ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު އަލީ ފަޒާދު ޕީޕީއެމްއިން ވަކިކުރި މައްސަލަ އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބަލައި، އޭނާއަކީ އަދިވެސް މަޖިލީހުގެ މެމްބަރެއް ކަމަށް އެ ކޮމިޝަނުން ކަނޑައަޅައިފިއެވެ.
އީސީން އެ މައްސަލަ ބަލާފައިވަނީ އެ ކޮމިޝަނަށް ފަޒާދު ފޮނުވި ސިޓީއަކާ ގުޅިގެންނެވެ. އެ ސިޓީގައި ޕީޕީއެމްގެ ދަފްތަރުން ފަޒާދު އުނިކުރަން ނިންމީ އެ ޕާޓީން ފުރިހަމަކުރަން ޖެހޭ ހުރިހާ އިޖުރާއަތުތަކެއް ފުރިހަމަނުކޮށް ކަމަށް ފަޒާދު ވިދާޅުވެފައިވެއެވެ.
ފަޒާދަކީ ޕީޕީއެމްގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ކާމިޔާބުކޮށްފައިވާ މެމްބަރަކަށް ވުމާއެކު އޭނާ އެ ޕާޓީން ވަކިކުރުމުން، އީސީން ވަނީ އޭނާގެ ގޮނޑި ގެއްލުނު ކަމަށް ކަނޑައަޅައިފައެވެ. ނަމަވެސް ފަހުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހަށް އީސީގެ ރައީސް އަހްމަދު ޝަރީފް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ އެ މައްސަލަ ބެލުމަށް ފަޒާދު އެދިވަޑައިގެންނެވުމުން އެ މައްސަލަ އެ ކޮމިޝަނުން ބަލަމުންދާ ކަމަށެވެ.
ޕީޕީއެމްގެ ސުލޫކީ ކޮމިޓީން ފަޒާދު، އެ ޕާޓީން ވަކިކޮށްފައިވަނީ މިދިޔަ މަހުގެ ހަވަނަ ދުވަހުއެވެ. އޭނާ އެ ޕާޓީން ވަކިކޮށްފައިވަނީ ރިޔާސީ އިންތިހާބު ކައިރިވެފައި ވަނިކޮށް ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ސަރުކާރަށް ފާޑުކިޔަން ފަށާފައި ވަނިކޮށެވެ.