މުޙައްމަދު ޝަމްޢޫން
ފުޓުބޯޅައިގައި ހިނގަމުންދާ މައްސަލަތަކަށް ގޮސް މުޅި ގައުމު ގަރަގުވެއްޖެއެވެ. ބައްސާމް އަދީލް ޖަލީލާއި އޭނާ ކައިރިން މަސައްކަތް ކުރި ގިނަ ބަޔަކު، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ކިލަނބުކޮށްލައި ހޭވި ހަޑީގެ ވާހަކަ ނުދައްކާނެ ދިވެއްސަކު ނެތެވެ. މުޅި ނިޒާމު ގެއްލި، ރާއްޖޭގެ ފުޓުބޯޅައަކީ މިވަގުތު ދުނިޔެއަށް ލަދެކެވެ. ދުނިޔޭގެ ނޫސްތަކުގެ ފަލަ ސުރުހީއަށް މިވަގުތު އެފްއޭއެމް ތެރެއިން ތަހުގީގުކުރަމުންދާ މައްސަލަތައް އަރާނެކަން ޔަގީނެވެ. ނިސްބަތުން ބޮޑު ކޮރަޕްޝަން އަދި މަނީ ލޯންޑަރިންގެ ތުހުމަތުތަކެކެވެ. ޕީޖީން ވަނީ ދައުވާވެސް އުފުލައިފައެވެ.
މާ ބޮޑަށް އެ ވާހަކަތަކަށް ދިއުމުގެ ބޭނުމެއް މިވަގުތު ނޯންނާނެއެވެ. ބައްސާމްގެ މައްސަލައިގައި އެތައް ތަފްސީލެއް ތިލަވެއްޖެއެވެ. އަދި ތިލަވާން އެބައޮތްވެސް މެއެވެ. އެ ކޮރަޕްޝަންގެ ފަހަތުގައިވާ ފުޓުބޯޅަ މަންޒަރަށް ވިސްނާލުން މުހިއްމެވެ. މުޅި ގައުމު ލޯބިކުރި، އެތައް ކުދިންނެއްގެ ޝައުގުވެރި ފުޓުބޯޅައަށް ވެފައިވާ ގޮތާއި، އެ ފުޓުބޯޅައަށް އަލުން ލޯބިކުރެވޭނީ ކިހިނެއް ހަދައިގެންތޯ އެތައް ސުވާލެއް އުފެދެއެވެ. ޔަގީނުންވެސް ފުޓުބޯޅައަށް އޮތް ލޯބި މަޑުމަޑުން ބަދަލުވެ، ކުޅިވަރުގެ މާހައުލަށް ބަދަލެއް އައުން އޮތީ ދުރަކު ނޫނެވެ. ޝައުގުވެރިކަން ގެއްލި، ޖީލުތަކަކަށް ފުޓުބޯޅަ ގެއްލުންވެސް އޮތީ ދާދި ގާތުގައެވެ. ފުޓުބޯޅައަށް މަރުދޭން ތިބި އެކަޑެމީތަކާއި، އިހުލާސްތެރި ހިދުމަތްތެރިންތަކެއްގެ ސަބަބުން ވަޅުނުލެވި އޮތް ނަމަވެސް، ރާއްޖޭގެ އެންމެ މަތީ ފަންތީގެ ފުޓުބޯޅަ ފަސްލެވިއްޖެއެވެ.
މާޒިޔާ ސްޕޯޓްސް ކްލަބު އެންޑް ރެކްރިއޭޝަނުން އޭއެފްސީ ޗެލެންޖް ލީގުގައި ވާދަކޮށްލަން ކުރާ ޕްރެކްޓިހުގައި ކޮންމެވެސް ވަރަކަށް ކުޅުންތެރިންނަށް ފުޓުބޯޅައިގައި ތިބުމަށް ފުރުސަތެއް އޮތް ނަމަވެސް، ދެން ލީގުގައި ކުޅެން ފޫގަޅައިގެން، އެކަމަށް އާއިލީ ދިރިއުޅުން ހުސްކޮށްގެން ތިބި އެތައް ކުޅުންތެރިންނަކަށް އާމްދަނީއަށް ވަނީ އިތުރު ގޮތްތައް ހޯދަން ޖެހިފައެވެ. އެކަމަށް ހަމަ ކޯޗުންވެސް މަސައްކަތް ކުރަން އޮތީ އެހެން ގޮތްގޮތް ހޯދަން ޖެހިފައެވެ. އެތަކެއް އާއިލާއެއްގެ ޒަރޫރީ ބޭނުމަށް އާމްދަނީ ހޯދައި ރާއްޖޭގެ ފުޓުބޯޅައިގެ އަގަކީ މިވަގުތު "ސުމެކެވެ." ރާއްޖޭގެ އެންމެ މަތީ ފަންތީގެ ފުޓުބޯޅައަކީ ޕްރޮފެޝަނަލް ބްރޭންޑެއް ނޫނެވެެ.
"2008 އިން އައިސް 2009 ހިސާބުން ގޮސް، 2013 ވަނަ އަހަރާ ހަމައަށް ފުޓުބޯޅަ އައީ ރަނގަޅު ބްރޭންޑެއްގެ ގޮތުގައި. އޭރު ފުޓުބޯޅައިގައި އޮތް ބްރޭންޑުން ގިނަ ބަޔަކަށް ފައިދާވެސް ކުރި. އިންވެސްޓަރުންވެސް ތިބި ލީގަށް އިންވެސްޓްކޮށްގެން. އަދި ޓީވީން ހަމަ ބްރޭންޑް މާކެޓްކޮށް، ވިއުވާސް ތިބި. އެހެން ގޮސް އަލީ އާޒިމްގެ ވެރިކަން ނިންމާލަން ގެނައި ބަގާވާތަކުން އަސްލު މި ހާލަތަށް އަންނަން ޖެހުނީ. އެތަނުގައި އޭރު އޮތް އިލެކްޝަން ތެރެއިން ވަރަށް ހަޑި ކަންތައްތަކެއް ފެނިގެން ދިޔަ. ފައިސާ ދީގެން ގަތުމާއި މިހެން ހުރި ކަންތައްތަކެއް ފެނިގެން ދިޔަ،" ފުޓުބޯޅަ ކުޅެ ކޯޗުކަންވެސް ކޮށް، މިވަގުތު ކުޅުންތެރިން ތަމްރީނުކުރުމުގައިވެސް ހަރަކާތްތެރިވާ ކުޅިވަރު ތަޖުރިބާކާރު މައުރޫފް އަހުމަދު (މާއްޓޭ) ފުޓުބޯޅައިގެ ހާލަތަށް އައި ބަދަލާ ގުޅޭގޮތުން ފާހަގަކުރިއެވެ.
ކުރިން އެފްއޭއެމްގައިވެސް މަސައްކަތްކުރި މާއްޓޭގެ ހަގީގީ ވާހަކައަކީ ކްލަބު ފުޓުބޯޅައަށް އައި ބަލިކަށިކަމަކީ ކްލަބުތަކުގެ ފުށުން އައި ބަލިކަށިކަމެވެ. އެފްއޭއެމްގެ އަސާސީ ގަވާއިދުގެ ތެރެއިން ނުފޫޒުން އިލެކްޓޯރަލް ކޯޑަށް ގެނައި ބަދަލުގެ ސަބަބުން ޕްރޮފެޝަނަލް ފުޓުބޯޅަ ހަނި ކުރުމަށް ބަޔަކު ކުރި މަސައްކަތެއްގެ ވާހަކައެވެ. އެއީ ފުޓުބޯޅަ ހިސޯރުކުރުމަށް ކުރި މަސައްކަތެކެވެ. މިއަދުވެސް މާލޭ ސަރަހައްދުގައި ހިމެނޭ ކްލަބުތަކަށް އެފްއޭއެމްގެ ވެރިން ހޮވުމަށް އޮތް ބާރަކީ ޔަގީނުންވެސް ބަދަލުކުރަން ޖެހިފައިވާ އުސޫލެކެވެ. ސަރަހައްދީ ވިސްނުމެއް ނެތި، ރާއްޖޭގެ ހުނަރު ހޯދޭނެ ހަމަ އެއްވެސް ގޮތެއް ނެތެވެ. އެއީ މިއަދު އެކަން އޮތް ގޮތެއް ނޫނެވެ. ޒަމާންވީ ތާރީހުގައިވެސް އެކަމެއް ނެތެވެ. އެކަން ނެތުމުގެ ނަތީޖާއަކީ ފުޓުބޯޅަ ހިންގަން ދޭ ހުރިހާ ފައިސާއެއް، ވޯޓު ހޯދަން ކްލަބުތަކަކަށް ދޭން ޖެހުމެވެ. އޭގެ ނަތީޖާއިން މުޅި ރާއްޖޭގެ ފުޓުބޯޅައަށް އައި ލޮޅުން މިއަދު މި ފެންނަނީއެވެ.
މާއްޓޭވެސް ވަނީ އެކަޑެމީތަކުގެ މަސައްކަތް ފާހަގަކޮށްފައެވެ. އެއާއެކު ހުނަރުވެރި ކުދިން އުފެދި، އެކަޑެމީތަކުން އުފެދޭ ކުޅުންތެރިންނަށް މުސްތަގުބަލަ ބަނަކަން މާއްޓޭ ފާހަގަކުރިއެވެ. ސަބަބަބީ ރަނގަޅު ޕްލެޓްފޯމެއް ފުޓުބޯޅައިގައި ނެތުމެވެ. އެއަށްވުރެ މާ އެންޓަޓައިނިން ފީލްޑްތައް، ކުޅިވަރުތައް އެބަހުރިކަން މާއްޓޭ ފާހަގަކުރިއެވެ.
"ރީޖަނަލް ފެންވަރުގައި އުމުރުފުރާތަކަށް ތަމްސީލުކުރެވޭނެ ޖާގައެއްވެސް ނެތް އެފްއޭއެމް މެދުވެރިކޮށެއް. ކުރިމަގު ވަރަށް ބަނަ. ބޮޑު ފުޓުބޯޅައަށް ޝައުގެއް ނެތް. އެއީ ފުރަތަމަ ޑިވިޝަނެއް ނެތީމަ. ފައިދާވާނެ، ވާދަވެރި މާހައުލެއް ނެތް ފުރަތަމަ ޑިވިޝަނުގެ ފުޓުބޯޅައިގައެއް. 18 އަހަރުވެގެން ކުޅެން ނުކުންނަ ކުޅުންތެރިޔާއަށް އެބަޖެހޭ އާމްދަނީއެއްވެސް ލިބެން. އެހެންވީމަ ޕްރޮފެޝަނަލް މާހައުލެއް ނުލިބެންޏާ ރަނގަޅު ކުޅުންތެރިން ފުޓުބޯޅައަށް ފުރަގަސް ޖަހާނެ،" މިވަގުތު އޮތް ފުޓުބޯޅަ ހާލަތަށް މާއްޓޭ ބުންޏެވެ.
ދާދިފަހުން ޒުވާން ފުޓުބޯޅަ ޓީމުތަކުން މުބާރާތްތަކެއް ކުޅެފިއެވެ. ސާފް 17 އަދި 20 އަހަރުން ދަށުގެ މުބާރާތާއި އޭއެފްސީ އޭޝިއަން ކަޕް ކޮލިފިކޭޝަން މުބާރާތްތަކުގައިވެސް ވާދަކޮށް، ރާއްޖޭގެ ޒުވާން ޓީމުތަކަށް ނިންމާލަން ޖެހުނީ އެއްވެސް ވަރެއް ނުކުރެވިއެވެ. ހަގީގީ މަންޒަރަކީ އެއީއެވެ. އެ ކުޅުންތެރިންނަށް ރާއްޖޭގައި މާ ބޮޑު ވާދަވެރި މާހައުލެއް ނެތެވެ. ޔޫތު ޗެމްޕިއަންޝިޕެއް މާލޭ ސަރަހައްދުގައި ބޭއްވި ނަމަވެސް، ހަގީގީ ހުނަރުވެރި ކުޅުންތެރިންނަށް ސަރަހައްދީ ފެންވަރުގައި ވާދަކުރާނެ މުބާރާތެއް ނެތެވެ. ކައުންސިލްތަކުގެ ސީނިއާ މުބާރާތްތަކަށް ނުކުމެ ހޯދާ އުނދަގޫ ތަޖުރިބާއެއް ފިޔަވައި އެހެން އެއްވެސް ތަޖުރިބާއެއް ހޯދޭނެ ގޮތެއް ނެތެވެ.
އެއީ ޒުވާން ޓީމުތަކަށް އޮތް ހާލަތެވެ. މާޒިޔާ ފިޔަވައި ރާއްޖޭގެ އެހެން ކްލަބަކަށް ކުޅޭ އެއްވެސް ކުޅުންތެރިޔަކަށް ފުޓުބޯޅައައިގެން އުޅެވޭނެ އެއްވެސް މަގެއްވެސް މިވަގުތު ނެތެވެ. ލީގު ހުއްޓިފައި އޮތްތާ އަހަރަކަށްވުރެ ގިނަ ދުވަސް ވާން ދަނީއެވެ.
"ދިވެހި ފުޓުބޯޅަ ސީޒަން ފެށޭނެ ދުވަހެއް އެނގޭ މީހެއް އެބަހުރިބާ؟. ހަމައެކަނި މިކަމުން އާމްދަނީ ހޯދާ ކިތައް ކުޅުންތެރިން ތިބޭނެބާ؟ މި ކަންކަން ބޮޑު ކަމަކަށް ވެގެން އުޅޭ ތަނެއް ނުފެނޭ އެއްވެސް ބައެއްގެ ފަރާތުން،" މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަނާއި އެފްއޭއެމް ޓެގްކޮށް ގައުމީ ޓީމުގެ ކުޅުންތެރިއެއް ކަމަށްވާ އިބްރާހީމް ވަހީދު ހަސަން (އިއްބެ) ދާދިފަހުން ފޭސްބުކްގައި ލިޔެފައިވެއެވެ.
ފުޓުބޯޅައަށް ބަރޯސާވެ އާމްދަނީ ހޯދާ އެތައް ބަޔަކަށް އަދި ހައްލެއްގެ ކޮޅުމައްޗަށްވެސް ނެތެވެ. ފައިސާގެ ހާލަތެއްގައި ކަމަށްބުނެ، މާޒިޔާ ކުޅޭ އެއްވެސް އެހެން ކްލަބަކުން ރާއްޖޭގެ ފުޓުބޯޅަ ކުޅުމަށް ކްލަބު ލައިސަންސިންވެސް ފުރިހަމަ ކޮށްފައެއް ނުވެއެވެ. އެ ކްލަބުތަކަށް ދޭން ވައުދުވެ، ދޭން ޖެހޭ ދެ މިލިއަން ރުފިޔާ އެފްއޭއެމްއަށް ދަރަނީގެ ގޮތުގައި އެބައޮތެވެ. އެއީ ކުރަން ނުޖެހޭ ކަމެއް ނަމަވެސް، ކުރަން ފެށުމުން އެކަން އޮތީ އާދައެއްގައި ހިފައި، ލިބޭ ފައިސާއިން މުސާރަ ދީ ހަލާސްކުރާ އުސޫލަށް ވެއްޓިފައެވެ. އެއީ ކްލަބުތައް ހިނގަމުން އައި ވިސްނުމެވެ.
ފުޓުބޯޅައިގެ އެންމެ އިސް ފަރާތުގެ އެންގުމަށް ރާއްޖޭގެ ފުޓުބޯޅަ މިވަގުތު ހިނގަމުން ދަނީ ނޯމަލައިޒޭޝަން ކޮމިޓީއެއްގެ ދަށުންނެވެ. ފީފާއިން ނޯމަލައިޒޭޝަން ކޮމިޓީއާ މަތިކޮށްފައިވާ ޒިންމާތައް އިންތިހާއަށް ބޮޑެވެ. އެގޮތުން އެފްއޭއެމްއިން ދުވަހުން ދުވަހަށް ކުރަން ޖެހޭ މަސައްކަތްތައް ކުރުމުގެ އިތުރުން، އަސާސީ ގަވާއިދާއި އިލެކްޓޯރަލް ކޯޑް ފީފާގެ ސްޓެޓިއުޓްސްއާ އެއްގޮތަށް މުރާޖާކޮށް، އެ އުސޫލުތަކާ އެއްގޮތަށް އަމަލުކުރާކަން ކަށަވަރުކުރުން ހިމެނެއެވެ. އަދި އޭގެ އިތުރުން ކުރިން އެފްއޭއެމްގައި ތިބި އިސްވެރިންނާއި އެހެނިހެން ފަރާތްތައް ގުޅިގެން ފީފާ އާއި އޭއެފްސީން ދީފައިވާ ފައިސާ ނަހަމަ ގޮތުގައި ބޭނުންކޮށްފައިވާ ނަމަ، އެ ފައިސާ ހޯދުމަށް ރާއްޖޭގެ ގާނޫނުގެ ތެރެއިން ކުރަން ޖެހޭ ކަންކަން ކުރުމަށް ވެސް ނޯމަލައިޒޭޝަން ކޮމިޓީއާ ފީފާއިން މަތިކޮށްފައިވެއެވެ.
އެ ޒިންމާތަކުގެ ތެރެއިން ބައެއް މަސައްކަތްތައް ނޯމަލައިޒޭޝަން ކޮމިޓީން ފެށި އިރު، އެ ކޮމިޓީއަށް ލިބުނީ ހުސްވެފައިވާ ބެންކް އެކައުންޓްތަކެކެވެ. ދަރަނީގެ އިތުރުން ކޮރަޕްޝަނާއި އެތައް ހަޑިއެއް އެފްއޭއެމް ތެރޭގައި އޮތީ ހާވައިފައެވެ. ބޭނުންކުރެވޭނެ އިމާރާތެއްވެސް ނެތެވެ. އެ ހުރިހާ ކަމެއްގެ ޒިންމާއެއްގެ ތެރެއިން މަސައްކަތް ފަށައިގެން، ކްލަބުތަކުން އެ ޑިމާންޑް ކުރާ ފައިސާ ދެވޭކަށްވެސް ނެތެވެ. ކްލަބުތައް އޮތީ އެފްއޭއެމްގެ ފައިސާއަށް އަޅުވެތިވެފައެވެ. އެއީ ހަގީގަތެވެ.
"މި ވަގުތު ވަކި ތާރީހެއް ދެންނެވެން ނެތް ސަބަބަކީ ނޯމަލައިިޒިން ޕްރޮސަސް ފެއްޓިފައި މިވަނީ. ފެއްޓިފައިވާ އިރު، ސީޒަނެއް ފައްޓަން ބެލިޔަސް މި ވަގުތު ސްޓެޓިއުޓްސްގައި ހުރި ބައެއް ކޮމިޓީސްތަކަކީ މި ވަގުތު ހުސްވެފައިވާ ކޮމިޓީސްތައް. އެ ކޮމިޓީސްތައް އެކުލަވާނުލެވި ފައްޓައިގަނެވޭކަށެއް ވެސް ނެތް،" ކުރީގެ ސްޕޯޓްސް މިނިސްޓަރު އަދި އެފްއޭއެމް ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާމަން، އަހުމަދު ޒުހޫރު ދާދިފަހުން ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވިއެވެ.
ފުރަތަމަ ޑިވިޝަނުގެ ކްލަބްތަކަށް އެންމެ ފުރަތަމަ ފައިސާ ދޭން ފެށީ، 2017 ވަނަ އަހަރު ސަރުކާރު ހިއްސާވާ ކުންފުނިތައް މެދުވެރިކޮށް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުންނެވެ. އެއީ، ސީޒަނަކަށް ތިން މިލިއަން ރުފިޔާގެ މަގުންނެވެ. އެ ފައިސާ ކްލަބުތަކަށް ދިނުން ހުއްޓާލީ، 2018 ވަނަ އަހަރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިިހުގެ ސަރުކާރުންނެވެ. އެހެންވެ، 2019 ވަަނަ އަހަރުގެ ފަހުން، ކޮންމެ ސީޒަނަކު ކްލަބުތަކަށް ހަމަ އެ އަދަދަށް ފައިސާ ދޭން ނިންމީ އެފްއޭއެމް އިންނެވެ. އެ ފައިސާ އެސްއޯއީތަކުން ދީ، އެފްއޭއެމްއަށް ދޭން ޖެހޭ ހިސާބަށް ދިޔައީ ގޯސް "ޕްރެކްޓިސް"އެއްގެ ސަބަބުންނެވެ. މިއަދު އަމިއްލަ މިނިވަންކަމާއެކު ހިނގާ އޮތީ އެންމެ ކްލަބެކެވޭސް ބުނެވިދާނެއެވެ. އެހެންކަމުން ޕްރޮފެޝަނަލް ވިސްނުމާ ދުރަށް ރާއްޖޭގެ ފުޓުބޯޅަ ގޮސްފައިވާ މިންވަރު ހާމަވެއެވެ.
"ފުޓުބޯޅައިގެ މައްސަލައަށް ހައްލު ހޯދުމުގެ ގޮތުން، ފީފާއާއި އަޅުގަނޑުމެންނާވެސް މަޝްވަރާކުރެވުނު. އިތުރު ފަރާތްތަކާވެސް ފީފާއިން މަޝްވަރާކޮށް މިހާރު އޮތީ ނޯމަލައިޒޭޝަން ކޮމިޓީއެއް އެކުލަވާލައިފަ. އެ ނޯމަލައިޒޭޝަން ކޮމިޓީން ކްލަބުތަކާވެސް ބައްދަލުކުރައްވައިފި. ހާއްސަކޮށް ފުރަތަމަ ޑިވިޝަނާވެސް ބައްދަލުކުރައްވައިފި. ނޯމަލައިޒޭޝަން ކޮމިޓީގެ ފަރާތުން އަޅުގަނޑުމެންނަށް ލިބުނު މައުލޫމާތަކީ ކްލަބުތަކުގެ ވަރަށް ބޮޑެތި ކަންބޮޑުވުން ހުރި ކަމަށް. އޭގެ ތެރޭގަ މީގެ ކުރިން އެފްއޭއެމްއިން ކްލަބުތަކަށް ދޭން ޖެހިފައި އޮތް ފައިސާ ނުދެވި އޮތުމާއެކު، ކްލަބުތަކަށް ކުޅުންތެރިންނަށް ފައިސާ ނުދެވިގެން ކްލަބު ލައިސަންސިން ފުރިހަމަ ނުކުރެވި އޮތް އޮތުންވެސް އެނގޭ،" ކުޅިވަރާ ބެހޭ ވަޒީރު އަބްދުﷲ ރާފިއުއަށްވެސް މިވަގުތު ލީގަށް ހައްލެއް ހޯދޭކަށް ނެތްކަން ފާހަގަކުރައްވައި ދާދިފަހުން ޕްރެސްއެއްގައި ވިދާޅުވިއެވެ.
އެކަން ކުރަން އޮތީވެސް ނޯމަލައިޒޭޝަން ކޮމިޓީއާ އެކުވެގެން ނަމަވެސް، އެކަމަށް ކުރެވޭނެ މަސައްކަތެއް އަދި ނެތެވެ. ތަޖުރިބާކާރުންގެ ނަޒަރުގައި ލީގަށްވުރެ މިވަގުތު ނޯމަލައިޒޭޝަން ކޮމިޓީގެ ފޯކަސްވެސް ބޮޑީ ފުޓުބޯޅައިގެ އިދާރީ ހިންގުން ހަމަ މަގަށް އެޅުވުމަށެވެ. އެހެން އެކަން އޮތް ނަމަވެސް، ހަގީގަތުގައި ގައުމީ ލެވެލްގެ އެތައް ކުޅުންތެރިންނެއް މިވަގުތު އާއިލާއަށް ފޯރުކޮށްދެމުން ދަނީ އަތޮޅު ތެރޭގައި އެތައް މުބާރާތްތަކެއް މާ ބޮޑު ހަމައެއް ނެތި ކުޅެމުންނެވެ. އެހެންކަމުން އެ ކުޅުންތެރިންނާއި ކޯޗުންގެ ހައްގު މުހިއްމެވެ.
ކުޅުންތެރިން ބިކަވެފައިވާ ހާލަތުން ރާއްޖޭގެ ލީގަށް މިވަގުތު ކުޑަ އުންމީދެއް ހޯދަން މަޖުބޫރީ ހާލަތުގައި އެ ވާހަކަ ދެއްކި ނަމަވެސް، އެއީ އަނެއްކާވެސް އަޅާލެވޭނެ "ޕެޗް"އެކެވެ. ވަގުތީ ހައްލަކަށެވެ. ފްރެންޗައިސް ލީގެއް، ހަމައެކަނި ވިޔަފާރި މޮޑެލަކަށް ފެށުން އެއީ މިވަގުތަށް ވިޔަފާރި ވިސްނުމަކުން ފަސޭހަ، އަދި އަވަސް ހައްލަކަށް ވެދާނެއެވެ. އެެހެން ނަމަވެސް، ހަގީގީ ސިސްޓަމެއް ހިފައިގެން، އެކަމަށް އިހުލާސްތެރި ބަޔަކު އެފްއޭއެމް ތެރޭގައި މަސައްކަތް ނުކޮށް އަސްލު ހަގީގީ ހައްލު އޮތީ ދުރުގައެވެ.
"ފުޓުބޯޅަ ސިސްޓަމަށް ބަދަލު ގެންނަން ޖެހޭ، އަސާސީ ގަވާއިދުވެސް އިސްލާހުކުރަން މަޖުބޫރު. އެފްއޭއެމްގެ އިދާރީ ހިންގުމަށް ޖުމުލަ ހައްލެއް ހޯދުމަށް، އެ އިދާރާގެ އެލެކްޓޯރަލް ކޯޑަން ގެންނަން ޖެހޭ ބަދަލުތައް ގެނެވޭނެ މަގެއް ނޯމަލައިޒޭޝަން ކޮމިޓީގެ ޒިންމާގެ ދަށުން ގެންނަން ޖެހޭ. އެ ހިސާބަށް އިސްލާހުކޮށް އިންތިހާބު ބޭއްވުން އަވަސްކުރަން ޖެހޭ. އެ އިންތިހާބުވެސް ވާދަވެރިވާން ޖެހޭނެ. އެ އިންތިހާބު ވާދަވެރިވާނީ ވޯޓިންގެ ފުރުސަތުތައް އިތުރުކޮށްގެން. އަދި އެ އިންތިހާބުގައި ވާދަކުރާ މީހާ ޖެހޭނެ 15، 20 އަހަރުގެ ޕްލޭނެއް ހިފައިގެން ނުކުންނަން. ރީޖަނަލީ ކުރިއަރުވަން. ފުޓުބޯޅައަށް އަލުން ޝައުގު އުފައްދަން ކުރާނެ މަސައްކަތްތައް ސާފު ނުވެ، މި ހާލަތު ބަދަލު ނުވާނެ،" މާއްޓޭ އިތުރަށް ވަން ސްޕޯޓްސްއަށް ބުންޏެވެ.
އެފްއޭއެމްއަކީ ފައިސާއަށް ހޯދޭނެ އޮފީހެއް ނޫންކަން ސާފުވާން ޖެހެއެވެ. މި ހުރިހާ ހަޑިއެއްގެ ތެރެއަށް ރާއްޖޭގެ ފުޓުބޯޅަ ގަރަގުވެގެން ދިޔައީ އެފްއޭއެމްގެ އަސާސީ ގަވާއިދުގައި ކުރިން ހިމެނި އަތޮޅުތެރޭގެ ޒޯނަލް ވޯޓަށް އޮތް ފުރުސަތުވެސް ހަނިވެގެން ދިޔަ ދިޔުމުންނެވެ.
މާއްޓޭގެ ނަޒަރުގައި މިވަގުތު އޮތް ހާލަތަކީ "ވާނެ އެއްޗެއް ވެފައި އޮތް" ހާލަތެއްކަން ގަބޫލުކުރަން ޖެހޭ ހާލަތެއް ކަމަށެވެ. އެހެން އެ ހާލަތު އޮއްވައި، ފުޓުބޯޅަ ލީގެއް، ވަގުތީ އުފާވެރިކަމަކަށް ކުއްލިއަކަށް ފެށުމުގެ ވިސްނުން ނޯމަލައިޒޭޝަން ކޮމިޓީއަށް ނުގެންގުޅެވޭނެކަން އޭނާ ފާހަގަކުރިއެވެ. އަދި ހާއްސަކޮށް އެކަން ކުރުމަށްވުރެ، އެފްއޭއެމްގެ އިދާރީ ކަންކަން މިވަގުތަށް ނޯމަލައިޒޭޝަން ކޮމިޓީއަށް މުހިއްމުކަންވެސް މާއްޓޭގެ ނަޒަރުގައި އޭނާ ފާހަގަކުރިއެވެ. އެހެންކަމުން އޭނާގެ ވިސްނުމުގައި މިކަމަށް ހައްލު ހޯދެން އޮތީ އަންނަން އޮތް އެފްއޭ އެއްގެ ޕްލޭނަށް ބިނާވެފައެވެ. ހާއްސަކޮށް ދެން އަންނަން ވިސްނާ މީހާ، އިހުލާސްތެރިކަމާއެކު ޕްލޭނެއް ހަދައި، ރާއްޖޭގެ ފުޓުބޯޅައަށް ކުރަން އޮތީ ބުރަ، ބޮޑު މަސައްކަތެއްކަން މާއްޓޭ ފާހަގަކުރިއެވެ.
"ފުޓުބޯޅަ ރިކަވާ ކުރަން ވަރަށް ބުރަކޮށް މަސައްކަތް ކުރަން ޖެހޭ. އެފްއޭއެމް ނޯމަލައިނޭޝަން ކޮމިޓީއަކީ ގަވަނެންސް ރަނގަޅުކޮށް، ތަނުގައި ރަނގަޅު ސިސްޓަމެއް ގާއިމުކުރަން ހަވާލުވެފައި އޮތް ބައެއް. އިންތިހާބަކާ ހަމައަށް ގެންދަން ނޯމަލައިޒޭޝަން ކޮމިޓީއަށް ބޮޑު ޒިންމާތަކެއް މި މަތިކުރީ. އެހެންވީމަ އެ ހިސާބަށް ގެންދަން ކުރާ މަސައްކަތް ކޮށްފައި، ލީގެއް ހިންގާ ޑިވަލޮޕްމެންޓް މަސައްކަތް ކުރަން ވަގުތު ދީގެން ނުވާނެ،" މާއްޓޭ ބުންޏެވެ.
ފުޓުބޯޅައަށް އޮތް ޝައުގުވެސް ގެއްލިއްޖެއެވެ. ޅައިރު ކުރިއެރުން ހޯދަމުން އައި ނަމަވެސް، އާމްދަނީ ހޯދާ ކުޅިވަރަކަށް މިއަދު ފުޓުބޯޅަ ނުވެއެވެ. ޒުވާން ޓީމުތަކުގައި ފެނިގެންދާ ހުނަރުވެރި އެތައް ކުދިންނަކަށް ފުރަތަމަ ޑިވިޝަނެއްގެ ޕްލެޓްފޯމެއް ނެތެވެ. ލީގެއްވެސް މިވަގުތު ނެތެވެ. އެ ހާލަތަކީ ފުޓުބޯޅައިގެ ނެތި ދިޔުމާ ގުޅިފައިވާ ހާލަތެކެވެ. އަރަމުން އަންނަ ޖީލަށް ފުޓުބޯޅައިގައި ކުރިއަށްދާނެ މަގެއް ކޮށިފައި ނެތްނަމަ، ޔަގީނުންވެސް މިހާރު އޮތް ޒުވާން ޖީލުތައް ފުޓުބޯޅައިން ވިސްނުން ކަސިޔާރުވާނެއެވެ.
އެކަމަށް ހައްލު ހޯދަން މިހާރުން މިހާރަށްވެސް ލީގުތަކަށް ވިސްނައި، ޒުވާން އުމުރުގައިވެސް ވާދަވެރިކަން ގާއިމުކުރެވޭނެ ވިސްނުމަކަށް ދާން ޖެހެއެވެ. ހާއްސަކޮށް ފުޓުބޯޅައިގެ އިދާރާ ކަންކަން ހަމައަކަށް އެޅި، ސަރުކާރުންވެސް ފުޓުބޯޅައަށް ހަރުދަނާ އިންވެސްޓެއް ކުރަން މަޖުބޫރެވެ. ކްލަބުތަކަށް ހައްލު ހޯދުމުގެ އިތުރުން، ޔޫތު ޑެވަލޮޕްމެންޓަށް ވިސްނަން ޖެހެއެވެ. ނޫންނަމަ، ލޯބިވާ ފުޓުބޯޅަ ރާއްޖެއިން ނެތި ހިނގައިދާނެއެވެ. އެ އުފާވެރި ހަނދާންތައް މާޒީއަށްވެ، ދެން އިތުރު ސަފުހާއެއް ލިޔަން ފުރުސަތު ނުލިބިދާނެއެވެ.