ރިޕޯޓް

ރައީސްގެ ތަގުރީރު: ރަތް ޗާޓަކާއެކު ރައީސް ދެއްކެވީ މުޅި ދުނިޔެ އިންސާނީ ކާރީސާއެއްގައި އޮތް މަންޒަރު!

މުހައްމަދު އިޝާން

ރާއްޖެއިން ޔުނައިޓެޑް ނޭޝަންސް، އދ. އަށް ތަގުރީރު ދެއްވުމަށް ވަޑައިގެންނެވި ރައީސުންގެ ތެރެއިން އެއްވެސް ރައީސެއްގެ ފަރާތްޕުޅުން ފެނިވަޑައިނުގަންނަވާ ހިތްވަރުގަދަ ކަމެއް އދ.ގެ އާންމު މަޖިލީހުގެ 79 ވަނަ ޖެނެރަލް ޑިބޭޓްގައި ތަގުރީރު ކުރައްވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުން މިވަނީ ފެނިވަޑައިގެންފައެވެ. މިއީ އެ މަނިކުފާނު އދ.ގެ ތަގުރީރު ކުރައްވާ ފުރަތަމަ އދ.ގެ ދަތުރުފުޅެވެ.

އދ.ގައި ގައުމުތަކުގެ ވެރިން ދައްކަވާ ވާހަކަތަކަކީ ބައިނަލްއަގުވާމީ މުޖުތަމައުން ވަރަށް ކައިރިން ބަލައި އަޑުއަހާ ވާހަކަތަކެކެވެ. ވީހާވެސް ފުރިހަމަ ތަގުރީގެއް ދެއްވުމަށް ލީޑަރުން މަސައްކަތް ކުރައްވަނީ އެހެންވެގެންނެވެ. ރާއްޖެއިން ވެސް މިހާތަނަށް މަސައްކަތް ކުރައްވާފައިވަނީ ވީހާވެސް ފުރިހަމަ އަދި ވަރުގަދަ ތަގުރީރެއް އަދި ދުނިޔޭގެ ނަޒަރު އެ ތަގުރީރަކަށް އަމާޒުވާފަދަ ތަގުރީރެއް ދިނުމަށެވެ. އދ.ގައި 79 ޖެނެރަލް ޑިބޭޓުގައި ރައީސް މުއިއްޒު ދެއްވި ތަގުރީރަށް މިވަނީ ދުނިޔޭގެ ސަމާލުކަން ހުއްޓިފައެވެ. ބޭރުގެ ބައެއް މީޑިއާތަކުން އެ ތަގުރީރުގެ ވާހަކަ ރިޕޯޓުކޮށްފިއެވެ. މުޅި ދުނިޔެ ވަނީ އިންސާނީ ކާރިސާއެއްގައިކަން ދެއްކުމަށް ބައިނަލްއަގުވާމީ އެންމެ އުސް ޕޯޑިއަމްގައި އެ މަނިކުފާނު މިވަނީ ރަތް ކުލައިގެ ޗާޓެއް ދައްކަވައިފައެވެ.

"އަޅުގަނޑުމެން ދަތުރުކުރާ އުޅަނދު މިދަނީ ނުރައްކަލުގެ ރަނގަބީލު އަޅަމުން"

ރައީސް މުއިއްޒު، އެ މަނިކުފާނުގެ ތަގުރީރުގައި ވިދާޅުވީ އިންސާނިއްޔަތު މިވަނީ ބޮޑު ކާރިސާއެއްގައި ކަމަށެވެ. ރައީސް ވިދާޅުވީ ހަނގުރާމަތަކާއި، ހައިހޫނުކަމާއި، މޫސުމީ ބަދަލުތަކާއި، އާމްދަނީގެ ފަރަގު އަދި ދިރިއުޅުމުގެ އަގުތައް މަތިވުމުގެ ސަބަބުގެ އިތުރުން މައިގްރޭޝަނާއި ބިންތަކަށް ވެރިވެގަތުމާއި މާސްތުވާތަކެތީގެ ވަބާގެ ސަބަބުން މުޅި ދުނިޔެ މިވަނީ އިންސާނީ ކާރިސާއެއްގައި ކަމަށެވެ.

"އަޅުގަނޑުގެ އަތުގައި މިއޮތީ ރަތްކުލައިން ފާހަގަކޮށްފައިވާ މެޕެއް، އިންސާނީ ކާރިސާތައް އޮތް ގައުމުތައް ދައްކުވައިދޭ މެޕެއް. އިންސާނީ ކާރިސާއެއް ނެތް ފެހިކުލައިން އޮތް ގައުމެއް މި މެޕުން އެބަ ފެނިވަޑައިގަންނަވާތޯ. ނުފެންނަނީ ކީއްވެގެކަން އެނގިވަޑައިގަންނަވާނެ. އަޅުގަނޑުމެން އެންމެން މިތިބީ ފުން އިންސާނީ ކާރިސާއެއްގައި. އިންސާނިއްޔާތު މިވަނީ ކާރިސާއެއްގައި. މީގެ ތެރޭގައި ގިނައީ އިންސާނުންގެ އަމަލުތަކުގެ ސަބަބުން އުފެދުނު ކާރިސާތައް،" ރައީސް ވިދާޅުވިއެވެ.

މިއީ ރާއްޖޭގެ ރައީސަކު މިހާ ފާޅުކަން ބޮޑު ގޮތެއްފައި އދ.ގެ އާންމު މަޖިލީހުގައި މިފަދަ ވާހަކައެއް ދެއްކެވި ފުރަތަމަ ފަހަރަށްވުން އެކަށީގެންވެއެވެ.

"އެކަމަކު އަޅުގަނޑުމެން މިދަނީ ހަމަ އެއްވެސް ކަމެއް ނުވާ ކަމަށް ހަދައިގެން ކުރިއަށް، ބިޒްނަސް އޭސް ޔޫޝުއަލް. އަޅުގަނޑުމެން ދަތުރުކުރަމުންދާ އުޅަނދު މިދަނީ ނުރައްކަލުގެ ރަނގަބީލު އަޅަމުން. އުޅަނދު މިދަނީ ފެތެމުން،" ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ބޭނުންވަނީ އެންމެންނަށް އެއްބަސްވެވޭ އަދި އަމަލުކުރެވޭނެކަން ޔަގީންވާ އދ. އެއް. ވާނުވާގައި ނުވަތަ އޮޅުންބޮޅުމެއްގައި އޮތް އދ. އެއް ނޫން"

"އެއްބަސްވުންތަކަށް އަމަލު ކުރަމުންދާ މަންޒަރެއް ނުފެނޭ"

ރައީސް ވިދާޅުވީ އދ. ގެ ރިޒޮލިއުޝަންތަކާއި ނިންމުންތަކަށް ހުރިހާ ގައުމުތަކުން އަމަލުކުރަން ޖެހޭ ކަމަށެވެ. އެކަމަށް ކުޑަ ގައުމެއް، ބޮޑު ގައުމެއް އިސްތިސްނާ ނޯންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އިޒްރޭލުން ދަނީ ކަނޑައެޅިގެން އދ.ގެ ނިންމުންތަކާ ހިލާފަށް އަމަލުކުރަމުން ކަމަށާއި ނަމަވެސް އިޒްރޭލާ ދެކޮޅަށް ދުނިޔޭގެ ގައުމުތަކަށް ފިޔަވަޅެއް އެޅިފައިނުވާ ކަމަށް ރައީސް ވިދާޅުވިއެވެ. ގައުމުތަކުގެ ލީޑަރުން އެއްތަނަކަށް އެއްވެ ކަންތައްތަކަށް އެއްބަސްވި ނަމަވެސް އެ އެއްބަސްވުންތަކަށް އަމަލު ކުރަމުންދާ މަންޒަރު ނުފެންނަ ކަމަށް ރައީސް ވިދާޅުވިއެވެ. އެކަން އެގޮތަށް ވިޔަދީގެން ތިބެވެން ނެތް ކަމަށް ރައީސް ވިދާޅުވިއެވެ.

ރާއްޖެއަކީ އެފަދަ ހުރިހާ ޓްރީޓީތަކާއި އެއްބަސްވުންތަކަށް އަމަލުކުރުމުގެ އިހުތިރާމު ލިބިގެންވާ ގައުމެއް ކަމަށް ރައީސް ވިދާޅުވިއެވެ. ރާއްޖެއިން ތިމާވެށީގެ ކަންކަމުގައި އަޑު އުފުލަނީ އެކަމުގެ ނުރައްކާ ވަޒަން ކުރެވޭތީ ކަމަށް ރައީސް ވިދާޅުވިއެވެ. ރާއްޖެއިން ގަބޫލުކުރަނީ އެއްވެސް ބައެއްގެ ހައްގަކަށް އަރައިގެންފިނަމަ އެކަމެއްގެ އަދަބު ލިބެން ޖެހޭ ކަމަށާއި އެއީ ބޮޑު ގައުމަކަށް ވިޔަސް، ކުޑަ ގައުމަކަށް ވިޔަސް އެކަން ބަލައިގަނެގެން ނުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"އިޒްރޭލުގެ ޓެރަރިޒަމްގެ އަމަލަށް ހަރުކަށި ފިޔަވަޅު އަޅަންޖެހޭ"

"އެހެންވެގެން މިޖެހެނީ އިޒްރޭލުން، ގާޒާގައި ހިންގަމުންދާ ގަތުލުއާންމަށް އިޒްރޭލު ޒިންމާދާރުކުރުވަން ބައިނަލްއަގުވާމީ ނިޒާމުގެ ތެރެއިން. އިޒްރޭލުން ދަނީ ތަކުރާރުކޮށް އާންމުންގެ ގެތަކަށާއި ހޮސްޕިޓަލުތަކަށް، އިންސާނީ އެހީ ފޯރުކޮށްދޭ ތަންތަން ހަލާކުކުރަމުން. ކޮންމެ ދުވަހަކު ދަނީ ކުޑަކުދިންނާއި އަންހެނުން އަދި ފިރިހެނުން މަރަމުން. ގާޒާގައި މަރުވަމުންދާ މީހުންގެ އަދަދުގެ ހިސާބު ބަލަހައްޓަން އުނދަގުވާ ހިސާބަށް ގޮސްފި. މިހާރު އިޒްރޭލުން ވަނީ ލުބުނާނުގެ އެތައް ބަޔަކު މަރާލައިފައި. އެ މީހުންގެ ވޭނުގެ ރުއިންތަކުން އިންސާނިއްޔަތު ކަމެއް ހުރި މީހަކަށް އަސަރު ކުރާނެ،" ރައީސް ވިދާޅުވިއެވެ.

"އިޒްރޭލުގެ މި ޓެރަރިޒަމްގެ އަމަލުތަކަށް ޒިންމާކުރުވަން ޖެހޭނެ"

އިޒްރޭލާއި ފަލަސްތީނާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތައް ނިމުމެއް ގެނެވެން އޮތީ 1967 ވަނަ އަހަރުގެ ކުރިން ފަލަސްތީނުގެ ބޯޑަރުތަކާ އެއްގޮތަށް، އިރުމަތީ ގުދުސް އަކީ އެ ގައުމުގެ ވެރިކަން ކުރާ ރަށް ކަމަށް ކަނޑައަޅައި، އިޒްރޭލުގެ އަތްދަށުން ފަލަސްތީނު މިނިވަންކޮށް، މުސްތަގިއްލު އަދި އަމިއްލަ ސިޔާދަތީ ބާރު ހިނގާ ގައުމަކަށް ހަދައިގެން ކަމަށް ރައީސް ވިދާޅުވިއެވެ.

"ރާއްޖެ ކުޑަވުމަކީ ތަރައްގީނުވާންވީ ސަބަބެއް ނޫން، ބޭނުންވާނީ ތަސައްވަރެއް"

އެ މަނިކުފާނު އދ.ގައި އެ ހުންނެވީ ވަރުގަދަ އުންމީދަކާއެކު ކަމަށް ރައީސް ވިދާޅުވިއެވެ. އެ އުންމީދަކީ ރާއްޖެ ގެންދަން ބޭނުންވާ މަންޒިލު ކަމަށް ރައީސް ވިދާޅުވިއެވެ. 2040 ވަނަ އަހަރު އަންނަންވާއިރަށް ރާއްޖެއަކީ ތަރައްގީވެފައިވާ ގައުމަކަށް ރާއްޖެ ހެދުމަކީ އެ މަނިކުފާނުގެ އަމާޒެއް ކަަމަށް ރައީސް ވިދާޅުވިއެވެ. އެ މަނިކުފާނުގެ ތަސައްވަރަކީ ރާއްޖެއަކީ ޑިމޮކްރަޓިކް އަދި ދެމެހެއްޓެނިވި ގައުމަކަށް ހެދުން ކަމަށް ރައީސް ވިދާޅުވިއެވެ. ތަރައްގީ ގެނެވޭނީ އެކަމަށް ކުރާ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ކަމަށާއި އެހެންކަމުން ރާއްޖެ ކުޑަވުމަކީ ރާއްޖެ ތަރައްގީނުވާންވީ ސަބަބެއް ނޫން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެ މަނިކުފާނުގެ ހިތްޕުޅާ އެންމެ ގާތުގައި ވަނީ ރައްޔިތުންގެ އުންމީދުތައް ހަގީގަތަކަށް ހަދައިދިނުން ކަމަށެވެ. އެއީ މިއަދުގެ ރައްޔިތުން އިތުރުން އަންނަން އޮތް ޖީލުތަކުގެ ހުވަފެން ހަގީގަތަކަށް ހަދައިދިނުން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"ތަރައްގީވެފައިވާ ގައުމަކަށް ރާއްޖެ ހެދުމަކީ އުނދަގޫ ކަމެއް ކަމަށް ހީވެދާނެ އަދި ދުރު މުސްތަގުބަލެއްގައި ހާސިލުވެދާނެ ކަމެއް ކަމަށް ހީވެދާނެ. އެކަމަކު އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ އަމާޒެއް އޮވެގެން އަދި ތަސައްވަރެއް އޮވެގެން މަސައްކަތް ކޮށްފިނަމަ އެކަން ހާސިލުވާނެ. ސަބަބަކީ އެކިއެކި ގޮންޖެހުންތަކުން އަރައިގަތުމަކީ ރާއްޖެއަށް އާ ކަމަކަށް ނުވުން،" ރައީސް ވިދާޅުވިއެވެ.

"ރާއްޖެއަށް 1965 ގައި މިނިވަންކަން ލިބުނުއިރު މިއީ އެންމެ ފަގީރު އެއް ގައުމު. އާބާދީގެ ތިންބައިކުޅަ އެއްބަޔަކީ ތައުލީމު ނެތް ބައެއް. 10 ކުދިންގެ ތެރެއިން އެއް ކުއްޖަކު އަހަރެއް ނުވަނީސް މަރުވޭ. އެއްވެސް ކަހަލަ އިގުތިސޯދީ ސިނާއަތެއް ނެތް. އެކްސްޕޯޓް ނެތް. ކުރިމަގަމަށް ހުރި މަދު ގޮތްތަކެއް"

"އެކަމަކު 50 އަހަރުގެ ތެރޭގައި ރާއްޖެ މިވަނީ މިޑްލް އިންކަމް ކަންޓަރީއެއްގެ ދަރަޖަ ހޯދައިފައި. އެއީ އަޅުގަނޑުމެން ފަހުރުވެރިވާ ފަދަ ކުރިއެރުމެއް"

"ޑިޖިޓަލް އިކޮނޮމީއަށް މަސައްކަތް ކުރަމުންދަނީ އެއީ ކުރިމަގުކަން ޔަގީންވާތީ"

ރާއްޖެއަށް އިންވެސްޓުކޮށް ޑިޖިޓަލް އިގުތިސޯދެއް ބިނާކޮށްފިނަމަ ރާއްޖެ ކުރިއަރާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ރާއްޖޭގެ ގުދުރަތީ ރީތިކަމާއި ކަނޑުގެ ދިރުންތައް ބޭނުންކޮށްގެން ވެސް ރާއްޖެ ކުރިއެރުވޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އިގުތިސޯދު ކުރިއެރުވުމުގެ ގޮތުން ޕްރައިވެޓް ސެކްޓާއަށް އިސްކަންދީ ގައުމުގެ ވަސީލަތްތައް އިތުރުކުރައްވާނެ ކަމަށެވެ. ރާއްޖެއަކީ 1،000 އަށްވުރެ ގިނަ ރަށްތަކަށް ބެހިފައިވާ ގައުމެއްކަން އަދި ރާއްޖެއަކީ 90،000 އަކަކިލޯމީޓަރަށް ފެތުރިފައިވާ ގައުމެއްކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ ޑިޖިޓަލީ ރަށްތައް ގުޅިފައިވުމުކީ އަދި އެ ރަށްތަކަށް އިގުތިސޯދީ ހަރަކާތްތައް ގެނެސް، ރާއްޖޭގެ އިގުތިސޯދު ޑައިވާސިފައި ކުރުމުގެ މަސައްކަތް ކުރާނެ ކަމެއް ކަމަށެވެ. 2030 ވަނަ އަހަރު އަންނަންވާއިރަށް ރާއްޖޭގެ އިގުތިސޯދުގެ 15 ޕަސަންޓަކީ ޑިޖިޓަލް އިކޮނޮމީއަށް ހެދުމަށް މަސައްކަތް ކުރަމުންދަނީ އެއީ ކުރިމަގުކަން ޔަގީންވާތީ ކަމަށް ރައީސް ވިދާޅުވިއެވެ.

ފަނަރަ ޕަސަންޓުގެ ޑިޖިޓަލް އިކޮނޮމީގެ ތަސައްވަރު ހަގީގަތަކަށް ހެދޭނީ އައިސީޓީ އިންފްރާސްޓްރަކްޗާއެއް ގާއިމުކޮށްގެން ކަމަށްވުމުން އާޓިފިޝަލް އިންޓެލިޖެންސް މެދުވެރިކޮށް ޒަރޫރީ ހިދުމަތްތައް ދިނުމަށް މަގުފަހިކުރަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ސިއްހީ ބައެއް ހިދުމަތްތަކާއި، މެޑިކަލް ސަޕްލައިއަށް ޑްރޯން ބޭނުން ކުރުމާއި 5ޖީ ޓެކްނޮލޮޖީއަށް ރާއްޖެއިން ދަނީ އިންވެސްޓް ކުރަމުން ކަމަށް އެ މަނިކުފާނުގެ ތަގުރީރުގައި ވިދާޅުވިއެވެ. އަދި ރަށްގިރުން ފަދަ ކަންކަން އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން މޮނިޓާ ކުރެވޭނެ ގޮތްތައް ދެނެގަތުމަށް ރާއްޖެއިން ދަނީ މަސައްކަތް ކުރަމުން ކަމަށް ރައީސް ވިދާޅުވިއެވެ.

"ރާއްޖޭގެ ޓޫރިޒަމަށް ބޭނުންވަނީ ބައިނަލްއަގުވާމީ މުޖުތަމައުން ހައްލު"

އެފަދަ ބޮޑު ޓްރާންސްފޯމޭޝަނަލް ބަދަލެއް ރާއްޖެއަށް ގެނެވޭނީ ރައްޔިތުންނަށް ތައުލީމާއި ފައިނޭންޝަލް ތައުލީމު ފޯރުކޮށްދީގެން ކަމަށް ރައީސް ވިދާޅުވިއެވެ. އެހެންކަމުން ކުދިންގެ ޅައުމުރުގައި ޑިޖިޓަލް ކަންކަމަށް ކުދިން ހޭނުމަށް ތައުލީމު ދިނުން މުހިންމު ކަމަށް ރައީސް ވިދާޅުވިއެވެ. އެ ކުދިން ބޮޑުވާއިރު އެއީ އާޓިފިޝަލް އިންޓެލިޖެންސް ފަދަ ޓެކްނޮލޮޖީތައް ބޭނުންކޮށްގެން އީޖާދުތައް އުފެއްދޭ ބަޔަކަށްވާން ޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.

ތަރައްގީވެފައިވާ ގައުމަކަށް ރާއްޖެ ހެދުމަށް ތަފާތު އެހެން ސިނާއަތްތައް ވެސް މުހިންމު ކަމަށް ރައީސް ވިދާޅުވިއެވެ. އެ ސަބަބަށްޓަކައި ރާއްޖެއަކީ ފައިނޭންޝަލް ހަބަކަށް ހެދުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. މިއަހަރު ވަނީ އެ އަމާޒަށް ވާސިލުވުމުގެ ގޮތުން ޑިވެލޮޕްމެންޓް ބޭންކް އޮފް މޯލްޑިވްސް ގާއިމުކޮށްފައި ކަމަށް ރައީސް ވިދާޅުވިއެވެ.

ފަތުރުވެރިކަމަކީ ވެސް ރާއްޖޭގެ އިގުތިސޯދުގެ މުހިންމު ބައެއް ކަމަށާއި އެ މަނިކުފާނުގެ ވިސްނުންފުޅަކީ ފަތުރުވެރިކަން މިހާރަށްވުރެ ބޮޑަށް ފުޅާކުރުން ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އިގުތިސޯދީ ހަރަކާތެއްގެ ގޮތުގައި ރާއްޖޭގެ މައި އެއާޕޯޓު ކަމަށްވާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ތަރައްގީކުރުމުގެ ބޮޑު މަޝްރޫއެއް ފަށައިފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. ވީއައިއޭގެ މަޝްރޫއުގެ ސަބަބުން ޓޫރިޒަމަށް ކުރިއެރުން ލިބޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"ނަމަވެސް (ދުނިޔޭގައި) މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމް ވަނީ ނާޒުކު ހާލަތެއްގައި. އެކަންކަން އަޅުގަނޑުމެންނަށް ކޮންޓްރޯލް ނުކުރެވޭނެ. އެކަންކަމުގެ ނޭދެވޭ އަސަރު ރާއްޖެއަށް ވަރަށް ބޮޑަށް ކުރާނެ. އަޅުގަނޑުމެން ބޭނުންވަނީ ބައިނަލްއަގުވާމީ މުޖުތަމައުން ހައްލު ހޯދައިދިނުމަށް. ހަނގުރާމަތައް، ޓެރަރިޒަމް، ހަރުކަށި ފިކުރު، ޓްރާންޝިނަލް އޯގަނައިޒް ކްރައިމް، އޯޝަން ޑީގްރޭޝަން،" ރައީސް ވިދާޅުވިއެވެ.

އދ.ގެ އާންމު މަޖިލީހުގައި ރައީސް ވަނީ ރާއްޖެއަށް ގެންނަން ބޭނުންވާ ތަރައްގީ، ބައެއް މަޝްރޫއުތަކާއެކު ސާފުކޮށްދެއްވައިފައެވެ. އޭގެ އިތުރުން ރައީސް ދެއްކެވީ ހުރިހާ ގައުމުތަކެއްގެ ދިފާއުގައި ވެސް ބަސް ވިދާޅުވާން ކެރިވަޑައިގަންނަވާ ފުރިހަމަ ލީޑަރެއްގެ މިސާލެވެ.