ކުރީގެ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް

ރައްޔިތުންނާއި ވިޔަފާރިވެރިން އުފާވާ މިންވަރަށް އިންޓަނެޓުގެ އަގު ހެޔޮކުރާނަން: މަލީހު

ރައްޔިތުންނާއި ވިޔަފާރިވެރިން އުފާވާ މިންވަރަށް، ކައިރި މުސްތަގުބަލެއްގައި އިންޓަނެޓްގެ އަގު ހެޔޮކުރާނެ ކަމަށް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މަލީހު ވިދާޅުވީ އިންޓަނެޓުގެ އަގު ހެޔޮކުރުމަށް ސަރުކާރުން ފެށި މަސައްކަތުގެ ދަށުން ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ އާއި ކޮމިއުނިކޭޝަން އޮތޯރިޓީ ގުޅިގެން މީގެ ދުވަސްތަކެއް ކުރިން މަޝްވަރާތަކެއް ފަށާފައިވާ ކަމަށެވެ. އެގޮތުން މިހާރު އާދެވިފައިވާ ހިސާބަށް ބަލާއިރު މިއީ މަޝްވަރާގެ އެންމެ ފަހު މަރުހަލާ ކަމަށް މަލީހު ވިދާޅުވިއެވެ.

މިނިސްޓަރު މަލީހު ވިދާޅުވީ ދުނިޔޭގެ ނިސްބަތުންވެސް އިންޓަނެޓްގެ އަގު އެންމެ ބޮޑީ ރާއްޖޭގައި ކަމަށާއި އިންޓަނެޓްގެ އަގު ތިރިކުރުމަށްޓަކައި ސަރުކާރުން މިހާރު މަސައްކަތް ފަށާފައިވާ ކަމަށެވެ.

އެގޮތުން ދިރާގާއި އުރީދޫގެ އިތުރުން އާރުއޯއެލްއާއެކު ކުރަމުން އަންނަ މަޝްވަރާއަށް ސަރުކާރުން ހުށަހެޅުންތަކެއް ހުށަހަޅައިފައިވާކަމަށް ވިދާޅުވިއެވެ. އޭގެ ތެރޭގައި ހުށަހެޅުންތައް ރިއާޔަތްކޮށްފައި ވާނީ ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ އާއި ކޮމިއުނިކޭޝަން އޮތޯރިޓީން ހެދި ދިރާސާއެއްގެ މައްޗަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެދިރާސާކޮށްފައިވަނީ 26 ގައުމެއްގެ މައްޗަށް ކަމަށާއި 26 ގައުމަށް ބަލާއިރުވެސް ރާއްޖޭގައި ހިދުމަތުގެ އަގު ބޮޑު ކަމަށް މަލީހު ވިދާޅުވިއެވެ.