ރ. އަތޮޅު މަޑުއްވަރީ ކައުންސިލުން ހިންގަމުން އައި އެ ރަށުގެ އައިސް ޕްލާންޓް މިފްކޯއާ ހަވާލުކޮށްފިއެވެ.
މަޑުއްވަރީ ކައުންސިލް އިދާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެކަމުގެ އެއްބަސްވުމުގައި ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސް މުހައްމަދު ސޯދިގެވެ. މިފްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނި ހިންގެވުމާއި ވަގުތީ ގޮތުން ހަވާލުވެވަޑައިގެން ހުންނެވި ޗީފް ފައިނޭންޝަލް އޮފިސާ (ސީއެފްއޯ) އިލްޔާސް ހަނީފެވެ.
ސޯދިގު ވިދާޅުވީ މިފްކޯ އިން އެ ރަށު އައިސް ޕްލާންޓުގެ ކަންކަން ބަލަހައްޓާނެ މުވައްޒަފުންވެސް ހަމަޖައްސާފައިވާ ކަމަށާއި މިއަދުން ފެށިގެން މަސްވެރިންނަށް އަގުހެޔޮކޮށް އައިސް ލިބިގެންދާނެ ކަމަށެވެ.
މިފްކޯގެ ޕްރޮޖެކްޓްސް އެންޑް ޓެކްނިކަލް ޑިޕާޓުމަންޓުގެ ޖެނެރަލް މެނޭޖަރު މުއާޒު އަލީ މިއަދު ވިދާޅުވީ، މަޑުއްވަރީގެ އައިސް ޕްލާންސްޓް ބަލަހައްޓަމުން ދާނީ ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސް (އެފްއެފްސީ)ގެ އިންޖިނިއަރުންގެ ޓީމަކުން ކަމަށެވެ.
"މި ފެށި ހިދުމަތާއެކު 750 ރުފިޔާގެ ރޭޓުން މަސްވެރީންނަށް އައިސް ޓަނެއް ފޯރުކޮށްދެވޭނެ. މިއީ 25 މެޓްރިކް ޓަނުގެ ފްލޭކްސް އައިސް ޕްލާންޓެއް. އަދި 50 ޓަނުގެ އައިސްގެ ސްޓޮކެއް މެއިންޓެއިން ކުރެވޭނެ. މަސްވެރީންނަށް ލުއިފަސޭހަ ގޮތްތައް ކުރިއަށް އޮތް ތަނުގައިވެސް ހޯދުމުގައި މިފްކޯ ދެމި އޮންނާނެ." މުއާޒު ވިދާޅުވިއެވެ.
މަޑުއްވަރީ އައިސް ޕްލާންޓަކީ 10 ޑިސެމްބަރު 2021ގައި މަސްވެރީންގެ ދުވަހާ ދިމާކޮށް ހުޅުވި ތަނެކެވެ.