ދިރާގާ ގުޅިގެން ސަތޭކަ އިންސައްތަ ދިވެހި އުފެއްދުންތައް ހިމެނޭ ބައިސްކޯފުން ރޯދަމަހަށް ހާއްސަ މަދަހަ އަލްބަމެއް ނެރެފި އެވެ.
މި މަދަހަ އަލްބަމް ނެރެފައި ވަނީ މިއަދު ދިރާގުގެ ހެޑް އޮފީހުގައި އެކަމަށް ހާއްސަކޮށްގެން ކުރިއަށްގެންދިޔަ ރަސްމިއްޔާތެއްގައެވެ. މިއަދު ނެރުން "އާލަމް" މަދަހަ އަލްބަމްގައި އަށްމަދަހަ ހިމެނެއެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ދިރާގުގެ މެނޭޖަރ ޕްރޮޑަކްޓް ޑިވެލޮޕްމަންޓް އެންޑް އިނޮވޭޝަން މުހައްމަދު ފާރިހު ވިދާޅުވީ ބައިސްކޯފަކީ ރަނގަޅު ދިވެހި ކޮންޓެންޓު ހުރި ޕްލެޓްފޯމެއް ކަމަށެވެ. އަދި ބައިސްކޯފާއެކު ދިރާގުގެ ޕާޓްނާޝިޕަކީ ދިވެހިންގެ އުފެއްދުންތައް އާންމު ރައްޔިތުންނަށް، ހާއްސަކޮށް ދިރާގުގެ ކަސްޓަމަރުންނަށް ގެނެސްދިނުމަށް ވަރަށް މުހިއްމު ޕާޓްނަރޝިޕެއް ކަމަށް ފާރިހު ވިދާޅުވިއެވެ.
''އާލަމް'' މަދަހަ އަލްބަމަކީ މަޝްހޫރު ޅެންވެރިޔާ އީސާ ޝަރީފްގެ އިތުރުން އާދަމް ނަސީރުގެ ޅެންތަކަށް މަދަހަ ހަދާފައިވާ މަދަހަ އަލްބަމެކެވެ. މިއަދު މި އަލްބަމް ނެރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އީސާ ޝަރީފް ވިދާޅުވީ މި މަދަހަ ތަކުގެ ޅެން ތަކަކީ 10 ދުވަހުގެ މަސައްކަތް ކަމަށެވެ. އީސާ ޝަރީފް ވިދާޅުވީ އޭނާއާއި އާދަމް ނަސީރުގެ އިތުރުން މި އަލްބަމްގައި ޒުވާން ޝާއިރެއް ކަމަށްވާ އިއްޒާ އަހުމަދު ނިޒާރުގެ ޅެންތަކައް ހަދާފައިވާ މަދަހަ ހިމެނޭ ކަމަށެވެ.
މި އަލްބަމްގައި ހިމެނޭ ހުރިހާ މަދަހައެއް މިހާރު ބައިސްކޯފު އެޕުން އަޑުއަހާލެވެއެވެ. ބައިސްކޯފު އެޕު ބޭނުންކުރާ ކަސްޓަމަރުންނަށް ބައެއް ފިލްމްތަކާއި، ޑްރާމާތަކާއި، ވީޑިއޯ ލަވަތަކުގެ އިތުރުން އޯޑިއޯ ލަވަ ހިލޭ އަޑުއެހޭއިރު، ބައެއް ކޮންޓެންޓު ބެލުމަށް ނުވަތަ އަޑު އެހުމަށް ބައިސްކޯފަށް ސަބްސްކްރައިބް ކުރަންޖެހެއެވެ. އެގޮތުން ދިރާގު ކަސްޓަމަރުންނަށް މަހަކު 69ރ. ދައްކައިގެން ބައިސްކޯފަށް ސަބްސްކްރައިބް ކުރެވޭއިރު އެހެން ކަސްޓަމަރުންނަށް 92ރ. ދައްކައިގެން ބައިސްކޯފަށް ސަބްސްކްރައިބް ކުރެވެއެވެ.