އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑަށް ބަދަލުތަކެއް ގެނެސްފިއެވެ.
ކުރިއަށް އޮތް ދައުރު އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑުގައި ސަރުކާރުގެ ފަރާތުން ހިމެނެނީ ހަ ޑިރެކްޓަރުންނެވެ.
އެސްޓީއޯގެ ޗެއާމަންކަމުގެ މަގާމަށް އައްޔަންކޮށްފައި ވަނީ މ. ޗަނބޭލީމާގެ، ހާމިދު ނަޝީދު މުހައްމަދެވެ. މެނޭޖިން ޑިރެކްޓަރަކަށް ހ. ހައްދުންމަތީ ދެކުނުގެ، ހުސައިން އަމްރު މުހައްމަދު އައްޔަންކޮށްފައިވާ އިރު، އެގްޒެކެޓިވް ޑިރެކްޓަރަކަށް އައްޔަންކޮށްފައި ވަނީ ހއ. ކެލާ، ފިނޮޅު، މުހައްމަދު މިހާދެވެ.
ސަރުކާރުގެ ފަރާތުން ޑިރެކްޓަރުންގެ ބޯޑުގައި ދެން ހިމެނޭ ޑިރެކްޓަރުންނަކީ ގއ. ދާންދޫ، އަންޑާޕޫލްގެ، ގައިސް އިސްމާއީލާއި ގއ. ދެއްވަދޫ، ދިލްޝާދުގެ، ޝިމާދު އިބްރާހީމް އަދި މ. އައްޝަތުމަންޒިލް، އިސްމާއިލް ޖުމައިލް ރަޝީދެވެ.
ދަރުބާރުގޭގައި ރޭ ބޭއްވި އެސްޓީއޯގެ އަހަރީ އާންމު ޖަލްސާގައި އާންމު ހިއްސާދާރުންގެ ތެރެއިން މެންބަރަކު ވަނީ އިންތިހާބުކޮށްފައެވެ. ހިއްސާދާރުންގެ ވޯޓާއެކު ޑިރެކްޓަރުންގެ ބޯޑަށް ހޮވާފައިވަނީ އާމިނަތު ރުޝްމާއެވެ.
ރޭ ބޭއްވި އެސްޓީއޯގެ އަހަރީ އާންމު ޖަލްސާގައި އެ ކުންފުނީގެ 504 ހިއްސާދާރުން ބައިވެރިވިއެވެ.