ރާއްޖޭގެ އިގުތިސޯދު ޑައިވާސިފައި ކުރުމުގެ ގޮތުން ފެށި ބައިނަލްއަގުވާމީ ބަންކަރިންގެ ހިދުމަތް ހޯދަން އަންނަ ބޯޓުތަކުން ކުނި ނެގުމުގެ ހިދުމަތް ވެމްކޯއާ ހަވާލުކޮށް އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
ބަންކަރިންގެ ހިދުމަތް ފޯރުކޮށްދޭ، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެކަމުގެ އެއްބަސްވުމުގައި އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހީމެވެ. އަދި ވެމްކޯގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ޖަލީލެވެ.
އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ވަޖީހު ވިދާޅުވީ ބަންކަރިންގެ ހިދުމަތް ހޯދަން ބޯޓުތައް އަންނަ އިރު، އެ ބޯޓުތައް ފުރައިގެން ދަނީ ހުރިހާ ކުނިތަކެއް އަންލޯޑު ކުރުމަށްފަހު ކަމަށެވެ.
"އެ ކޮށްލީމާ (ކުނިތައް އަންލޯޑް) އެތަނުން ހަވާލުވާނީ ވެމްކޯ. ވެމްކޯއިން ދެން ގޮސްފައި ނައްތާލާ ގޮތަކަށް ކުރިއަށް ގެންދާނީ. މިކަމުގައި ވެމްކޯއާ އެއްކޮށް އެބަހުރި އެއްބަސްވެފައިވާ ޕްލޭންތަކެއް ވެސް. އެ ހިސާބުގަނޑުގެ ކައިރި ރަށެއްގައި މިކަމަށް ހާއްސަ ތަނެއް ހެދިގެން މި މަސައްކަތް ކުރިއަށް ގެންދާ ގޮތަށް. އެއީ އުލިގަމެއް ނޫން. އުލިގަމާ ވަރަށް ކައިރީގައި އެބަހުރި ބައެއް ރަށްތައް. އޭގެ ތެރެއިން ކޮންމެވެސް އެއް ރަށެއްގައި ހާއްސަ މިކަމަށް މަރުކަޒެއް ގާއިމުކޮށްފައި ވެމްކޯ އާއި އެމްޕީއެލްއާ ގުޅިގެން ހިދުމަތްތައް ފޯރުކޮށްދޭނީ،" ވަޖީހު ވިދާޅުވިއެވެ.
ވަޖީހު ވިދާޅުވީ އެކަމުގެ ސަބަބުން އެމްޕީއެލްއަށް އާމްދަނީ ލިބުމުގެ އިތުރުން ވެމްކޯއަށް ވެސް އެކަށީގެންވާ އާމްދަނީއެއް ލިބިގެންދާނެ ކަމަށެވެ.
ރަސްމިއްޔާތުގައި މުޖުތަބާ ވިދާޅުވީ ބޯޓުތަކުގައި ހުންނަ ބޭނުންކޮށްފައިވާ ތެޔޮ ނައްތާލުމަކީ ވަރަށް ބޮޑު ޗެލެންޖިންއަކަށް ވެގެންދާނެ ކަމަށެވެ. ނަމަވެސް ވެމްކޯގެ މެކޭނިޒަމްގެ ދަށުން އެ ހިދުމަތް ފޯރުކޮށްދެވޭނެ ކަމަށް މުޖުތަބާ ވިދާޅުވިއެވެ.
ރާއްޖޭގެ އުތުރުގައި މިހާރު ވެމްކޯގެ މެގަ ވޭސްޓް މެނޭޖުމެންޓް ސާވިސް ސެންޓަރެއް ގާއިމުކޮށްފައި ހުންނާނެ ކަމަށެވެ. އަދި އދ. ކުނބުރުދޫގައި ރީޖަނަލް ވޭސްޓް ސެންޓަރެއް ގާއިމުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި އެއީ މިިކަމަށް ހާއްސަ ކޮށްގެން ތަރައްގީ ކުރާ ސެންޓަރެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ޕްލޭނަކީ އެތަނުގައި ހަމަ ޔޫސްޑް އޮއިލްއަށް ހާއްސަ ޓޭންކެއް ބަހައްޓައިގެން އެ ރިފައިންކޮށްފައި އަޅުގަނޑުމެންނަށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން. އަދި މި ހިދުމަތްދޭ އިންޓަނޭޝަނަލް ޕާޓްނާތަކެއް ވެސް އެބަ ވޯކްކުރޭ އަޅުގަނޑުމެންނާ އެކު މިހާރު ވެސް. އެހެންވީމާ އެގޮތަށް އަޅުގަނޑުމެން މި ހިދުމަތް ގާއިމުވެގެންދާނީ،" މުޖުތަބާ ވިދާޅުވިއެވެ.
އެ ވާހަކައާ ގުޅުވައި ވަޖީހު ވިދާޅުވީ ޔޫސްޑް އޮއިލް ރީއެކްސްޕޯޓު ކުރުމުގެ ކަންކަން ވެސް ބައެއް ގައުމުތަކުން ކުރާ ކަމަށެވެ. އެކަން ކުރުމަށް ބައެއް އަމިއްލަ ފަރާތްތަކުން އެދިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް އެމްޕީއެލުން ނިންމީ އަމިއްލަ ކުންފުންޏަކާ ހަވާލުނުކޮށް ވެމްކޯއާ ހަވާލުކުރަން ކަމަށް ވަޖީހު ވިދާޅުވިއެވެ.