއިރު، ސިނގިރޭޓް ގެންނަ މިންވަރަކީ ކަންބޮޑުވާން ޖެހޭ މިންވަރެކެވެ. މިވަބާގައި ޖެހޭ ޒުވާނުންނާއި ކުޑަކުދީން އެތައް ގުނައަކަށް ދަނީ އިތުރުވަމުންނެވެ.
އެޗްޕީއޭ އިން މިދިޔަ އަހަރު އާންމުކުރި ތަފާސްހިސާބުން ދައްކާ ގޮތުގައި ރާއްޖޭގެ އާބާދީގެ 25.7 ޕަސެންޓް މީހުން ދުންފަތުގެ އިސްތިއުމާލު ކުރެއެވެ. އެއީ ކޮންމެ ހަތަރު މީހަކުން އެކެކެވެ. އޭގެ ތެރޭގައި ވެސް ގިނައީ ފިރިހެނުންނެވެ. ދުންފަތުގެ އިސްތިއުމާލުކުރާ 35.6 ޕަސެންޓަކީ ފިރިހެނުންނަށް ކަމަށްވާ އިރު، ދުންފަތުގެ އިސްތިއުމާލުކުރާ އަންހެނުންގެ އަދަދު ހުރީ 7.6 ޕަސެންޓުގައެވެ.
އޭގެ އިތުރުން ރާއްޖޭގައި ކުޑަކުދީންގެ އާބާދީގެ ބޮޑު ބައެއް ދުންފަތުގެ ބާވަތްތައް ބޭނުންކުރާކަންވެސް އެ ތަފާސްހިސާބުތަކުން ދައްކައެވެ.
މޯލްޑިވްސް ކަސްޓަމްސް އިން އާންމުކޮށްފައިވާ މައުލޫމާތަށް ބަލާ އިރު، 2020 ވަނަ އަހަރު ރާއްޖެއަށް 251 މިލިއަން ރުފިޔާގެ ސިނގިރޭޓް އެތެރެކޮށްފައިވެއެވެ. އެއީ 407 މިލިއަން ކުއެންޓިޓީއެވެ. 2021 ވަނަ އަހަރު 246 މިލިއަން އަދި 2022 ވަނަ އަހަރު 272 މިލިއަން ރުފިޔާގެ ސިނގިރޭޓާއި ދުންފަތުގެ ބާވަތްތައް ރާއްޖެއަށް އެތެރެ ކޮށްފައިވެއެވެ. އަދި މިދިޔަ އަހަރު ވަނީ 288 މިލިއަން ރުފިޔާގެ ސިނގިރޭޓް ރާއްޖެއަށް އެތެރެކޮށްފައެވެ.
އެ އަހަރުތަކުގެ ވޭޕް އެތެރެކޮށްފައިވާ ހިސާބުތަކަށް ބަލާއިރު، 2020 ވަނަ އަހަރު އަށް ލައްކަ ރުފިޔާގެ ވޭޕް އެތެރެ ކޮށްފައިވެއެވެ. އެއީ 786،000 ވޭޕްގެ ބާވަތްތަކެވެ. 2021 ވަނަ އަހަރު އެ އަދަދު ދެގުނަ ބޮޑުވެފައިވާ އިރު، އެ އަހަރު 2.8 މިލިއަން ރުފިޔާގެ ވޭޕް އެތެރެކޮށްފައިވެއެވެ. އަދި ޖެހިގެން އައި އަހަރު، 2022 ވަނަ އަހަރު އެ އަދަދު ވަނީ 13 މިލިއަން ރުފިޔާއަށް އަރައިފައެވެ. ކުރީ އަހަރާ އަޅައި ބަލާއިރު، މިދިޔަ އަހަރު ވޭޕް އެތެރެ ކުރި މިންވަރު ދަށްވި ނަމަވެސް އެ އަހަރު ވެސް ވަނީ 12 މިލިއަން ރުފިޔާގެ ވޭޕް އެތެރެކޮށްފައެވެ.
ކަސްޓަމްސްގެ ތަފާސް ހިސާބުތަކުން ވެސް ސިނގިރޭޓްގެ އެތެރެ ކުރާ މިންވަރު އަހަރެއްގެ މައްޗަށް ގާތްގަނޑަކަށް 10 މިލިއަން އިތުރުވެފައިވެއެވެ. މިއީ ކަންބޮޑުވާން ޖެހޭ އަދަދުތަކެކެވެ. ވޭޕާ އެކު ސިނގިރޭޓް ނުހުއްޓުވައިފި ނަމަ، މި ވަބާގައި ޖެހޭ މިންވަރު އިތުރުވުމުގެ ބިރު މާ ބޮޑެވެ.
ބައެއް ފަރާތްތަކުން ވަނީ ވޭޕް މަނާ ކުރުމުން ސިނގިރޭޓް ބޯ ޖީލެއް އުފަންވުމުގެ ބިރުވެރިކަން ވެސް ފާޅުކޮށްފައެވެ، އެގޮތުން މިހާރު ވޭޕް ބޭނުން ކުރާ ކުދިން ދުންފަތުގެ އިސްތިއުމާލު ކުރުމާ ދިމާލަށް މިސްރާބު ޖެހުން ވަރަށް ވެސް ގާތް ކަމަށް ދެކެއެވެ.
"ސުވާލަކީ ވޭޕް މަނާކުރުމުން ސިނގިރޭޓް ބޯ ކުދިން ގިނަ ނުވާނެހޭ. ސިނގިރޭޓް މާ އަގު ވެސް ހެޔޮ އަދި ފަސޭހައިން ލިބޭނެ. އެހެންކަމަށްވާ ނަމަ ސިނގިރޭޓާ ދިމާލަށް އެ ކުދީން ދިއުމުގެ ފުރުސަތު މާ ބޮޑެއް ނޫންތޯ. ވޭޕާ އެކު ސިނގިރޭޓް މަނާ ނުކުރާނަމަ، ސިނގިރޭޓް ބޯ ޖީލެއް އުފަންވާނީ ނޫންތޯ،" ސޯޝަލް މީޑިއާގައި މީހަކު ކޮށްފައިވާ ކޮމެންޓެއްގައިވެއެވެ.
ވޭޕް މަނާ ކުރަން ރައީސް ނިންމެވި ނިންމެވުމަކީ ވަރަށް ވެސް "ގަޓް" ހުރެގެން ނިންމޭނެ ނިންމެވުމެކެވެ. މިކަމުގެ ސަބަބުން އެތައް ޖީލެއް މި ވަބާއިން ސަލާމަތް ކުރެވި، ޒުވާނުން މަސްތުގެ ވަބާއިން ވެސް ސަލާމަތް ކުރެވިގެންދާނެއެވެ. މިއީ ދުންފަތާ ދުރު ޖީލެއް ބިނާ ކުރުމަށް އެޅި ފުރަތަމަ ފިޔަވަޅު ކަމުގައިވީ ނަމަވެސް މިއީ ވަރަށް ވެސް ބޮޑު އަދި މުހިންމު ފިޔަވަޅެކެވެ. ނަމަވެސް މިހާ ހިސާބުން ނިމުނީއެއް ނޫނެވެ. ވޭޕުން ނިންމައިލެވޭކަށް ނެތެވެ. ސިނގިރޭޓާއި ޝީޝާ އަދި މިނޫން ވެސް ދުންފަތުގެ އެތައް ބާވަތްތައް ފަސޭހަ ކަމާއެކު ހުންނަނީ ލިބޭށެވެ. މިކަންކަން ހުއްޓުވައިގެން ނޫނީ ދުޅަހެޔޮ މުޖުތަމައެއް ބިނާކޮށް ޒުވާން ޖީލު ސަލާމަތެއް ނުކުރެވޭނެއެވެ. އެންމެންގެ ސަޕޯޓު ލިބުނު މި ދަނޑިވަޅުގައި ދުންފަތުގެ އެހެން ބާވަތްތައްވެސް ހުއްޓުވާން ވީ އެވެ. މަނާކުރާންވީ އެވެ. އެއީ މި ގައުމުގެ އަދާއި މާދަމާގެ ޖީލަށް ޓަކައި ވެރިޔަކު ކުރައްވާން ޖެހިވަޑައިގަންނަވާ ކަމެކެވެ. ގައުމަށް ޓަކައި ހަކަތަ ހުރި ޖީލެއް ބިނާކުރެވޭނީ ސިއްހީ ގޮތުން ދުޅަހެޔޮ މީހުންތަކެއް އުފެއްދިގެންނެވެ.