އަލީ ޔާމިން
"އިމާދުއްދީން ސްކޫލުގެ (ސެން ކްލާހުގައި) އުޅުނުއިރު މާރުކޭޓަށް (ލޯކަލް މާރުކޭޓަށް) ދިޔަ ދުވަހެއްގަ ޓީޗަރާ ދިމާލަށް މީހަކު ބުނަނީ މީ ކީއްކުރާ ކުދިންތަކެއް ހެއްޔޯ، ތިގެންގުޅެނީ ކަމެއް ނުކުރެވޭ ކުދިންތަކެކޯ. ތި ކުދިންނަށް އޮފީހެއް ކަހަލަ ތަނެއްގަވެސް ނޫޅެވޭނެއޭ، އެކަހަލަ އެކި އެއްޗެހި ކީ، ދެން ވަރަށް ދެރަވި، އޮފީހަކަށް ވަދެވޭނެ ކަމާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަކީވެސް ކަންކަން ކުރެވޭނެ ބައެއްކަން އެ މީހާއަށް ކޮންމެވެސް ދުވަހަކުން ދައްކާނަމޭ ހިތަށް އެރި. މިހާރު އެ ހިތްހަމަ ޖެހުން އަޅުގަނޑަށް އެބަ ލިބޭ"
އައިޝަތު ނާއިޝާ (ނާއި) އެ ހިއްސާކުރީ މީގެ 11 ވަރަކަށް އަހަރު ކުރީގެ ހަނދާންތަކެކެވެ. އެއީ އޭނާގެ ހިތުގައި ޖެހުނު ދުވަހެކެވެ. ވަރަށް ބޮޑަށެވެ. ނަމަވެސް އެ ދުވަހު އޭނާ ފަދަ އޯޓިޒަމް ހުންނަ ކުދީންނަށް ރައްދުކުރި ބަސްތަކަށް އޭނާ މިއަދު އެ އަންނަނީ ފުރިހަމަ ރައްދެއް ދެމުންނެވެ. އެކަމަށް އޭނާއަށް ހިތްވަރު ދިނީ ސްޓެލްކޯ އާއި އެ ކުންފުނީގެ އާއިލާއެވެ.
ސްޓެލްކޯއިން ނާއިއަށް ވަޒީފާ ލިބުނީ 2014 ވަނަ އަހަރުއެވެ. އެއީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ ދިނުމަށް އެއިރުގެ ސަރުކާރުން ގެންގުޅުނު ސިޔާސަތެއްގެ ދަށުންނެވެ. އެކަމަށް އޭނާ ފުރަތަމަ ފަސްޖެހުނެވެ. އަލަށް ވަޒީފާއަކަށް ނުކުންނާތީ އާއި އޭނާއަކީ ހާއްސަ އެހީއަށް ބޭނުންވާ މީހެއްކަމުން، އެހެން މީހުން ދެކެފާނެ ގޮތެއް ނޭނގޭތީއެވެ. ނަމަވެސް އެ ދުވަހު އޭނާ ނިންމި ނިންމުމަކީ މުޅި ދިރިއުޅުން ބަދަލުކޮށްލި ނިންމުމެކެވެ.
"ހިތަށް އެރީ މިކަން ވާނެބާއޭ. ވަރަށް ބައިވަރު މީހުންގެ ތެރެއަށް ނުކުންނަންވީމާ ވަރަށް ޖެހިލުންވެފަ ހުރީ. ހާއްސަ އެހީއަށް ބޭނުންވާ މީހެއްވީމާ ކިހިނެއްބާއޭ ދެކޭނީ. އެކަމު ސްޓެލްކޯއިން ވަރަށް ހިތްވަރުދިން. ހާއްސަ އެހީއަށް ބޭނުންވާ ކުއްޖެއްގެ ގޮތުގައެއް ނުދެކޭ. ހަމަ ނޯމަލް ކުއްޖެއްގެ ގޮތުގަ ދެކިގެން ވަރަށް ލޯބިން ގެންގުޅެނީ" ނާއި "ވަން" އަށް ކިޔައިދިނެވެ.
ސްޓެލްކޯގައި ނާއި އުޅޭތާ މި އަހަރުގެ ޑިސެމްބަރަށް 10 އަހަރު ފުރޭނެ އެވެ. މިދިޔަ 10 އަހަރުގެ ތެރޭގައި ވަޒީފާގެ ގޮތުން، ނާއިއަށް ދެ ޕްރޮމޯޝަން ލިބިފައިވާއިރު، އޭނާގެ މަގާމުގެ ރޭންކިންގައި އޭނާ މިހާރު އެ ހުރީ އެންމެ މަތީގައެވެ. އެއީ އިހުލާސްތެރި މަސައްކަތެއްގެ ފޮނި ނަތީޖާ އެވެ. އޭގެ އިތުރަށް، ސްޓެލްކޯގެ މެނޭޖުމެންޓާއި މުވައްޒަފުންގެ ފަރާތުން ނާއިއަށް ލިބޭ އެއްބާރުލުމަކީ، އޭނާ އަބަދުވެސް ޝުކުރުވެރިވާ ކަމެކެވެ.
"އޮފީހެއްގެ ގޮތުގައި ސްޓެލްކޯއަށް އާދެވުނީމަ ވަރަށް އުފާވޭ. ސްޓެލްކޯގެ މުވައްޒަފުންނާއި މެނޭޖުމެންޓްގެ ސަޕޯޓާ ނުލައި އަޅުގަނޑަށް މިހާ ކުރިއަކަށް ނާދެވުނީސް" ހިތްހަމަޖެހިގެން ހުރެ، ނާއި ކިޔައިނެވެ.
ނާއިގެ މަސައްކަތުގެ އަހުލާގު ރަނގަޅުވުމުންނާއި މަސައްކަތަށް ބަހައްޓާ ފަރުވާތެރިކަމުގެ ސަބަބުން އެހެން ބައެއް ކުންފުނިތަކުންވެސް އޭނާއަށް ވަޒީފާގެ ހުށަހެޅުންތައް އައެވެ. ނަމަވެސް ނާއި ބޭނުންވީ ސްޓެލްކޯގައި ހުރެގެން ކުރިއަށްދާށެވެ. ނާއި ގަބޫލުކުރާ ގޮތުގައި އޭނާއަކީ އެހެން މީހުންނާ ތަފާތު މީހެއް ނޫންކަމުގެ އިހްސާސްކޮށްދިނީ ސްޓެލްކޯ އެވެ. އެ މާހައުލަށް އޭނާގެ ހިތުގައި އޮތީ އިންތިހާ ދަރަޖައިގެ ލޯތްބެވެ.
ނާއިއަކީ، ހަމަ ހަގީގަތުގައިވެސް އޯޓިޒަމް ހުންނަ މީހެކޭ މިއަދު ނުބުނެވޭނެއެވެ. ނާއި ދަންނަ އެކަކުވެސް އެކަމަށް މިއަދު އެއްބަހެއްވެސް ނުވާނެއެވެ. ބަސްމޮށުންތެރިކަމުގައި ކުޑަކޮށް ކޮށި ގޮތެއް ހުރި ނަމަވެސް އަބަދުވެސް ހިނިތުންވެފައި ހުރެ މުއާމަލާތްކުރާތީ، އެ ކޮށިކަންވެސް އަޅައިގަންނާނީ ވަރަށް ބޮޑަށް ސަމާލުކަން ދީފި ނަމައެވެ. އަމިއްލަ ބުރަ މަސައްކަތުން ނާއިއަކީ، މިއަދު އޭނާގެ އާއިލާއަށްވެސް އެހީތެރިވެދޭ، އެހެން މީހެއްގެ އެހީއަކާ ނުލައި އުޅެވޭ އަދި އެކަށީގެންވާ ރަނގަޅު އާމްދަނީއެއް ލިބޭ މީހެކެވެ. ނާއި ގަބޫލުކުރާ ގޮތުގައި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށްވެސް ކުރެވޭނެ ކަންކަން އެބަހުއްޓެވެ. ބޭނުންވަނީ ހިތްވަރެވެ.
"ބުނެލަން ބޭނުންވަނީ ހުރިހާ ކުދިންވެސް ވަޒީފާއަށް ގޮސްފިއްޔާ ރަނގަޅަށް އުޅެގެން ކާމިޔާބުވާނެއޭ. ގޮންޖެހުންތައް އަންނާނެއޭ، އެކަމަކު އެކަންތައްތަކަށް ނުބަލައި އެ ކުއްޖަކު ކުރިއަށްދާން ބޭނުންވާ ރޮނގަކުން ކުރިއަށްދާށޭ. އޭރުން ތަންކޮޅެއް ފަސޭހަވާނެއޭ" ނާއި ފަދަ އެހެން މީހުންނަށް އޭނާގެ ނަސޭހަތަކީ މިއީއެވެ.
ނާއި ގަބޫލުކުރާ ގޮތުގައި ހާއްސަ އެހީއަށް ބޭނުންވާ މީހުންނާމެދު މުޖުތަމައުން މިހާރު ދެކޭ ގޮތް ވަރަށް ތަފާތެވެ. ކުރިން މަލާމާތާއި ފުރައްސާރައިގެ ބަސްތައް އަމާޒުވި ނަމަވެސް މިހާރު އެކަން މުޖުތަމައުން ފެންނަނީ "ދަމަކުން ބަޑިއެއް ޖަހާ އުސޫލުން" ކަމަށް އޭނާ ގަބޫލު ކުރެއެވެ. ސަރުކާރާއި މުޖުތަމައުވެސް މިހާރު ހޭލުންތެރި ކަމަށް ނާއީ ގަބޫލު ކުރެއެވެ.