އެސްޓީއޯ

އެސްޓީއޯ އިން ޝިޕިން ވިޔަފާރިއަށް ނުކުންނަނީ

ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ) އިން ޝިޕިން ވިޔަފާރިއަށް ނުކުންނަން ޖެހޭ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވެއްޖެއެވެ.

ދަރުބާރުގޭގައި ރޭ ބޭއްވި އެސްޓީއޯގެ އަހަރީ އާންމު ޖަލްސާގައި ވާހަކަދައްކަވަމުން އަމްރު ވިދާޅުވީ އެ ކުންފުނީގެ ހިންގުމުގެ ހަރަދު ކުޑަކުރުމަށް ބޮޑު މަސައްކަތެއް ކުރަން ޖެހޭ ކަމަށާއި އެގޮތުން އައިސީޓީގެ ދާއިރާގައި އޮޓޮމޭޝަނަށް ވަރަށް ބައިވަރު މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

"އަޅުގަނޑުމެންގެ މި ރާއްޖެއަކީ މުޅިން ވެސް ތަކެތި އިމްޕޯޓުކޮށްގެން ބޭނުންކުރާ ބައެއް. އަޅުގަނޑުމެންނަށް ފާހަގަވީ އަހަރަކު ރާއްޖެއަށް 70،000 ކޮންޓެއިނަރު އެތެރެކުރާކަން. އެއީ ގާތްގަނޑަކަށް ދުވާލަކު 190 ކޮންޓެއިނަރު ރާއްޖެއަށް އެބަ އެތެރެވޭ. އަދި އަޅުގަނޑުމެންގެ އަމިއްލަ ބޭނުމަށް އެސްޓީއޯއަށް އެބަ ގެނޭ މަހަކު 200 ކޮންޓެއިނަރު. އެހެންވީމާ މިއީ ހަގީގަތުގައި ނުވަނުމަށް ވުރެ، ވަދެ ތިބެން ޖެހޭ ވިޔަފާރިއެއް ކަމަށް އަޅުގަނޑުމެންނަށް ގަބޫލުކުރެވެނީ،" އޭނާ ވިދާޅުވިއެވެ.

އަމްރު ވިދާޅުވީ އެ ވިޔަފާރިއަށް ނުކުމެއްޖެ ނަމަ، އެސްޓީއޯ އިން ރާއްޖެ އެތެރެކުރާ ތަކެއްޗަށް ހިނގާ ހަރަދު ކުޑަވެގެންދާނެ ކަމަށާއި އޭގެ އިތުރުން މުޅި ރާއްޖެއަށް ގެންނަ މުދަލުގެ އަގު ވެސް ހެޔޮކުރެވިގެންދާނެ ކަމަށެވެ.

"އެސްޓީއޯއަށް 54 އަހަރުވީ އިރު، އެސްޓީއޯ އުފެދިގެން މިއައީ ފުޑް ސެކިއުރިޓީ ހޯދައިދިނުމަށް. މައިގަނޑު ވާހަކައަކީ އެއީ. ކާޑުގެ ބާވަތްތައް ފޯރުކޮށްދިނުމަށް. އެކަމަކު މިއަދު އަޅުގަނޑުމެން އެބަ ވިސްނާލަން ޖެހޭ އަޅުގަނޑުމެން ކާ ހުރިހާ ސާމާނެއް ގެންނަން ޖެހެނީ ބޭރުން،" އޭނާ ވިދާޅުވިއެވެ.

އަމްރު އިތުރަށް ވިދާޅުވީ ދަނޑުވެރިކަން ފުޅާކޮށް، ދަނޑުވެރިންނަށް ލިބޭ އެއްޗެއް އިތުރުކޮށް، އެސްޓީއޯއިން ޑިސްޓްރިބިއުޝަން ތެރެއަށް ވަދެއްޖެ ނަމަ، އެއީ އެ ކުންފުންޏަށާއި މުޅި ރާއްޖެއަށް ވެސް ލިބޭނެ ފައިދާއެއް ކަމަށެވެ.