ބޮލީވުޑް

ލަކްޒްމީ ބޮމް އިން ޑައިރެކްޓަރު ރާގަވާ ވަކިވެއްޖެ

ޓެމިލް ފިލްމު ކާންޗަނާގެ ރީމޭކް ކަމުގައިވާ ލަކްޒްމީ ބޮމްގެ ޑައިރެކްޓަރު ރާގަވާ ލޮރޭންސް އެ ފިލްމުން ވަކިވެއްޖެއެވެ.

އަކްޝޭ ކުމާރާއި ކިއާރާ އަދްވާނީ ލީޑްރޯލުން ފެނިގެންދާ މި ފިލްމަކީ މަޖާ އަދި ބިރުވެރި ތަމަޅަ ފިލްމެއްގެ ރީމޭކެކެވެ. ފިލްމުގެ ޑައިރެކްޓަރު ފިލްމުން ވަކިވިކަން އިއުލާންކޮށްފައިވަނީ އޭނާގެ ޓުވިޓަރުގައެވެ.

ރާގަވާގެ ޓުވީޓުގައި ބުނީ ރެސްޕެކްޓް ނުލިބޭކަން އިހްސާސްވި ކަމަށާއި އެކަމާ ވަރަށް ޑިސްއަޕޮއިންޓްވެފައިވާ ކަމަށެވެ. އޭނާ ވަނީ ފިލްމުން ވަކިވީ ވަރަށް ގިނަ ސަބަބު ތަކަކާހުރެ ކަމަށާއި ހުރިހާ ސަބަބެއް ނުބުނެވުނަސް ފިލްމުގެ ފަސްޓް ލުކް ރިލީސްކޮށްފައިވަނީ އޭނާއަށް ނޭނގި ކަމަށް ބުނެފައެވެ.

އަދި އޭނާއަށް ޕޯސްޓަރު ރިލީސްކުރިކަން އެނގުނީ އެހެން މީހެއް ފަރާތުން ކަމަށާއި އެ ޕޯސްޓަރުގެ ޑިޒައިންވެސް އޭނާއަށް ކަމުނުދާކަމަށް ބުނެފައެވެ.

ފިލްމުން ވަކިވިއަސް ރާގަވަ ވަނީ ފިލްމުގެ ސްކްރިޕްޓް ފިލްމު ޕްރޮޑިއުސަރުންނާ ހަވާލު ކުރާނެކަމަށް ބުނެފައެވެ.

ނަމަވެސް ރާގަވާ މި ނިންމި ނިންމުމާ ގުޅިގެން ފޭނުން ވަނީ ނުރުހުން ފާޅުކޮށްފައެވެ. ރާގަވާގެ ފޭނުން ދަނީ މީސްމީޑިއާގައި ފިލްމުގެ ޕްރޮޑިއުސަރުންނަށް އެއްޗެހި ކިޔަމުންނެވެ. އަދި އެއްބަޔަކު ދަނީ ސްކްރިޕްޓްވެސް ނުދޭން އެދެމުންނެވެ.

ލާކްޒްމީ ބޮމްގެ ޕޯސްޓަރު ރިލީސްކޮށްފައިވަނީ ހޮނިހިރު ދުވަހުގައެވެ. އެ ޕޯސްޓަރުން ފެނިގެން ދަނީ އަކްޝޭ ލޮލުގައި އަނދުން އަޅަނިކޮށެވެ. އިއްޔެ ޕޯސްޓަރު އަކްޝޭ އޭނާގެ ޓުވިޓަރުގައި ހިއްސާކުރުމާއެކު ގިނަ ބަޔަކު އެއަށް ފާޑު ކިޔުން އަމާޒުކުރިއެވެ. ހާއްސަކޮށް އަކްޝޭ އަންހެން ދުޅަކޮށް ފެނުމުން ގިނަ ބަޔަކަށް ޝޮކަކަށްވިއެވެ.