ސުޕްރީމް ކޯޓް

މުސްތަފާއާއި ޝާހުގެ މައްސަލަ މާދަމާ، ޝަހުދީއާއި މުހައްމާގެ މައްސަލަ ބުރާސްފަތި ދުވަހު

ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާއާއި ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހުގެ ގޮނޑީގެ މައްސަލަ މާދަމާ ސުޕްރީމް ކޯޓުގައި ތާވަލުކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ކަމުގެ ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކަނޑައަޅާފައިވާ މުސްތަފާގެ މައްސަލަ މާދަމާ މެންދުރުފަހު 1:00އަށް ތާވަލުކޮށްފައިވާ އިރު، ޝާހުގެ މައްސަލަ ތާވަލުކޮށްފައިވަނީ މާދަމާ މެންދުރުފަހު 2:00އަށެވެ.

އޭގެ އިތުރުން ހަނިމާދޫ ދާއިރާގެ މެމްބަރު ހުސެއިން ޝަހުދީއާއި އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ)ގެ ގޮނޑީގެ މައްސަލައިގެ ޝަރީއަތް ވެސް ފެށުމަށް ވަނީ ހަމަޖެހިފައެވެ. އެ ދެ މެމްބަރުންގެ މައްސަލަ އޮތީ އަންނަ ބުރާސްފަތި ދުވަހުއެވެ.

ސުޕްރީމް ކޯޓުގައި މިއަދު ވަނީ ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހްމަދާއި ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީގެ ގޮނޑި ގެއްލުނު ކަމަށް ކަނޑައެޅި މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފައެވެ.

ގޮނޑި ގެއްލުނު ކަމަށް ބުނާ 12 މެމްބަރުންގެ ތެރެއިން ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ލޯޔަރު ވައްޑޭ) އާއި ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިނާއި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތާއި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުލް ލަތީފު މުހައްމަދުގެ ގޮނޑި ނުގެއްލޭ ކަމަށް މިމަހުގެ އަށްވަނަ ދުވަހު ސުޕްރީމް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.

މަޖިލިހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމަށް 45 މެމްބަރުން ސޮއިކޮށް، މައްސަލަ ހުށަހެޅުމާއެކު ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލައަކާ ގުޅިގެން، މިދިޔަ އަހަރުގެ ޖުލައި 13ގައި އެ ކޯޓުން ނިންމީ އެ ތާރީހުގެ ފަހުން މަޖިލީހުގެ އެއްވެސް މެމްބަރަކު އެ މެމްބަރަކު އިންތިހުބުވި ޕާޓީން ވަކިވެއްޖެ ނަމަ ނުވަތަ ވަކިކޮށްފި ނަމަ ނުވަތަ އެހެން ޕާޓީއަކަށް ބަދަލުވެއްޖެ ނަމަ މަޖިލީހުގެ މެމްބަރުކަމުން ވަކިވާނެ ކަމަށެވެ.

މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ސޮއިކުރި ޕީޕީއެމްގެ މެމްބަރުންގެ ތެރެއިން ސޮއި އަނބުރާ ނުގެންދިޔަ 12 މެމްބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅީ ސުޕްރީމް ކޯޓުގެ އެ ހުކުމަށް ބިނާކޮށެވެ. ނަމަވެސް އެ މެމްބަރުން ވިދާޅުވަމުންދިޔައީ ސުޕްރީމް ކޯޓުގެ ހުކުމުގެ ކުރިން އެ މެމްބަރުން ޕާޓީން ވަކިވެފައިވާ ކަމަށެވެ.