ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް

ކްރިކެޓު ބޯޑުގެ ރައީސްކަމަށް ދެވަނަ ދައުރަކަށް ފައިސަލް އިންތިހާބުކޮށްފި

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް)ގެ ރައީސްކަމަށް ދެވަނަ ދައުރަކަށް، މިހާރު ވެސް އެ މަގާމުގައި ހުންނެވި މުހައްމަދު ފައިސަލް އިންތިހާބުކޮށްފިއެވެ.

ސީބީއެމްގެ އާ ދައުރުގެ އިންތިހާބު ކުރިއަށްގެންގޮސްފައިވަނީ އިއްޔެއެވެ. އެ އިންތިހާބުގައި ސީބީއެމްގެ ރައީސްގެ އިތުރުން ނައިބު ރައީސާއި ހަތަރު މެންބަރުންނާއި ދެ އެސޯސިއޭޓް މެންބަރުން އަދި އަމިއްލަގޮތުން އެއް މެންބަރަކު ވަނީ އިންތިހާބުކޮށްފައެވެ.

އިންތިހާބުގައި ސީބީއެމްގެ ރައީސްކަމަށް ފައިސަލްއާ ވާދަކުރެއްވީ ފަރުހަތު ޖަލީލެވެ. ފައިސަލް ދިހަ ވޯޓު ހޯއްދެވި އިރު، ފަރުހަތަށް ލިބުނީ ހަތް ވޯޓެވެ. ނައިބު ރައީސްކަމުގެ މަގާމަށް އިންތިހާބުވެވަޑައިގެންނެވީ ދިހަ ވޯޓު ހޯއްދެވި އިސްހާގު އަހުމަދެވެ. އަދި އޭނާއާ ވާދަކުރި އަހުމަދު އާމިރަށް ލިބިވަޑައިގެންނެވީ ހަތް ވޯޓެވެ.

ސީބީއެމްގެ އެގްޒެކެޓިވް ކޮމިޓީގެ ހަތަރު މެންބަރުންގެ މަގާމަށް އިންތިހާބުވީ އިސްމާއިލް ނަޝްވާން ނާސިރާއި އަބްދުﷲ ސައުދާން އިބްރާހީމާއި އަހުމަދު އައްސަދު ވަހީދުގެ އިތުރުން އަހުމަދު ހުސައިނެވެ. އޭގެ ތެރެއިން ނަޝްވާނަށް 17 ވޯޓު ލިބިވަޑައިގެންނެވި އިރު، އަނެއް ތިން މެންބަރުން، ކޮންމެ މެންބަރަކަށް ލިބިވަޑައިގަތީ ދިހަ ވޯޓެވެ. އެ ހަތަރު މެންބަރުންގެ އިތުރުން ވެސް ތިން ބޭފުޅަކު އެ މަގާމުތަކަށް ވާދަކުރެއްވިއެވެ.

އެސޯސިއޭޓް ދެ މެންބަރުންނަށް ހޮވިވަޑައިގަތީ ނުވަ ވޯޓު ހޯއްދެވި އަލީ ތާލިބު އަދި އިބްރާހިމް މޫސާއެވެ. ދެން އެ މަގާމަށް ވާދަކުރެއްވި އިޝްރަތު ހަމީދަށް ލިބިވަޑައިގަތީ ހަތް ވޯޓެވެ. އަދި އަމިއްލަގޮތުން މެންބަރުކަމަށް ހޮވިވަޑައިގެންނެވި އަހުމަދު ކަލީމަށް ލިބިވަޑައިގަތީ ނުވަ ވޯޓެވެ. އެ މަގާމަށް ވާދަކުރެއްވީ ވެސް ކަލީމް އެކަންޏެވެ.