ކުޅިވަރު

އިންޑިއާ ބަލިކޮށް ރާއްޖެއިން ސާފް ސުޒުކީ ކަޕް ކާމިޔާބުކޮށްފި

މިއީ ރާއްޖެއިން މުބާރާތް ކާމިޔާބުކުރި ދެވަނަ ފަހަރު

މީގެ ކުރިން ރާއްޖެއިން މުބާރާތް ކާމިޔާބުކުރީ 2008ގައި އިންޑިއާ ބަލިކުރުމަށްފަހު

ބަނގްލަދޭޝްގެ ޑާކާއިން: އަހުމަދު ޔަޝާއު - ވަން އޮންލައިން

ސާފް ސުޒުކީ ކަޕްގެ ފައިނަލުގައި އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާ ބަލިކޮށް، މި މުބާރާތުގެ ތަށި ދެވަނަ ފަހަރަށް ދިވެހިރާއްޖެ އުފުލާލައިފިއެވެ.

ބަންގްލަދޭޝްގެ ޑާކާގައި މިއަދު ކުޅުނު ފައިނަލް މެޗުގައި ރާއްޖެއިން އިންޑިއާ ބަލިކުރީ 1-2 ގެ ނަތީޖާއަކުންނެވެ. މި މުބާރާތުގެ އެއްވެސް މެޗަކުން ބަލިނުވެ ސައްތައިންސައްތަ ރެކޯޑަކާއެކު ފައިނަލަށް އައި އިންޑިއާ ވަނީ ގްރޫޕް ސްޓޭޖުގައި 0-2 އިން ރާއްޖެ ބަލިކޮށްފައެވެ. ނަމަވެސް، މިއަދު ރާއްޖެ ވަނީ އޭގެ ބަދަލުހިފައި މުބާރާތުގެ ތަށި އުފުލާލާފައެވެ.

މިއަދުގެ މެޗުގައި ރާއްޖެއިން ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން މެޗު ފެށިގެން ގިނަ ހަމަލާތަކެއް އުފައްދަން މަސައްކަތް ކުރިއެވެ. އިންޑިއާއިން ވެސް ވަނީ ކައުންޓާ އެޓޭކުގައި ރާއްޖޭގެ ޑިފެންސަށް ބާރުބޮޑު ކުރެވޭތޯ ބަލާފައެވެ. ނަމަވެސް، ރާއްޖޭގެ ގޯލްކީޕަރު މުޙައްމަދު ފައިސަލް ވަނީ އިންޑިއާގެ ހަމަލާތައް ހުޝިޔާރުކަމާއެކު ދިފާއުކޮށްފައެވެ. ރާއްޖެއަށް މިމެޗުގައި ލީޑު ނަގައިދިނީ މެޗުގެ 19 ވަނަ މިނެޓުގައި އިބްރާހިމް މަހުދީ ހުސައިން (ހަބޭސް އިއްބެ) އެވެ. ހަސަން ނާއިޒް ވަރަށް ބަލާލާފައި ދިން ޕާހަކުން އިއްބެ ވަނީ އިންޑިއާގެ ގޯލްކީޕަރު ނުކުތް ވަގުތު އޭނާގެ ބޯމަތިން ގޯލުގެ ދުރުކަނަށް ބޯޅަ ފޮނުވާލާފައެވެ.

ރާއްޖޭގެ މި ލަނޑާއެކު އިންޑިއާއިން އިތުރަށް ކުޅުން ވަރުގަދަކޮށް ފުރަތަމަ ހާފް ނިމުމުގެ ކުރިން ލަނޑެއްޖަހާ މެޗުގެ ނަތީޖާ ހަމަހަމަކުރަން ވަރަށް މަސައްކަތަ ކުރިއެވެ. އެގޮތުން އެޓީމުގެ އާޝިގް ކުރުނިޔާން ނަގައިދިން ހުރަހަކުން މަންވީރް ސިންގް ބޮލުން ފޮނުވާލި ބޯޅަ ދިޔައީ ބޭރަށެވެ. ރާއްޖެއަށް އިތުރު ނުތަނަވަސް ކަމެއް ލިބުނީ ކެޕްޓަން އަކްރަމް އަބްދުލްޤަނީއަށް ލިބުނު އަނިޔާއަކާ ގުޅިގެން އޭނާ ބަދަލް ކުރަން ޖެހުމެވެ. އަކުރަމްގެ ބަދަލުގައި ރާއްޖެއިން ކުޅެން އެރީ އަހްމަދު ނޫމާން (ހެލްމެޓް) އެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެން ދިޔައީ 0-1 އިން ރާއްޖެ ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފު ފެށިތަނާ އިންޑިއާއަށް މެޗުގެ ނަތީޖާ ހަމަހަމަ ކުރަން ރަނގަޅު ދެތިން ފުރުޞަތު ލިބި ވަނީ ބޭކާރުވެފައެވެ. އޭގެ ނަތީޖާއެއް ގޮތުން، މެޗުގެ 65 ވަނަ މިނެޓުގައި ރާއްޖެއިން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ލީޑު ފުޅާކޮށްފައެވެ. ރާއްޖެއިން އުފެއްދި ކައުންޓަރ އެޓޭކެއްގައި ހަމްޒާ މުޙައްމަދު ތަނަވަސްކުރި ފުރުޞަތެއްގައި މި ލަނޑު ކާމިޔާބުކޮށްދިނީ އިތުބާރު ފޯވާޑު އަލީ ފާސިރު (ސެންޓޭ) އެވެ.
ރާއްޖެއިން ދެލަނޑުގެ ލީޑެއް ނެގުމާއެކު އިންޑިއާއިން ވަނީ އެޓީމުގެ އިތުބާރު ކުޅުންތެރިޔާ ސުމިތު ޕާސީ ކުޅެން އަރުވާފައެވެ. އަދި ދެވަނަ ހާފު ނިމެން ކައިރިވާވަރަކަށް އިންޑިއާއިން ދިޔައީ ރާއްޖޭގެ ޑިފެންސްއަށް ބާރުބޮޑުކުރަމުންނެވެ. އެހެންނަމަވެސް، ރާއްޖޭގެ ޑިފެންސް އާއި ގޯލް ކީޕަރު ފައިސަލް ވަނީ މި ހަމަލާތައް ދިފާއުކޮށްފައެވެ. އިންޑިއާއަށް މިމެޗުގައި ސުން ކަނޑުވާލަދިނީ މެޗުގެ އެންމެ ފަހު ވަގުތުކޮޅުގެ ތެރޭގައި ބަދަލް ކުޅުންތެރިއެއްގޮތުގައި ކުޅެން ނިކުތް ސުމިތު ޕާސީއެވެ.

މިއީ މި މުބާރާތުގެ ތަށި ރާއްޖެއިން ކާމިޔާބުކުރި ދެވަނަ ފަހަރެވެ. މީގެ ކުރިން ރާއްޖެވަނީ 2008 ވަނަ އަހަރުގެ ފައިނަލުގައިވެސް އިންޑިއާ ބަލިކޮށްފައެވެ. އޭރު ރާއްޖޭގެ ކެޕްޓަނަކަށް ހުރީ މިހާރުގެ ކެޕްޓަން އަކްރަމް އަބްދުލްޤަނީގެ ބޭބެ އަކްރަމް އަބްދުލްޤަނީއެވެ. މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމު ލިބުނީ ރާއްޖޭގެ ގޯލްކީޕަރު މުޙައްމަދު ފައިސަލް އަށެވެ. އޭނާވަނީ މި މިބާރާތުގައި މޮޅު ކުޅުމެއް ދައްކާފައެވެ.