އިބްރާހިމް ޒަކީ
ކުށުގެ ތުހުމަތުވާ މީހަކު ހުކުމެއް ނުކޮށް ވާނުވާ ބަންދުގައި ހުންނަންޖެހޭ މައްސަލަ ހައްލުކުރަން ޕްރޮސިކިއުޓާ ޖެެނެރަލް އޮފީހުގެ އެތެރޭގެ ނިޒާމަށް ބަދަލު ގެންނަވާނެ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ މަގާމަށް އައްޔަންކުރަން މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ރުހުން ދީފައިވާ އައްބާސް ޝަރީފު ވިދާޅުވެއްޖެއެވެ.
އައްބާސް މިހެން ވިދާޅުވީ ކޮމިޓީ ބައްދަލުވުމުގައި މެންބަރުން ކުރެއްވި ސުވާލުތަކުގެ ތެރެއިން ކުރެންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާމިން ހަބީބު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ޝާމިން ވިދާޅުވީ، ޝަރީއަތުން ހުކުމެއް ނުކޮށް ވާނުވާ ބަންދުގައި 10 ވަރަކަށް އަހަރު ހުންނަންޖެހޭ ގޮތަށް ޝަރުއީ ނިޒާމު ބައްޓަންވެފައިވާ ކަމަށާއި އެކަމުގެ ސަބަބުން އެގޮތަށް ހުންނަންޖެހޭ މީހާގެ ދިރުއުޅުމުން ބައެއް ބޭކާރުވެގެންދާ ކަމަށެވެ.
އައްބާސް ވިދާޅުވީ، އެކަން ހައްލުކުރުމަށް އެންމެ މުހިންމު ކަމަކީ ޝަރީއަތުގައިވާ މުއްދަތު ކުރުކުރުން ކަމަށެވެ.
"އެއްކަމަކަށް އަޑުއެހުންތައް ބެކްޓުބެކް ދެވޭ ގޮތެއް ހަދަންޖެހޭ، މިހާރު އެއް ދުވަހު ޝަރީއަތް ބާއްވައިފައި އަނެއް ދެ ހަފުތާފަހުން އަނެއް އަޑުއެހުން ބޭއްވުމުގެ ބަދަލުގައި ޝަރީއަތުގެ އަޑުއެހުންތައް ބެކްޓުބެކް ގެންގޮސް ނިންމާލެވޭ ގޮތަށް ބަދަލުކުރުން އެއީ ހައްލަކަށް ވެދާނެ،" އައްބާސް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ޝަރީއަރުގެ އަޑުއެހުންތައް އޮންނާނެ ތާރީހުތައް ކުރިއާލައި އެނގިފައި އޮތުން މުހިންމު ކަމަށާއި އޭރުން މައްސަލަ ރައްދުވާ ފަރާތަށް ތައްޔާރުވުމަށް ފަސޭހަވެގެންދާނެ ކަމަށެވެ.
"އެއާއެއްކޮށް ކުރިއަށް ޝެޑިއުލް ކުރެވި ތާރީހުތަކެއް ހަމަޖެހި އެނގިފަ އޮތުމާއި އެ ތާރީހުތަކުގައި މައްސަލަތަކުގެ އަޑުއެހުންތައް ބަރާބަރަށް ގެންގޮސް ނިންމަވާލެވޭ ގޮތަށް ސިސްޓަމް ރޭވިފައި އޮތުމަކީ ވަރަށް ބޮޑު ތަސައްލީއަކަށްވާނެ، އޭރުން ބަންދުގައި ހުއްޓަސް އެނގޭނެ މައްސަލަ އޮންނާނީ މީގެ ހަ މަސް ދުވަސް ފަހުންކަން، ދެން ޝަރީއަތް ފެށޭތާ ހަތަރު ދުވަސްތެރޭގައި އަޑުއެހުންތައް ބާއްވައި ނިންމައިފައި 10 ދުވަހުގެ ތެރޭގައި ހުކުމް ކުރާނެކަން،" އައްބާސް ވިދާޅުވިއެވެ.
އައްބާސް ވިދާޅުވީ މިހާރު ސިސްޓަމް އޮތް ގޮތުން މައްސަލައިގައި ހޭދަވާނީ 10 ދުވަސް ކަމެއް ނުވަތަ 10 އަހަރުކަމެއް ނޭނގޭ ކަމަށެވެ. އޭގެ ބަދަލުގައި މަސައްކަތްކުރައްވާނީ ޝަރީއަތަށް މައްސަލަ ދާއިރު އެކަމާބެހޭ ހުރިހާ ދިރާސާއެއް ކުރެވިފައިވާ މައްސަލައަކަށް މައްސަލަ ހެދުމަށް ކަމަށާއި އެ މައްސަލަތަކަށް ދާ ޕްރޮސިކިއުޓަރަކީ މައްސަލައިގެ ތެރެއަށް ވަދެ އެކަން އެނގޭ މީހެއްކަން ކަށަވަރު ކުރެއްވުމަށް ކަމަށްވެސް ވިދާޅުވިއެވެ.