ޕީޖީ އޮފީސް

ފައިސަލާ ކުރެވޭ ހުކުމެއް ނެރެވެންދެން ޔާމީންގެ އެކައުންޓްތައް ފްރީޒްކުރަން ދައުލަތުން ސުޕްރީމް ކޯޓުގައި އެދިއްޖެ

އިބްރާހިމް ޒަކީ

ރައީސް ޔާމީންގެ އެކައުންޓުގައި ހުރި ފައިސާ ދޫވެއްޖެނަމަ ދައުލަތަށް ލިބޭ ފައިސާ ގެއްލިދާނެތީ، ފައިސަލާ ކުރެވޭ ހުކުމެއް ނެރެވެންދެން ރައީސް ޔާމީންގެ އެކައުންޓްތައް ފްރީޒްކުރަން ދައުލަތުން މިއަދު ސުޕްރީމް ކޯޓުގައި އެދިއްޖެއެވެ.

ރައީސް ޔާމީންގެ އެކައުންޓްތައް ފްރީޒް ކުރުމަށް ކްރިމިނަލްކޯޓުން ނެރުނު ހުކުމް ހައިކޯޓުން ބާތިލް ކުރުމުން، އެ މައްސަލަ އިލްތިމާސްކޮށް ޕީޖީން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައާ ގުޅިގެން މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުގެ ވަކީލު ވިދާޅުވީ، ރައީސް ޔާމީންގެ ނަންފުޅުގައި އިސްލާމިކް ބޭންކުގައި ހުރި އެކައުންޓް ތަކާއި މޮރިޝަސް ކޮމާޝަލް ބޭންކްގައި އެމަނިކުފާނުގެ ނަންފުޅުގައި ހުޅުވާފައިވާ އެކައުންޓުން މުއާމަލާތް ކުރެވޭ ގޮތް ހުއްޓުވުމަށް އެދޭކަމަށެވެ.

ކްރިމިނަލް ކޯޓުގެ ހުކުމް ބާތިލްކޮށް، ރައީސް ޔާމީންގެ އެކައުންޓްތައް ފްރީޒްކުރުން ހުއްޓުވުމަށް، ހައިކޯޓުން ނެރުނު އަމުރަށް އަމަލު ކުރުން ފަސްކޮށްދިނުމުގެ ވަގުތީ އަމުރަކަށްވެސް ޕީޖީން މިއަދު ސުޕްރީމް ކޯޓުގައި ވަނީ އެދިފައެވެ.

އަދި ކްރިމިނަލް ކޯޓުން ނެރުނު އަމުރު، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 72 ވަނަ މާއްދާ އާއި 73 ވަނަ މާއްދާގައި ބުނާ އިޖުރާއަތްތަކާ ހިލާފުކަމަށް ހައިކޯޓުގެ އަމުރުގައި ކަނޑައަޅާފައި ވާތީ، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 72 ވަނަ މާއްދާ މާނަކޮށްދިނުމަށްވެސް ދައުލަތުގެ ވަކީލު ސުޕްރީމް ކޯޓުގައި އެދިފައިވެއެވެ.

ދައުލަތުގެ ވަކީލުގެ ވާހަކަތަކަށް ޖަވާބު ދެއްވަމުން ރައީސް ޔާމީންގެ ދިފާއީ ވަކީލު ވިދާޅުވީ، އަމުރު ތަކުގެ މުއްދަތު ހަމަވެފައިވާތީ، ޔާމީންގެ އެކައުންޓްތައް ފްރީޒުކުރުން ހުއްޓުވި ހުކުމަށް އަމަލު ކުރުން ފަސްކުރުމުގެ ވަގުތީ އަމުރަކަށް އެދުމުގެ ފުރުސަތު ދައުލަތަށް ލިބިގެންނުވާ ކަމަށެވެ.

އަދި ދައުލަތަށް ލިބިދާނެ ގެއްލުމަކަށް ޔާމީންގެ އެކައުންޓްތައް ފްރީޒުކުރަން ނުޖެހޭ ކަމަށާއި، އެ ފައިސާ ހުރީ އޭސީސީން ހަދާފައިވާ އެސްކްރޯ އެކައުންޓެއްގައި ކަމުން، އެ ފައިސާ ގެއްލޭނެ ގޮތެއް ނެތް ކަމަށްވެސް ވަކީލު ވިދާޅުވިއެވެ. ވަކީލު ވަނީ ހައިކޯޓުގެ އަމުރަށް ތާއީދު ކުރުމަށް ސުޕްރީމް ކޯޓުގައިއި އެދިފައެވެ.

މިއަދުގެ އިސްތިއުނާފު އަޑުއެހުމުގައި އުއްތަމަ ފަނޑިޔާރު ވިދާޅުވީ ދެން އޮންނާނީ މި މައްސަލައިގެ ހުކުމް އިއްވުން ކަމަށެވެ.