ފެޝަން

ކޭންސް 2019: މި ޑިޒައިނަރުގެ ހެދުމުގައި ރީތީ ދީޕިކާތަ؟ ޖޭލޯތަ؟

ބޮލީވުޑާ ހޮލީވުޑްގެ ތަރިން އެއްގޮތަކަށް ހެދުން އަޅާތީ އަބަދުވެސް އަޅައި ކިޔެއެވެ.

މިފަހަރު ބޮލީވުޑްގެ ބަތަލާ ދީޕިކާ ޕަޑުކޯން އާއި ހޮލީވުޑްގެ ބަތަލާ ޖެނިފާ ލޮޕޭޒް (ޖޭލޯ) އަޅައި ކިޔުނީ އެއް ޑިޒައިނަރެއްގެ ހެދުމުގައި ފެނިގެންނެވެ.

ކޭންސް 2019ގައި ދީޕިކާ ލާފައިވާ ނިއޯން ފެހި ކުލައިގެ ރަފަލްޑް (ރޫޖެއްސި) ގައުންނަކީ ޖިއަމްބަޓިސްވަލީގެ ޑިޒައިނެކެވެ. މިދިޔަ އަހަރު ޖޭލޯވެސް ވަނީ ހަމަ އެޑިޒައިނަރުގެ ހެދުމެއްގައި ކޭންސް އިން ފެނިގެން ގޮސްފައެވެ. ދީޕިކާގެ ލުކް އާއި ޖޭލޯގެ ލުކް ވަރަށް އެއްގޮތެވެ.

ދީޕިކާގެ ހެދުމުގައި ރަފަލްޑް (ރޫޖެއްސި) ސްކާޓަކާއި އަތެއް އަދި ދިގު ޓްރެއިންއެއް ފުރަގަހަށް ހުރިއިރު ޖޭލޯގެ ހެދުންވެސް އެއާ އެއްގޮތަށް ނަމަވެސް ހުރީ ނިއޯން ފިޔާތޮށިކުލައިގައެވެ. ދީޕިކާ ލުކް ފުރިހަމަ ކުރުމަށް ސެޓިން ބޯއެއް ހެދުމުގެ ކަރުގައި އައްސާފައިވާއިރު އެއާ ގުޅޭ ހެޑް ބޭންޑެއްވަނީ ބޮލުގައި އައްސައިފައެވެ. ޖޭލޯގެ ލުކްގައި މާބޮޑު އެސަސަރީޒެއް ބޭނުންކޮށްފައެއް ނުވެއެވެ.

ޑިޒައިނަރުގެ އިތުރުން ދެމީހުންގެ މެދުގައި އެއްގޮތް އެހެން ކަމެއް ވެއެވެ. އެއީ ދެމީހުންވެސް މި ލުކް ތަކުގައި ވަރަށް ނަލަކަމެވެ.