ފުޓްބޯޅަ

ފުޓުބޯޅަ ޝެޑިއުލަށް އޮންރީގެ ފާޑުކިޔުން: މެޗުތައް މާ ގިނަ!

ފުޓުބޯޅަ ޝެޑިއުލް ބުރައަކަށް ވެފައިވާ ކަމަށްބުނެ، ފްރާންސް ލެޖެންޑް ތިއަރީ އޮންރީ ފާޑުކިޔުންތައް އަމާޒުކޮށްފިއެވެ.

ވޯލްޑް ކަޕްގެ އާ ފޯމެޓާއެކު މެޗުތައް އިތުރުވެ، ކްލަބު ވޯލްޑް ކަޕް އަދި ޔޫއެފާ ޗެމްޕިއަންސް ލީގުގައި ވެސް އެންމެ މަތީ ފަންތީގައި ކުޅޭ ކުޅުންތެރިންނަށް ގިނަ މެޗުތަކެއް ކުޅެން ޖެހެއެވެ.

ފުޓުބޯޅަ ކުޅުންތެރިންގެ ޔޫނިއަން، "ފިފްޕްރޯ" އިން ވެސް ވަނީ ކުޅުންތެރިން ގިނަ މެޗުތައް ކުޅެން ޖެހޭތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. ދާދިފަހުން 1500 ކުޅުންތެރިން ބައިވެރިކޮށްގެން އެ ޔޫނިއަނުން ހެދި ސާވޭއަކުން ދައްކާގޮތުގައި، ކޮންމެ ހަ ކުޅުންތެރިޔަކުން އެއް ކުޅުންތެރިޔަކު ވަނީ މިދިޔަ ސީޒަނުގައި 55 އަށްވުރެ ގިނަ މެޗު ކުޅެފައެވެ.

އުމުރުން 47 އަހަރުގެ އޮންރީ ވަނީ ގިނަ މެޗުތައް ކުޅެން ޖެހުމުގެ ސަބަބުން މުހިންމު ކުޅުންތެރިންނަށް އަނިޔާގެ މައްސަލަތަކާ ކުރިމަތިލާން ޖެހޭކަން ފާހަގަކޮށްފައެވެ. އެގޮތުން މިސާލެއްގެ ގޮތުގައި އޭނާ ދެއްކި އެއް ކުޅުންތެރިޔަކީ ރެއާލް މެޑްރިޑްގެ އިނގިރޭސި ތަރި ޖޫޑް ބެލިންހަމްއެވެ.

ބެލިންހަމް ވަނީ މިދިޔަ ސީޒަނުގައި ރެއާލް މެޑްރިޑަށް 42 މެޗު ކުޅެ، ޔޫރޯ 2024 ގައި އިންގްލެންޑަށް ހަތް މެޗު ކުޅެފައެވެ. އޭނާގެ ފައިގެ މަސްގަނޑަށް މިދިޔަ މަހު ލިބުނު އަނިޔާއަކާ ގުޅިގެން މިވަގުތު ހުރީ ކުޅުމާ ދުރުގައެވެ.

"ގިނަ މެޗުތަކެއްގެ ވާހަކަ ދެއްކުމަކީ އެހެން މީހުންނަށް ވަރަށް ރަނގަޅު ކަމަކަށް ވެދާނެ. ނަމަވެސް ކޯޗެއްގެ ގޮތުގައި ހުރެ، ކުޅުންތެރިން އެވަރަށް މެޗުތައް ކުޅުމަކީ އަހަރެންނަށް ރަނގަޅު ކަމެއް ނޫން. ކުޅެން އެ ޖެހެނީ ވަރަށް ގިނަ މެޗު. އެކަމުގެ ސަބަބުން މިވަގުތު ބެލިންހަމް ވެސް ހުރީ އަނިޔާގައި،" އޮންރީ ބުންޏެވެ.

އޮންރީ ބުނީ ސީޒަންގެ ތެރެއިން ގައުމީ ޓީމަށް މެޗުތައް ކުޅެ، އަނެއްކާ ސީޒަން ނިންމާފައި ޔޫރޯ ފަދަ މުބާރާތްތަކުގައި ވާދަކުރަން ޖެހުމުން ގިނަ މެޗުތަކެއް ކުޅެން ޖެހޭ ކަމަށާއި ގިނަ މެޗުތަކެއް ކުޅޭތަން ބަލަން ގިނަ މީހުން ބޭނުންވި ނަމަވެސް، ކުޅުންތެރިންނަށް އެއީ ރަނގަޅު ކަމެއް ނޫން ކަމަށެވެ. އަދި އެކަމުގެ ސަބަބުން ކުޅުންތެރިންނަށް ރަނގަޅު ކުޅުމެއް ދެއްކޭގޮތެއް ވެސް ނުވާނެ ކަމަށް އޭނާ ބުންޏެވެ.

އޮންރީގެ އިތުރުން ބައެއް ފުޓުބޯޅަ ކޯޗުން ވެސް ވަނީ ފުޓުބޯޅަ ޝެޑިއުލަށް ފާޑުކިޔުންތައް އަމާޒުކޮށްފައެވެ. އެގޮތުން މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފައިވާ ގޮތުގައި ކުޅެން ޖެހޭ މެޗުތަކުގެ އަދަދު މަދުކުރުމަށް ކުޅުންތެރިންނަށް އޮތް ހަމައެކަނި ގޮތަކީ އިހުތިޖާޖަށް ނުކުތުމެވެ.