އިންޑިއާގެ އައިކަނިކް ފުޓުބޯޅަ ލެޖެންޑް ބައިޗުން ބުޓިއާގެ ފުޓުބޯޅަ ސްކޫލުން، 50 ސްޓޭޓެއްގައި ހުނަރުވެރި ކުޅުންތެރީން ހޯދުމުގެ ހަރަކާތްތަކެއް ކުރިޔަށް ގެންދަން ނިންމައިފިއެވެ.
ބުޓިއާގެ މި އިސްނެގުން ވެގެންދާނީ އިންޑިއާގައި ފުޓުބޯޅައިގެ ހުނަރު ހޯދަން ހިންގޭ އެންމެ ބޮޑު ޕްރޮގްރާމަށެވެ. ބައިޗުން ބުޓިއާ ފުޓްބޯޅް ސްކޫލްސް (ބީބީއެފްއެސް) އިން އިސްނަގައިގެން ހިންގާ މި ޕްރޮގްރާމް މި މަސް ތެރޭގައި ފަށަން ވަނީ ނިންމައިފައެވެ. އެ ޕްރޮޖެކްޓްގެ ސްޕޮންސާއަކީ އެންޖޯގޯ އެވެ. އަންދާޒާ ކޮށްފައިވާ ގޮތުގައި 50 ސްޓޭޓަކުން ނުވަ އަހަރާއި 18 އަހަރާ ދެމެދުގެ 6000 ކުދިން ބުޓިއާގެ ޓްރަޔަލްސްތަކުގައި ބައިވެރިވާނެއެވެ.
ހުނަރު ހޯދަން ހިންގާ ޕްރޮގްރާމްގެ ތެރެއިން ހޮވޭ ކުދީން، ބުޓިއާގެ މައި ފުޓުބޯޅަ ސްކޫލުގައި ތަމްރީނު ވާނެ ކަމަށް ބުޓިއާ ބުނެފައިވާ އިރު، އެ ޕްރޮގްރާމް ހިންގަން ނިންމާފައި ވަނީ ފޭސްތަކަކަށް ބަހާލައިގެން ހަތް މަސް ދުވަހުގެ ތެރޭގައެވެ. އެއީ ކޮންމެ ސްޓޭޓަކުން 200 އެއްހާ އެތުލީޓުންނަށް ޓާގެޓް ކޮށްގެންނެވެ.
ބުޓިއާ ބުނެފައި ވަނީ އިންޑިއާ ފުޓުބޯޅައިގެ ފައުންޑޭޝަން ވަރުގަދަކުރުން އެއީ މިހާރު މަޖުބޫރު ކަމެއް ކަމަށާއި، ބޮޑެތި ސިޓީތަކާއި ކުދިކުދި ސަރަހައްދުތަކުން ނަމަވެސް ހުނަރު ހުރި ކުދިންނަށް ފުރުސަތު ދޭން ޖެހޭ ކަމަށެވެ.
ބުޓިއާގެ ފުޓުބޯޅަ އެކަޑެމީން މިހާރުވެސް ވަނީ އިންޑިއާ ފުޓުބޯޅައިގެ ތަރިން އުފައްދައިފައެވެ. އޭގެ ތެރޭގައި ދީޕިކާ ޕަލްއާއި ލިއޮނެލް ޑީ ރައިމް އަދި މަންބަކުޕާރް މަލްޖިއަން ހިމެނެއެވެ.