އެސްޓީއޯ

އެސްޓީއޯ އިން ހިއްސާއަކަށް 58 ރުފިޔާ ބަހަން ފާސްކޮށްފި

އެސްޓީއޯއަށް މިދިޔަ އަހަރު ލިބުނު ފައިދާ އިން ހިއްސާއަކަށް 58 ރުފިޔާ ބަހަން ފާސްކޮށްފިއެވެ.

ދަރުބާރުގޭގައި ރޭ ބޭއްވި އެސްޓީއޯގެ އަހަރީ އާންމު ޖަލްސާގައި 504 ހިއްސާދާރުން ބައިވެރިވިއެވެ. އެއީ 9،38،753 ހިއްސާއެވެ. އިލެކްޓްރޯނިކް ވޯޓިން ސިސްޓަމް ބޭނުންކޮށްގެން އަހަރީ އާންމު ޖަލާސާގެ ނެގި ވޯޓުތަކުގެ ނަތީޖާތައް ގުނާފައިވަނީ ހިއްސާގެ އަދަދުންނެވެ.

އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑުން ހިއްސާއަކަށް ބަހަން ހުށަހަޅާފައިވަނީ 58 ރުފިޔާއެވެ. އެ ހުށަހެޅުމަށް ފެންނަ ކަމަށް ވޯޓު ދީފައިވަނީ 9،36،857 ހިއްސާއެވެ. އަދި ނުފެންނަ ކަމަށް ވޯޓު ދީފައިވަނީ 1،880 ހިއްސާއެވެ. އަދި 16 ހިއްސާ ވޯޓުގައި ބައިވެރިވެފައެއް ނުވެއެވެ.

ހިއްސާދާރުންނަށް ބަހަން ކަނޑައަޅާފައިވާ ފައިސާގެ އަދަދު ފާސްކުރުމުގެ އިތުރުން އެސްޓީއޯގެ އަހަރީ އާންމު ޖަލްސާގައި 2017 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ ޔައުމިއްޔާ ފާސްކުރުމާއި 2018 ވަނަ އަހަރުގެ ޑިރެކްޓަރުންގެ ރިޕޯޓު ފާސްކުރުމާއި 2018 ވަނަ އަހަރުގެ އޮޑިޓްކޮށްފައިވާ ކުންފުނީގެ ހިސާބުތައް ފާސްކުރުމާއި 2019 ވަނަ އަހަރަށް އައްޔަންކުރާ ކުންފުނީގެ އޮޑިޓަރުން ވެސް ވަނީ ހޮވައިފައެވެ.

އެސްޓީއޯގެ އޮޑިޓަރުންނަށް ކުރިމަތިލީ ތިން ފަރާތުގެ ތެރެއިން ޑިރެކްޓަރުންގެ ބޯޑުން ހުށަހެޅި ކޭޕީއެމްޖީ ވަނީ އޮޑިޓަރުންނަށް ހަމަޖެއްސުމަށް ފާސްކޮށްފައެވެ. ކޭޕީއެމްޖީއަކީ ފާއިތުވެދިޔަ ފަސް އަހަރުވެސް އެސްޓީއޯ އޮޑިޓް ކޮށްފައިވާ ފަރާތެވެ.