އިލެކްޝަންސް ކޮމިޝަން

އީ ވޯޓިން އަށް ބަދަލު ކުރުމުގެ އެއްވެސް ވިސްނުމެއް ނެތް: އީސީ

ވޯޓުދިނުމުގެ މުޅި ނިޒާމު އިލެކްޓްރޯނިކް ވޯޓިންއަށް ބަދަލު ކުރުމުގެ ވިސްނުމެއް ނުގެންގުޅޭކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ބާއްވާ އިންތިހާބުގެތަކާ ގުޅިގެން އެކި ދުވަސްވަރު އިލެކްޓްރޯނިކް ވޯޓިން (އީވޯޓިން)ގެ ވާހަކަ އަކީ ދެކެވެމުން އަންނަ ވާހަކައެކެވެ. މީގެ ތިން އަހަރެންހައި ދުވަސްކުރިން ރާއްޖެއަށް އީ ވޯޓިން ނިޒާމު ތައާރަފް ކުރަން މަސައްކަތްކުރާ ވާހަކަތަކެއް އިލެކްޝަންސް ކޮމިޝަނުންވެސް ދެއްކިއެވެ.

ރޭ ޕީއެސްއެމްގެ ޓީވީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން، އިލެކްޝަންސް ކޮމިޝަންގެ ތަރުޖަމާނު އަދި އެ ކޮމިޝަންގެ މެންބަރު އަހުމަދު އަކުރަމް ވިދާޅުވީ، ފުލީ އީވޯޓިންއަށް ދިއުމުގެ ވިސްނުން ނެތް ނަމަވެސް ވޯޓުގެ އެކި ކަންކަމުގައި އީވޯޓިންއާ ބެހޭ އާލާތްތައް ބޭނުން ކުރާނެ ކަމަށެވެ.

އަކުރަމް ވިދާޅުވީ އީ ވޯޓިންއާ ބެހޭ އާލާތްތައް އެންމެ ބޮޑަށް ބޭނުން ކުރާނީ، ވޯޓިންއަށް ރީ ރެޖިސްޓްރީ ކުރުމުގެ ކަންތައްތަކުގައި ކަމަށާއި، އެކަމުގައި އީ ވޯޓިންގެ އާލާތްތައް ބޭނުންކުރާނަމަ އޮޅުވާލައިގެން އެހެން ތަންތަނަށް މީހުން ލައްވައި ވޯޓުލުމަށް އުޅުން ފަދަ ކަންތައްތަކަށް ނިމުމެއް އަންނާނެ ކަމަށެވެ.

އަކުރަމް ވިދާޅުވީ، މިއަހަރުގެ ޖުލައި މަހު ރާއްޖޭގައި ބާއްވަން މަސައްކަތް ކުރަމުން އަންނަ އައިސީޕީއެސް ސިމްޕޯސިއަމްގައި އަލަށް އިޖާދު ކޮށްފައިވާ، އީވޯޓިންއާ ބެހޭ އެކި އާލާތްތައް ދައްކާލުން އޮންނާނެ ކަމަށާއި، އެ ސިމްޕޯސިއަމްގައި އެފަދަ އާލާތްތައް އިލެކްޝަންސް ކޮމިޝަނުން ދެނެގަންނާނެ ކަމަށެވެ.