އިބްރާހިމް ޒަކީ
ނިއުޕޯޓް ހިންގާ ކުންފުނި ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑަށް ބްރިޖް ޕްލެޓްފޯމް ދޫކޮށްފައިވާ އެއްބަސްވުން ބަދަލުކޮށް އެކުންފުންޏަށް ނާޖާއިޒް ފައިދާތަކެއް ހޯދައިދޭން މަސައްކަތްކޮށްފައިވާ ކަމަށާއި، އެ މައްސަލަ ތަހުގީގު ކުރުމުން އަންނަ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އެސީސީ)އިން ބުނެފިއެވެ.
ނިއުޕޯޓް އެތަނުން ނެގުމަށްޓަކައި ބަދަލުގެ ގޮތުގައި ފައިސާދިނުމާ ގުޅޭ ގޮތުން އޭސީސީއަށް ހުށަހަޅަައިފައިވާ މައްސަލަ ބަލައި އެ ކޮމިޝަނުން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވަނީ ބްރިޖް ވިއުއިން ޕްލެޓްފޯމު ތަރައްގީކުރުމުގެ އެއްބަސްވުމުގެ ދަށުން ކުރަން ޖެހޭ ގިނަ ކަންތައްތަކެއް ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑުން ކޮށްފައި ނުވާ ކަމަށެވެ.
އަދި ސްޓްރާޑާއިން އެއްބަސްވުމާ ހިލާފުވިއިރު އެކަމާ ގުޅޭގޮތުން އެކަށީގެންވާ ފިޔަވަޅެއް ކުރީގެ ސަރުކާރުން އަޅާފައި ނުވާ ކަމަށްވެސް އޭސީސީގެ ބަޔާނުގައި ބުނެފައި ވެއެވެ.
މީގެއިތުރުން ކަނޑައެޅިފައިވާ އެއްބަސްވުމުގެ ދަށުން ކުލީގެ ގޮތުގައި ނިއުޕޯޓުން ދައްކަން ޖެހޭ ފައިސާ އެއްބަސްވުމުގައިވާ ގޮތަށް ދައްކާފައި ނުވާ ކަމަށާއި، އަދި އެފައިސާ ނުދެއްކުމުން، އެއްބަސްވުން ބާތިލްކުރުމަށް އޭރުގެ ސަރުކާރަށް އިހުތިޔާރު ލިބިފައި އޮތް ނަމަވެސް އެކަމަށް އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާ ކަމަށްވެސް އޭސީސީގެ ބަޔާނުގައި ވެއެވެ.
އޭސީސީން ބުނީ، ސަރުކާރާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން އެފަރާތުން ކޮށްދޭން ކަނޑައަޅާފައިވާ ކަންތައްތަކުގެ ތެރޭގައި “ޗާޓައިމް”ގެ ގޮތުގައި އިމާރާތްކޮށްފައި ހުރި ތަން ތަރައްގީކުރުން ހިމެނިފައި ނުވި ނަމަވެސް ސްޓްރާޑާގެ ފަރާތުން މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކަޗަރަށް ފޮނުވާފައިވާ ސިޓީއަކާ ގުޅިގެން، ބްރިޖް ވިއުއިން ޕްލެޓްފޯމް ތަރައްގީކުރަން ދޫކޮށްފައިވާ ބިމުގެ އެންމެ އުތުރުފަރާތުގައިވާ ޕާކިންގ ޒޯނު ހުޅަނގަށް ޖައްސައި އެ ސަރަހައްދު ފިނިބުއިން ވިއްކާތަނެއްގެ ގޮތުގައި ބޭނުންކުރުމުގެ ހުއްދަ ދީފައިވާ ކަމަށްވެސް އެސީސީން ބުނެއެވެ.
ސްޓްރާޑާއިން ޗާޓައިމް ހިންގި އިމާރާތް ނަގަން ޖެހުމާ ގުޅިގެން އެކަމުގެ ބަދަލުގައި ކަމަށް ބުނެ، ބްރިޖް ވިއުއިން ޕްލެޓްފޯމް ތަރައްގީކުރުމަށް ވެފައިވާ އެއްބަސްވުމަށް ބަދަލު ގެނެސްފައި ވަނީ ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑަށް ނާޖާއިޒު މަންފާއެއް ހޯދައިދިނުމަށް ކަމަށް ބެލެވޭ ކަމަށްވެސް އެސީސީން ވަނީ ބުނެފައެވެ. އަދި ޗާޓައިމް ހިންގި އިމާރާތް ނަގަން ޖެހުމުންކަމަށް ބުނެ އެފަރާތަށް ދޭން ނުޖެހޭ ފައިސާއެއް ދިނުމަށް މަސައްކަތްކޮށްފައިވާ ކަމަށް ބެލެވޭކަމަށާއި އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށްވެސް އެސީސީގެ ބަޔާނުގައި ބުނެފައިވެ އެވެ.
އޭސީސީން ބުނީ، 29 އޮކްޓޫބަރ 2018ގެ ނިޔަލަށް ކުއްޔާއި ޖޫރިމަނާގެ ގޮތުގައި 1,439,363.00 (އެއްމިލިއަން ހަތަރުސަތޭކަ ތިރީސްނުވަހާސް ތިންސަތޭކަ ފަސްދޮޅަސް ތިނެއް) ރުފިޔާ ސްޓްރާޑާ އިން ނުދައްކާ އޮތްކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީން މައުލޫމާތު ދީފައިވާ ކަމަށެވެ.
އަދި ބްރިޖް ވިއުއިން ޕްލެޓްފޯމް ތަރައްގީކުރުމަށް ވެފައިވާ އެއްބަސްވުމަށް 13 އޭޕްރީލް 2017ގައި ގެނެސްފައިވާ ފުރަތަމަ އިސްލާހުގެ ދަށުން ސީއެސްއާރުގެ ގޮތުގައި ދައްކަން އެއްބަސްވެފައިވާ ދެމިލިއަން ރުފިޔާވެސް 29 އޮކްޓޫބަރ 2018 އާ ހަމައަށް ދައްކާފައި ނުވާކަމަށް އޭސީސީގެ ބަޔާނުގައި ބުނެފައިވެ އެވެ.