މާލެ

މާލޭގައި ޕާކު ކުރާނެ އިމާރާތެއް އެޅުމަކީ ޕާކިންއަށް އޮތް ހައްލެއް: ނިޒާރު

މާލޭގައި ޕާކު ކުރާނެ އިމާރާތެއް އެޅުމަކީ ޕާކު ކުރުމަށް ދިމާވެފައިވާ މައްސަލައައަށް ހައްލު ލިބިގެންދާނެ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދެކުނު ދާއިރާގެ ހިތަދޫ މެންބަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

ނިޒާރު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ލޯނު ނަގައިގެން ޕާކުކުރާނެ އިމާރާތެއް އެޅިނަމަވެސް އެއީ މާލީ މަންފާއެއް ލިބޭނެ ކަމެއް ކަމަށެވެ.

އެގޮތުން 2000 އަކަފޫޓުގެ ބިމެއްގައި 10 ފަންގިފިލާގެ އިމާރާތެއް އެޅިޔަސް 300 ވެހިކަލް ޕާކުކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޕާކިންގެ މައްސަލައަށް ހައްލު ހޯދުމާއި ގުޅޭގޮތުން މާލޭ ސިޓީ ކައުންސިލުގެ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފު ވިދާޅުވެފައިވަނީ ކުރީގެ ސަރުކާރުން ބަހައްޓާފައިވާ ޕާކިން ސިސްޓަމުތަކާ ބެހޭ އޮޑިޓެއް ޕްލޭނިން މިނިސްޓްރީން ކުރިއަށްގެންދާ ކަމަށެވެ.

ޝަމާއު ވިދާޅުވީ މީގެ ކުރިން ވެލާނާގޭ ސަރަހައްދުގައި ޕާކިން ސިސްޓަމެއް ބެހެއްޓުނު ނަމަވެސް އޭގެ ނަތީޖާ ފެނިގެންދިޔައީ ވަރަށް ގޯސްކޮށް ކަމަށާއި އެތަން ބޭނުންކުރާ ތަނެއް ފެނިގެންގޮސްފައި ނުވާ ކަމަށެވެ.