ށ. ޅައިމަގު ''ކުރިމަގު'' ބޯޓުގައި މަސައްކަތްކުރަން އުޅުނު ބަންގްލަދޭޝް ރައްޔިތެއް ކަމަށްވާ ލުތުފަރު، މަރާލީ އެއްޖިންސުން ގުޅުން ހިންގާތީ ކަމަށް ތަހުގީގަށް އެނގިފައިވާކަމަށް ފުލުހުން ބުނެފިއެވެ.
ލުތުފަރުގެ މަރާ ގުޅޭގޮތުން މީޑިއާއަށް މައުލޫމާތު ދިނުމަށް މިއަދު އިސްކަންދަރު ކޮށީގައި ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓްގެ ހެޑް، ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު ވިދާޅުވީ ތަހުގީގަށް މިހާތަނަށް އެނގިފައިވާ ގޮތުގައި އޭނާ މަރާލީ އެއްޖިންސުން ގުޅުން ހިންގާތީކަން ހައްޔަރުގައި ތިބި ބިދޭސީން ބުނެފައިވާކަމަށެވެ.
އެމައްސަލައިގައި ހައްޔަރުގައި ތިބި ހަތަރު ބިދޭސީންނާއި ހަވާލާދީ ޝިފާއު ވިދާޅުވީ ބޯޓް ތެރޭގައިވެސް ލުތުފަރު އެއްޖިންސުން ގުޅުން ހިންގާ ކަމަށް އެމީހުން ބުނެފައިވާ ކަމަށާއި އެފަދަ މައްސަލައެއް ލުތުފަރާ ގުޅޭގޮތުން މީގެކުރިން ހުށަހަޅާފައިވާކަމަށް ވެސް ވިދާޅުވިއެވެ. އަދި އެކަން ސާބިތުކުރެވޭ ވަރަށް ހެކި ލިބިފައިވާކަމަށް ޝިފާއު ވިދާޅުވިއެވެ.
މީގެއިތުރުން ލުތުފަރާއެކު ބޯޓުގައި މަސައްކަތްކުރި ހަތަރު ބިދޭސީންވެސް ހައްޔަރުކޮށްފައި ތިބިއިރު، އެމީހުން ވަނީ ލުތުފަރު މަރާލައި ކަނޑުފެއްތި ގޮތް ފުލުހުންނަށް ކިޔައިދީފައެވެ. ޝިފާއު ވިދާޅުވީ މިދިޔަ އޭޕްރީލް މަހުގެ 22 ވަނަ ދުވަހުގެރޭ ލުތުފަރު މަރާލިކަމަށް ތަހުގީގުގައި އެމީހުން އަމިއްލައަށް އިއުތިރާފުވި އިރު ކޯޓުގައި ވެސް އިއުތިރާފުވެފައިވާކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ލުތުފަރު މަރާލުމުގައި ބައިވެރިވީ ތިން ބިދޭސީއެކެވެ.
ލުތުފަރު މަރާލި ކަމަށްބުނާ ރޭ ބޯޓުތެރެއިން އާދަޔާ ހިލާފު އަޑެއް އިވިގެން އެރަށު ބަނދަރު ސަރަހައްދުގައި ތިބި ބަޔަކު އެކަން ފާހަގަކުރި ކަމަށާއި އެވަގުތު ބޯޓު އޮތީ 10 ފޫޓު ބޭރުގައި ކަމަށްވާތީ އެއްވެސް މީހަކަށް ބޯޓަށް ނޭރޭ ކަމަށެވެ.
ޝިފާއު ވިދާޅުވި ގޮތުގައި ބޯޓުތެރެއިން އަޑުއިވުނު ކަމަށް ބުނި ގަޑިއާއި ލުތުފަރު މަރާލި ކަމަށް ބުނާ ގަޑިއާއި އެއީ އެއްވަގުތެކެވެ. އޭނާ ވިދާޅުވި ގޮތުގައި ލުތުފަރު މަރާލީ ބޯޓުގެ ފަލްކާ މަތީގައި ނޭވާ ހާސްކޮށްލައިގެންނެވެ.
ލުތުފަރު މަރާލުމަށްފަހު އޭނާގެ ހަށިގަނޑު ފުރަތަމަ އެއްލާލީ ފަޅު ތެރެއަށެވެ. އަދި ބަނދަރުމަތިން މީހުން މަދުވުމުން އެރޭ 13:30 ގައި، ލުތުފަރުގެ ހަށިގަނޑު އަނެއްކާވެސް ބޯޓަށް ނެގިއެވެ. އަދި ލުތުފަރުގެ ހަށިގަނޑު ބޯޓަށް ނެގުމަށްފަހު، ލައިގެން ހުރި ޓީޝާޓް ބާލައި، ގައިން ފެން ފުހެ، އެހެން އެއްޗެއް ގަޔަށް ލެއްވުމަށްފަހު އާންމުކޮށް ލުތުފަރު ނިދަން އޮންނަތަނުގައި ބޭއްވި ކަމަށް ވެސް ވިދާޅުވިއެވެ.
އަދި ލުތުފަރާ މެދު ދެން ކަންތައް ކުރާނެ ގޮތަކާއިމެދު މަޝްވަރާކުރުމަށްފަހު ކަނޑުފައްތަން ނިންމި ކަމަށާއި އެރޭ ދެވަނަ ފަހަރަށް ލުތުފަރުގެ ހަށިގަނޑު ބޯޓުން ފަޅުތެރެއަށް ބޭލުމަށްފަހު ފަޅުތެރޭގައި އޮތް ފިނޮޅަކަށް ގެންގޮސް ހަށިގަނޑުގައި ބަރުއެލުވުމަށްފަހު ކަނޑުފެއްތީ ކަމަށް ޝިފާއު ވިދާޅުވިއެވެ.
ޝިފާއު ވިދާޅުވީ ލުތުފަރުގެ ހަށިގަނޑު ފެނުނު އިރު އޮތީ ވަރަށް ބޮޑަށް ހަލާކުވެފައި ކަމަށާއި ކަށިތައްވެސް ވަކިވެގެން އެކިތަންތަނަށް އޮޔާ ގޮސްފައިވާ ކަމަށެވެ.