އަލީ ޔާމިން
ސަރުކާރުގެ މައި ހޮސްޕިޓަލް، އައިޖީއެމްއެޗުގައި ސައިކޭޓްރިސްޓަކަށް ދެއްކުމަށް ވެއިޓިން ލިސްޓުގައި 700 އެއްހާ މީހުން އެބަތިއްބެވެ. ހުޅުމާލެ ހޮސްޕިޓަލުގައި އެ އަދަދު 350 އަށް ވުރެ އިތުރެވެ. މާލެ ސަރަހައްދުގައި ހުރި ސަރުކާރުގެ މައި ދެ ހޮސްޕިޓަލުގައިވެސް ތިބީ ހަ ސައިކޭޓްރިސްޓުންނެވެ. ޕްރައިވެޓް ހޮސްޕިޓަލްތަކާއި ކްލިނިކްތައް އެއްކޮށްލުމުންވެސް އެ އަދަދު 15 އަށް ނާރައެވެ. ސައިކޭޓްރިސްޓުންނާ އެއްވަރަށް ސައިކޮލޮޖިސްޓުންގެ އަދަދުވެސް މަދެވެ. އަދަދުތަކުން ފެންނަނީ، ރާއްޖޭގައި ނަފުސާނީ ބަލި ތަހައްމަލުކުރާ މީހުން ދުވަހަށްވުރެ ދުވަހެއް އިތުރުވަމުންދާ ކަމެވެ. ފަރުވާ ނުލިބި، ފަރުވާއަށް އެދިއެދި ތިބި އެތައް ހާސް ބަޔަކު އެ ތިބީ، ޑިޕްރެޝަންއާއި އެންޒައިޓީގެ ކަސްތޮޅުގައި ބަނދެވިފައެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން ސިއްހަތު މާނަކުރަނީ "ފުރިހަމަ ޖިސްމާނީ، ނަފްސާނީ، އަދި އިޖުތިމާއީ ރަނގަޅު ހާލަތެއް." މިގޮތަށެވެ. އެހެންކަމުން ނަފުސާނީ ދުޅަހެޔޮކަމަކީ ސިއްހަތުގެ މުހިންމު އެއް ބައެކެވެ.
ރައްޖޭގައި ނަފްސާނީ ބަލިމަޑުކަމުގެ ސީދާ މަންޒަރު ސާފުކޮށް ފެންނާކަށް ނެތެވެ. އެއީ، ނަފްސާނީ ދުޅަހެޔޮކަމުގެ ދިރާސާއެއް، ގައުމީ ފެންވަރުގައި އެންމެ ފަހުން ކޮށްފައިވަނީ މީގެ 21 އަހަރު ކުރިން، 2003 ވަނަ އަހަރު ކަމުގައިވާތީއެވެ. ހެލްތު މިނިސްޓްރީން މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރި އެ ދިރާސާއަކީ، ނަފްސާނީ ދުޅަހެޔޮކަމާއި ނިއުރޮލޮޖިކަލް ޑިސްއޯޑާއާ ގުޅޭ ދިރާސާއެކެވެ. އެ ދިރާސާގެ ހޯދުންތަކުން ދެއްކި ގޮތުގައި 29.1 ޕަސަންޓު މީހުންނަކީ ނަފްސާނީ ކޮންމެވެސް ބައްޔެއް ތަހައްމަލުކުރާ މީހުންނެވެ. އޭގެ ތެރެއިން، 22.4 ޕަސަންޓު މީހުންނަކީ ނިއުރޮޓިކް ޑިސްއޯޑާސް ހުންނަ މީހުންނެވެ. ސައިކޮޓިކް ޑިސްއޯޑާސް ހުންނަ އެއް ޕަސަންޓު މީހުން ތިބިއިރު، 6.1 ޕަސަންޓު މީހުންނަކީ އެޕިލެޕްސައި ހުރި މީހުންނެވެ. އެ ދިރާސާއިން ދެއްކި ގޮތުގައި ފަސް ޕަސަންޓު މީހުންނަކީ ޑިޕްރެޝަންއާއި އެންޒައިޓީ ހުންނަ މީހުންނެވެ. އަދި ހަތަރު ޕަސަންޓު މީހުންނަކީ ސޯމެޓިކް ސިޕްމްޓޮމްސް ހުންނަ މީހުންނެވެ.
ޑިޕްރެޝަނަކީ ނަފްސާނީ ދުޅަހެޔޮކަމުގެ ބައްޔެކެވެ. އެއީ ހިތާމައާއި މާޔޫސްކަމާއި އުފަލެއް ނުލިބުމުގެ އިހްސާސްތަކެކެވެ. އެކަމުގެ ސަބަބުން މީހާގެ ދިރިއުޅުމަށް އަސަރުކޮށް، ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ތަފާތު މައްސަލަތައް ކުރިމަތިކުރުވައެވެ. ޑިޕްރެޝަންއަކީ، ފަރުވާ ނުކުރެވިއްޖެ ނަމަ ވަރަށް ބޮޑުވަރުވާ ބައްޔެކެވެ.
އެންޒައިޓީއަކީ ދިރިއުޅުމުގެ ކަންކަމާ މާ ބޮޑަށް މީހާ ބިރުގަނެ، ހާސްވެ އަދި ސްޓްރެސްވުމުން ދިމާވާ ހާލަތެކެވެ. ޕެނިކް އެޓޭކަކާ ގާތް, އެހެން ނަމަވެސް ނަފްސާނީ އިލްމުގައި މުޅިން ތަފާތު އެއްޗެއްގެ ގޮތުގައި ބަލައިގަންނަ އެންޒައިޓީ އެޓޭކެއްގައި, ދިމާވާ ވަކި ކަމަކާ ގުޅިގެން ނުވަތަ ވަކި ހިޔާލުތަކެއްގެ ސަބަބުންވެސް ކަންބޮޑުވުމާއި ހާސްކަމުގެ އިހުސާސްތައް ކުރުވަ އެވެ.
ހުޅުމާލޭގައި ހުންނަ ޓްރީޓޮޕް ހޮސްޕިޓަލްގައި މަސައްކަތްކުރައްވާ ސައިކޭޓްރިސްޓެއްކަމުގައިވާ، ޑރ. ޝަޖީ ޕުތިޔާ ޕުރަޔިލްގެ ނަޒަރުގައި، ރާއްޖޭގައި ޑިޕްރެޝަން އާއި އެންޒައިޓީ ތަހައްމަލުކުރާ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ. އެންމެ އާންމުކޮށް، ފަރުވާ ކުރަންޖެހެނީ ޕެނިކް ޑިސްއޯޑާއަށް ކަމަށް އޭނާ ވިދާޅުވިއެވެ.
ޕެނިކް ޑިސްއޯޑާ ތަހައްމަލު ކުރާނަމަ ކުއްލިއަކަށް ވަރަށް ބޮޑަށް ބިރުގަނެ، ދާހިތްލައި މޭގައި ރިއްސައި، މޭ ތެޅޭ ގޮތް ވެއެވެ. އަދި ބައެއް ފަހަރަށް ނޭވާ ނުލެވޭހެން ހީވެ، ހާސްވެ، ހާޓް އެޓޭކެއް ޖެހެން އުޅޭހެން ހީވެއެވެ.
ޑރ. ޝަޖީގެ ނަޒަރުގައި ޕެނިކް ޑިސްއޯޑާ ތަހައްމަލުކުރާ މީހުން ގިނައީ އަތޮޅުތެރޭގައެވެ. އެ މީހުން ފަރުވާއަށް އަންނައިރު، ބަލީގެ ހާލަތު ހުންނަނީ ވަރަށް ބޮޑަށް ގޯސްވެފައި ކަމަށް އޭނާ ވިދާޅުވިއެވެ.
"އަހަރެންނަށް ފާހަގަކުރެވުނު ކަމަކީ، ވަރަށް ގިނަ ކޭސްތައް އެބަހުރި ކުޑައިރު، ޖިންސީ ގޯނާ ލިބިފައިވާ ކޭސްތައް. ދުވަސްވީ އަންހެނުންނާ ވާހަކަ ދައްކާލުމުން އެ މީހުން ބުނޭ ކުޑައިރު ޖިންސީ ގޯނާ ލިބުމުގެ ސަބަބުން އެ މީހުންގެ ދިރިއުޅުމަށް އައި ބަދަލުތައް. މިއީވެސް ޕެނިކް ޑިސްއޯޑާއަށް މަގުފަހިވާ ބޮޑު ސަބަބެއް" ޑރ. ޝަޖީ ވިދާޅުވިއެވެ.
އަންހެނުންގެ ނަފްސާނީ ސިއްހަތާއި ދިރިއުޅުމުގެ ތަޖުރިބާތަކާ ބެހޭ ގޮތުން 2006 ވަނަ އަހަރު ރާއްޖޭގައި ހެދި ދިރާސާއަކުން ދެއްކި ގޮތުގައި އުމުރުން 15 އަހަރާއި 49 އަހަރާ ދެމެދުގެ ކޮންމެ ތިން އަންހެނަކުން އެކަކަކީ، ޖިސްމާނީ އަނިޔާ ނުވަތަ ޖިންސީ އަނިޔާ ލިބިފައިވާ މީހެކެވެ. އެ ދިރާސާއިންވެސް ދެއްކި ގޮތުގައި، އެ ފަދަ ކަންކަން ތަހައްމަލުކޮށްފައިވާ މީހުންނަށް ނަފްސާނީ އެކިއެކި މައްސަލަތައް ކުރިމަތިވާ މިންވަރު އެހެން އަންހެނުންނާ އަޅައިބަލާއިރު އިތުރެވެ.
ޑރ. ޝަޖީ ވިދާޅުވި ގޮތުގައި ރާއްޖޭގެ ޒުވާނުންގެ މެދުގައި އެންމެ ގިނައީ، އެންޒައިޓީ ޑިސްއޯޑާ އެވެ. އެންޒައިޓީ ޑިސްއޯޑާއެއް ހުންނަ ނަމަ އާދައިގެ ދިރިއުޅުމެއް ވޭތު ކުރަން އުނދަގޫ ވެއެވެ. މި ޑިސްއޯޑާގެ ވައްތަރުތަކުގެ ތެރެގައި ޕެނިކް ޑިސްއޯޑާ އަދި ސޯޝަލް އެންޒައެޓީ ޑިސްއޯޑާ، ސްޕެސިފިކް ފޯބިއާސްގެ އިތުރުން ޖެނެރަލައިޒްޑް އެންޒައިޓީ ޑިސްއޯޑާ ހިމެނެ އެވެ.
"ވަރަށް ގިނަ ކަންކަން މިކަމަށް (އެންޒައިޓީ ޑިސްއޯޑާ) އަށް މަގުފަހިކުރުވާ. އެންމެ ގިނައިން ފާހަގަވާ އެއް ކަމަކީ، ރިލޭޝަންޝިޕް މައްސަލަތަކާހުރެ އެންޒައިޓީއާ ކުރިމަތިލާން ޖެހުން. އެކި ކަހަލަގެ ސަބްސްޓެންސް (މިސާލަކަށް ސިނގިރޭޓް، ޑްރަގް، ބަނގުރާ) ބޭނުންކުރުމުންވެސް މިކަން ކުރިމަތިވޭ. އަދި އޮފީސް މާހައުލުގައި ހަނގާކުރުމުގެ ސަބަބުންވެސް މިފަދަ ކަންކަން އެބަކުރިމަތިވޭ. މީގެ އިތުރުންވެސް ބައިވަރު ކަންކަމުން މިކަމަށް މަގުފަހިވޭ" ޑރ. ޝަޖީ ވިދާވިއެވެ.
އަންހެނުންހެކޭ އެއްފަދައިން ފިރިހެނުންނަށްވެސް ނަފްސާނީ ބަލިތައް ކުރިމަތިވެއެވެ. ޑިޕްރެޝަނާއި އެންޒައިޓީ އެވެ. ޑރ. ޝަޖީ ވިދާވި ގޮތުގައި ފިރިހެނުންނަށް ނަފްސާނީ ބަލިމަޑިކަމެއް ކުރިމަތިވިނަމަވެސް، އެ މީހުންނަކީ ގިނަ ފަހަރަށް "އަމިއްލައަށް ފަރުވާ ހޯދާ" މީހުންނެވެ. އެ މީހުން ގަބޫލުކުރާ ގޮތުގައި އެކަންކަމާއެކުގައިވެސް އާދައިގެ ދިރިއުޅުމެއް އުޅެވޭނެ އެވެ.
"ބައެއް ފަހަރު އެކަންކަމުން ދުރުވުމަށް ސިނގިރޭޓާއި ޑްރަގާއި ބަނގުރާ ފަދަ ތަކެތި މި ބޭނުންކުރަނީ. އެކަމު އެއީ އެކަމުން ތަސައްލީއެއް ލިބޭނެ ކަމެއްވެސް ނޫން. ހާލަތު ރަނގަޅުވާނެކަމެއްވެސް ނޫން" ޑރ، ޝަޖީ ވިދާޅުވިއެވެ.
ނަފްސާނީ ބައްޔާމެދު މުޖުތަމައުން ދެކޭ ނުރަނގަޅު ވިސްނުމަކީ، އެ ބަލި ތަހައްމަލުކުރާ މީހުން ފަރުވާ ހޯދުމަށް އޮތް ބޮޑު ހުރަހެކެވެ. "ސްޓިގްމާ" އަކީ، އެއީ އެވެ. ނަފްސާނީ ބަލިތައް ތަހައްމަލުކުރާ މީހުން އަތޮޅުތެރޭގައި ގިނައިރު، އާއްމުކޮށް ކުދި އާބާދީތަކުން ފަރުވާ ހޯދާ މީހުން މަދެވެ. އެކަމަށް ފަސްވެސް ޖެހެވެއެވެ.
"ސްޓިގްމާއަކީ ހަގީގަތުގައިވެސް މި ތަނުގައި ވަރަށް ބޮޑު ފެކްޓާއެއް. ބައެއް މީހުން އެބަ ސުވާލުކުރޭ މި ދައްކާ އެއްވެސް ވާހަކައެއް ރެކޯޑުގައި އޮންނާނެހެއްޔޭ. އެއީ ހަގީގަތުގައިވެސް އެމީހުން ތިބެނީ ބިރުން، އެމީހުންނަށް ވިސްނައިދޭން ވަގުތާއި ހަކަތަ ބޭނުންވޭ" ޑރ. ޝަޖީ ވިދާޅުވިއެވެ.
"ނަފްސާނީ މައްސަލަތައް އަދިވެސް ގިނަ ބަޔަކު ގަބޫލެއް ނުކުރޭ. މީހެއްގެ އުޅުމަށް ބޮޑު ބަދަލެއް އައިސްފިނަމަ ނުވަތަ ކުރިން އެ އެމީހާ މަސައްކަތް ކުރާ ވަރަށް ނުކޮށްފިނަމަ، ގިނަ ބަޔަކަށް ގަބޫލުކުރެވެނީ އެއީ އެ މީހާގެ ކަންނެތް ކަމުން ކަމަށް. އެކަމު އެހެނެއް ނޫން. ނަފްސާނީ ބައްޔަކީވެސް ޖިސްމާނީ އެހެން ބަލިތަކެކޭ އެއްފަދައިން ފަރުވާ ކުރަން ޖެހޭ ފަރުވާ ބޭނުންވާ ކަމެއް"
ނަފްސާނީ ބައްޔަށް ފަރުވާ ހޯދުމަށް އޮތް އަނެއް ހުރަހަކީ ސައިކޭޓްރިސްޓުންނާއި ސައިކޮލޮޖިސްޓުންގެ މަދުކަމެވެ. ދިގު ވެއިޓިން ލިސްޓެއްގައި މަޑުކުރަން ޖެހުމެވެ. ޕްރައިވެޓް ސެކްޓާއިން ފަރުވާ ހޯދުމަކީ އަގުބޮޑު ކަމަކަށްވާތީ، ގިނަ ބަޔަކު އަދިވެސް މަޑުކުރަނީ، ޕަބްލިކް ސެކްޓާއިން އެ ފަރުވާ ހޯދުމަށެވެ. ނަމަވެސް، ކޮންމެ ސިކުންތަކީވެސް ބަލީގެ ހާލަތު ގޯސްވަމުންދާނެ ސިކުންތެކެވެ. ނަފްސާނީ ބައްޔަކީ އަވަހަށް ފަރުވާ ކުރަން ޖެހޭ ކަމަކަށްވާއިރު، އެއީ ބަލީގެ ކުރީކޮޅުގައި ދެނެގަނެވިއްޖެނަމަ އެކަމުގެ ވޭނުން ވަރަށް ފަސޭހައިންވެސް އަރައިގަނެވިދާނެ ކަމަށެވެ.
ރާއްޖޭގައި ނަފްސާނީ ބަލިތަކަށް މިހާރު އާންމުކޮށް ބޭނުންކޮށް އުޅެނީ ތިން ބާވަތެއްގެ މެޑިކޭޝަނެވެ. އެއީ އެންޓި-ޑިޕްރެސެންޓާއި އެންޓި ސައިކޮޓިކް މެޑިކޭޝަންގެ އިތުރުން މޫޑް ސްޓެބަލައިޒާސް އެވެ.
ނަފްސާނީ ބަލިތަކުގެ ތެރެއިން އެޓެންޝަން ޑެފިސިޓް ހައިޕެރެކްޓިވިޓީ ޑިސްއޯޑާ (އޭޑީއެޗްޑީ) ނުވަތަ ހިމޭނުން ނުހުރޭ ބައްޔަކީވެސް ރާއްޖޭގައި އާއްމުކޮށް ފެންނަ ނަފްސާނީ ބައްޔެކެވެ. އޭޑީއެޗްޑީއަކީ ޅައުމުރުގައި (ކުޑަކުދިންނަށް) ދިމާވާ އެންމެ އާންމު "ނިއުރޯޑިވެލޮޕްމެންޓަލް" ޑިސްއޯޑާ އެވެ. ހިމޭނުން ނުހުރެވޭ ބަލި ފުރަތަމަ ދެނެގަނެވެނީ ޅައުމުރުގައި ކަމަށްވިޔަސް، ޒުވާން އުމުރަށް އަޅާއިރުވެސް މިބަލީގެ އުނދަގޫ ދެމިހުންނަގޮތް ވެއެވެ. ހިމޭނުން ނުހުރެވޭ ބަލި ހުންނަ ކުދިންނަށް ކަންކަމަށް ސަމާލުކަން ދޭން ދަތިވުމާއި އިމްޕަލްސިވް ބިހޭވިއާތައް ކޮންޓްރޯލް ކުރުމަށް އުދަނގޫވުމާއި، އަދި މާބޮޑަށް ހަލަނިކޮށް އުޅުމަކީ ދިމާވެދާނެ ކަންކަމެވެ.
"އޭޑީއެޗްޑީގެ މައިގަނޑު ފަރުވާއަކީ ސްޓިމިއުލެންސް. ނަމަވެސް ރާއްޖޭގައި ސްޓިމިއުލެންސް ނުލިބޭ، މިހާރު އަޅުގަނޑުމެން ބޭނުންކުރަނީ ހަމައެކަނި ނޮން ސްޓިމިއުލެންސް ބޭސް." ޑރ. ޝަޖީ ވިދާޅުވިއެވެ.
ރާއްޖެއިން ފަރުވާ ނުލިބޭ އަނެއް ކަމަކީ ޕާސަނަލިޓީ ޑިސްއޯޑާ ތަހައްމަލުކުރާ މީހުންނަށް ދޭ ޑައިރެކްޓް ބިހޭވިއަރަލް ތެރަޕީ (ޑީބީޓީ) އެވެ.
ރާއްޖޭގެ އާބާދީއަށް ބޭނުންވާ މިންވަރަށް ސައިކޭޓްރިސްޓުންނާއި ސައިކޮލޮޖިސްޓުންނެއް ނެތެވެ. އެކަމުގެ ކަންބޮޑުވުން މިހާރުވެސް ކޮންމެ ދުވަހަކު 10-15 ބަލި މީހުންނަށް ފަރުވާދޭ ޑރ. ޝަޖީވެސް އެބައޮތެވެ.
"މައުލޫމާތު ކުށްކަމުގައި ނުވާ ނަމަ އައިޖީއެމްއެޗުގައި ތިބީ ހަތަރު ސައިކޭޓްރިސްޓުން، ހުޅުމާލެ ހޮސްޕިޓަލުގައި ދެ ބޭފުޅުން. ބައެއް ކްލިނިކްތަކުގައިވެސް މަދުން އެބަތިބި. ނަމަވެސް އެއީ ފަސް ލައްކައިގެ އާބާދީއަކަށް އެކަށީގެންވާ މިންވަރެއް ނޫން. އޭގެ އިތުރަށް، ޓްރެއިންޑް ސައިކޮލޮޖިސްޓުންވެސް މަދު. އަދި ރާއްޖޭގައި ނެތް މެންޓަލް ހެލްތު ނަރުހުންނެއްވެސް. އެވެސް ގޮންޖެހުމެއް" ޑރ. ޝަޖީ ވިދާޅުވިއެވެ.
ނަފްސާނީ ބަލިތައް މަދުކުރޭވީ ސަރުކާރާއި ރައްޔިތުންވެސް އެކަތިގަނޑަކަށްވެގެންނެވެ. ނަފްސާނީ ބަލިމަޑުކަން ތަހައްމަލުކުރާ ފަރާތްތަކަށް އެހީއެއްގެ ގޮތުގައި ސަރުކާރުން ވަނީ "މެންޓަލް ހެލްތު ހޮޓްލައިން (1677)" ގާއިމްކޮށްފައެވެ. އެ ހޮޓްލައިނުން 24 ގަޑިއިރު ހިދުމަތް ލިބޭއިރު ހުރިހާ އުމުރުފުރާއަކަށްވެސް ބޭނުންވާ ނަފްސާނީ އެހީތެރިކަން އެ ހޮޓްލައިނުން ފޯރުކޮށްދޭނެއެވެ. އެގޮތުން ތަމްރީން ލިބިފައިވާ ސިއްހީ މާހިރުން، އެ ހޮޓްލައިނުން ބަލި މީހުންނަށް އެހީތެރިކަން ފޯރުކޮށްދޭނެއެވެ.
ރާއްޖޭގައި ދޮޅު މިލިއަނެއްހާ މީހުން އުޅޭއިރު، ނަފްސާނީ ބަލިތައް ތަހައްމަލުކުރާ މީހުންގެ އަދަދު ހުރީ ކަންބޮޑުވާން ޖެހޭ މިންވަރަކަށެވެ. ދުރާލާ ފިޔަވަޅު ނޭޅިއްޖެނަމަ، ވެއްޓޭނެ އަނދަވަޅުން އަރައިގަންނަން ނަގާނީ ކިހާ ދުވަހެއްކަމެއް އަންދާޒާވެސް ކޮށްނުލެވޭހާ ހާލަތު ގޯހެވެ. ޑރ. ޝަޖީގެ ނަޒަރުގައި، ރާއްޖޭގައި ނަފްސާނީ ބަލި މަދުކުރަން ފުރަތަމަ އަޅަން ޖެހޭ ފިޔަވަޅަކީ މަދަރުސީ ދައުރުގައި ކުދިންގެ ސިކުނޑިތައް ނަފްސާނީ ބަލިމަޑުކަމަށް އަހުލުވެރިކުރުވުމެވެ. ގްރާސްރޫޓުގައި އެކަން ފެށުމެވެ. އެކަމުގެ ތައުލީމު އެ ކުދިންނަށް އުގަންނައިދިނުމެވެ. މުދައްބިރުން އެކަމުގެ އިލްމާއި ހިލްމު އުނގެނި، ކުދީންނަށް އެކަން ފޯރުކޮށްދިނުމެވެ. ސްކޫލުތަކާއި އޮފީސްތަކުގައި ތަމްރީންވެފައި ހުރި މީހަކު ހުރުމެވެ. ނަފްސާނީ ބަލިތަކުގެ ވާހަކަ ގިނައިން ދައްކަންވީއެވެ. ފޯރަމްތަކާއި ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތައްވެސް ގިނަކުރަންވީއެވެ. ހާލަތު ގޯސް ނުވަނީސް އަވަހަށް ފަރުވާ ކުރެވޭނީ އޭރުންނެވެ. ނަފްސާނީ ބަލި ރާއްޖޭގައި މިހާރު އޮތީ "ހުން އަންނާނެ ކަމަށް ރަޖާލާ ހިސާބުގަ" އެވެ. ވަގުތު ފާއިތުނުވަނީސް "ނަފްސާނީ ބައްޔާ" މެދު، ސީރިއަސް ނޯޓެއްގައި ވިސްނާލަމާ ހިނގާށެވެ. އެހެން ނޫން ނަމަ ފެންނާނީ، މިއަދުގެ ޒުވާން ޖީލު ބިކަވެ، ބިތްޖެހިފައި ތިބޭ މަންޒަރެވެ.