ވިޔަފާރި

ބީއެމްއެލްގެ ސީއީއޯގެ މަގާމަށް މީހަކު ހޯދަނީ

މުހައްމަދު އިޝާން

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ސީއީއޯގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ބީއެމްްއެލްއަށް ސީއީއޯއަކު ހޯދަނީ އެ މަގާމުގައި ހުންނެވި ކާލް ސްޓުމްކަ މަގާމުން އިސްތިއުފާ ދެއްވައިފައިވާތީއެވެ. އޭނާ އެ މަގާމުން އިސްތިއުފާ ދެއްވީ މިމަހުގެ އަށެއްގައެވެ. ބީއެމްއެލްގެ ސީއީއޯކަމުން ކާލް އިސްތިއުފާދެއްވީ އެ ބޭންކާއި އިދިކޮޅު ފަރާތްތަކުން މާލީ ބަގާވާތެއް ކުރަން އުޅުނު ކަމަށް ބުނާ މައްސަލައެއް ފުލުހުން ބަލަމުން ދަނިކޮށެވެ.

ބީއެމްއެލުން މިއަދު ކުރި އިއުލާނެއްގައި ބުނީ ސީއީއޯގެ މަގާމުގެ ބައެއް ޝަރުތުތަކުގެ ތެރޭގައި ބޭންކިން ހިދުމަތުގެ 15 އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ އާއެކު ސީނިއާ އެގްޒެކެޓިވް މެނޭޖްމެންޓް ދާއިރާ އިން ފަސް އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ ހުރުން ހިމެނޭ ކަމަށެވެ. ބޭންކިން ނުވަތަ ފައިނޭންސްއާ ގުޅުން ހުރި ދާއިރާއަކުން ގްރެޖުއޭޓް ކޮލިފިކޭޝަނެއް އޮތުމާއި ޕްރޮފެޝަނަލް ބޭންކެއްގެ މެންބަރަކަށް ވުން ވެސް ޝަރުތުތަކުގެ ތެރޭގައި ހިމެނޭ ކަމަށް ބީއެމްއެލުން ބުންޏެވެ.

ސީއީއޯގެ މަގާމަށް ހޮވޭ މީހެއްގެ މުސާރަ ކަނޑައަޅާނީ އެ މީހެއްގެ ތަޖުރިބާ އަދި ތައުލީމީ ފެންވަރަށް ބަލައިގެން ކަމަށާއި މުސާރައިގެ އިތުރުން ހުންނާނެ ތަނަކާއި، ކާރާއި، ސިއްހީ އެލަވަންސްތައް ލިބޭނެ ކަމަށް ބީއެމްއެލުން ބުންޏެވެ.

އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހުގެ 7 ގައި ހަމަވާނެ ކަމަށް ބީއެމްއެލުން ބުންޏެވެ. އެ މަގާމަށް ކުރިމަތިލުމަށް ބޭނުންވާ ލިޔެކިޔުންތައް ހަމަކުރުމަށްފަހު [email protected] މެއިލްކުރަންވާނެ ކަމަށް ބީއެމްއެލުން ބުންޏެވެ.