ކުރީގެ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް

ޓެކްނޮލޮޖީގެ ވަސީލަތްތަކުގެ ސަބަބުން ރައްޔިތުން ދަނީ ދުވަހެއް ދުވަހަކަށް ބާރުވެރިވަމުން: މަލީހު

ޓެކްނޮލޮޖީގެ ވަސީލަތްތަކުގެ ސަބަބުން ރައްޔިތުން ދަނީ ދުވަހެއް ދުވަހަކަށް ބާރުވެރިވަމުން ކަމަށް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ޓެލެކޮމިއުނިކޭޝަން އަދި އިންފޮމޭޝަން ސޮސައިޓީ ދުވަހުގެ މުނާސަބަތުގައި މިނިސްޓަރު މަލީހު ދެއްވި ހިތޯބުގައި ވިދާޅުވީ ދުނިޔޭގެ އެހެން ގައުމުތަކެކޭ އެއްފަދައިން ރާއްޖޭގައިވެސް މުވާސާލާތީ ހިދުމަތްތަކުގެ ބޭނުން ހިފާ މިންވަރު ދުވަހުން ދުވަހަށް ހަލުވިކަމާއެކު ދަނީ އިތުރުވަމުން ކަމަށެވެ.

"އަޅުގަނޑުމެންގެ ފޯނުތައް މިހާރު މިވަނީ ސްމާޓް ފޯނަށް ބަދަލުވެފައި. އާއިލީ ގުޅުންތަކުގެ އިތުރުން ވިޔަފާރީގެ މުއާމަލާތްތައް ހިނގަނީ އޮންލައިން ވެބްސައިޓްތަކާއި މޮބައިލް އެޕްތަކުން. ހިދުމަތްދޭ ކައުންޓަރުތައް މިދަނީ 24 ގަޑިއިރު ހިދުމަތް ލިބޭ ޕޯރޓަލްތަކަށް ބަދަލުވެފައި. ފައިސާގެ މުއާމަލާތުތައް މިހާރު ގިނައިން ކުރަނީ އޮންލައިން ބޭންކިން މެދުވެރިކޮށް. ނޫހާއި މަޖައްލާތައް އަޅުގަނޑުމެން މިހާރު ކިޔަނީ ޖީބުގައި އޮންނަ ފޯނުން. އެމީހަކު ބަލަން ބޭނުންވާ ޓީވީ ޕްރޮގްރާމެއް އެމީހަކަށް ފަސޭހަ ގަޑިއަކު އިންޓަނެޓް މެދުވެރިކޮށް ފަސޭހައިން ބަލައިލެވޭ. ޓެކްނޮލޮޖީގެ ވަސީލަތްތަކުގެ ސަބަބުން ރައްޔިތުން ދަނީ ދުވަހެއް ދުވަހަކަށް ބާރުވެރިވަމުން،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު މަލީހު ވިދާޅުވީ ހަލުވި ދުވެއްޔެއްގައި ޕްރައިވެޓް ސެކްޓަރުގައި ޓެކްނޮލޮޖީގެ އިޖާދުތައް ބަލައިގަނެ، އޭގެ ލުއި ފަސޭހަކަން ރައްޔިތުންނަށް ފޯރުކޮށްދެމުން ދާއިރު، ސަރުކާރުން ދެމުން އަންނަ ހިދުމަތްތައް ދެމުންދާ ގޮތަށްވެސް ބަދަލުތައް ގެންނަން ޖެހޭ ކަމަށެވެ.

"ސަރުކާރާއި މިނިސްޓްރީގެ އަމާޒަކީ ޒަމާނީ ބަދަލާއެކު އީ-ގަވަމަންޓް ނިޒާމުގެ ތެރެއިން، އޮންލައިންކޮށް ފަސޭހަކަމާއެކު ބޭނުން ވަގުތަކު، ބޭނުންތާކު ހުރެގެން ކިއުގައި ނުޖެހި، ކަރުދާހަށް ބަރޯސާވުން ކުޑަކޮށް، ދެފުށް ފެންނަ އިންސާފުވެރި ނިޒާމެއްގެ ތެރެއިން ރައްޔިތުންނަށް ހިދުމަތް ލިބޭނެ ގޮތް ހަދައިދިނުން. މިއަދު މި މަސައްކަތްވެސް މިވަނީ އާ އަޒުމަކާ އެއްކޮށް ފަށާފައި. މި މަސައްކަތުގެ ސަބަބުން ސަރުކާރުން ދޭ ގިނަ ހިދުމަތްތަކެއް ލާމަރުކަޒީކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ އެންމެހާ ރައްޔިތުންނަށް ވެސް ފަސޭހަކަމާއެކު ފޯރުކޮށްދެވޭނެ،" މިނިސްޓަރު ވިދާޅުވިއެވެ.

މަލީހު ވިދާޅުވީ މުވާސަލާތީ ހިދުމަތްތައް ބޭނުންކުރާ ފަރާތްތަކުން މުޖުތަމައުގެ ލާބައާއި ފައިދާއަށް އައި.ސީ.ޓީގެ ވަސީލަތްތައް ރައްކާތެރިކަމާއެކު ބޭނުންކުރަން ޖެހޭ ކަމަށާއި އެ ހިދުމަތްތައް ބޭނުންކުރާ ފަރާތްތަކުގެ ހައްގުތައް ހިމާޔަތްކޮށްދިނުމަށް، މިނިސްޓްރީގެ ދޮރުތައް ހުޅުވިފައިވާ ކަމަށެވެ. އަދި އެއްވެސް ޝަކުވާއެއް ވާނަމަ، އެކަމަކަށް މިނިސްޓްރީން އިޖާބަދޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

"މީގެ އިތުރުން ކޮންމެ ކަމެއްގައިވެސް ނުރަނގަޅު ފަރާތްތަކެއް އުޅޭ. އިންޓަނެޓަކީ، ތައުލީމު އުނގެނުމުގައި ބޭނުންވާ މައުލޫމާތު ލިބިގަތުމަށް މުހިންމު ވަސީލަތެއް. ވީމާ އިންޓަނެޓް ބޭނުންކުރަމުންދާ ކުދިންގެ ބެލެނިވެރިން، އެކުދިން އިންޓަނެޓްގެ ބޭނުން ހިފާގޮތް ގާތުން ބެލުމުގެ މުހިންމުކަން ހަނދާންކޮށްދެން. މީގެ އިތުރުންވެސް އިންޓަނެޓްގެ ޒަރިއްޔާއިން މަކަރާއި ހީލަތް ހަދާ ފަރާތްތަކުގެ އަމަލުތަކަށް ހުރިހާ ރައްޔިތުންވެސް ރައްކާތެރިވެ ތިބުމަށް ނަސޭހަތްތެރިވަން. ޒާތީ މައުލޫމާތު، ޔަގީން ނުވާ ފަރާތްތަކަށް ފޯނުންވިޔަސް، އިންޓަނެޓުންވިޔަސް ހިއްސާ ނުކުރުމަށް ދަންނަވަން،" މިނިސްޓަރު ވިދާޅުވިއެވެ.

މަލީހު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ވިސްނުންފުޅާ އެއްގޮތަށް ޓެލެކޮމިއުނިކޭޝަނާއި އައި.ސީ.ޓިގެ ވަސީލަތްތަކާއި އައު ހޯދުންތަކުގެ އެހީގައި ދިވެހީންގެ ދިރިއުޅުމުގެ ކަންކަން އިތުރަށް ތަރައްގީކޮށްދީ، އެންމެ މަތީ ހަރުފަތާ ހަމައަށް ގެންގޮސްދިނުމަށް ޓެލެކޮމިއުނިކޭޝަން ހިދުމަތްދޭ އެންމެހާ ފަރާތްތަކަށް އިލްތިމާސްކުރާ ކަމަށެވެ.

އަދި މުޖުތަމައުގެ އެންމެހާ ފަރުދުންގެ ބޭނުންތަކަށް ވިސްނައިގެން ދެމެހެއްޓެނިވި ކުރިއެރުވުމާއި "ޑިޖިޓަލް ޑިވެލޮޕްމަންޓް" ގެ އަސާސްގެ މައްޗަށް ބިނާކޮށް ފުޅާ ދާއިރާއެއްގައި ހަރަކާތްތަކެއް ހިންގައި، އަސާސީ ހައްގެއްގެ ގޮތުގައި ދެކި، އެއްވެސް ރަށެއް ތަފާތުކުރުމެއްނެތި ހިދުމަތް ފޯރުކޮށްދިނުމަށް ހިދުމަތްދޭ ފަރާތްތަކަށް އިލްތިމާސްކުރާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިއަދު ފާހަގަކުރާ ޓެލެކޮމިއުނިކޭޝަން އަދި އިންފޮމޭޝަން ސޮސައިޓީ ދުވަހުގެ ޝިއާރަކީ "Bridging the Standardization Gap" އެވެ. އެ ޝިއާރަކީ އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީސް ނުވަތަ އައި.ސީ.ޓީގެ ބައިނަލްއަގުވާމީ މިންގަޑުތައް ކަނޑައެޅުމުގައި އައި.ޓީ.ޔޫ އިން އަދާކުރާ ދައުރު ފާހަގަކުރުމާއި ދެމެހެއްޓެނެވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް އައި.ސީ.ޓީ ވަސީލަތްތައް ބާރު ސްޕީޑްގައި ތަރައްގީ ކުރުމުގައި މިފަދަ މިންގަޑުތަކުގެ މުހިއްމުކަމާއި މިކަމުގައި ތަރައްގީވެފައިވާ އަދި ތަރައްގީވަމުން އަންނަ ގައުމުތަކުގެ ބައިވެރިވުން އޮތުމަށް ގޮވާލާ ޝިއާރެކެވެ.